ޚަބަރު

އަރުޝީފުކުރަން ފެށުމަކީ ކުޅިވަރުގެ ކާމިޔާބީތަކުގެ ތާރީޚު ދެމިގެންދާނެ މުހިންމު މަސައްކަތެއް: ޑރ. ޒާހިރު


ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ކުޅިވަރުގެ ކާމިޔާބީތައް އަރުޝީފުކުރަން ފެށުމަކީ ވަރަށް މުހިންމު އަދި ކާމިޔާބު މަސައްކަތަކަށްވާނެ ކަމަށް ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ ޑރ. މުޙައްމަދު ޒާހިރު ހުސެއިން ވިދާޅުވެއްޖެއެވެ.

1996 އިން 2003 ވަނަ އަހަރާއި ހަމައަށް މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ވަޒީރުކަން އަދާކުރެއްވި ޑރ. ޒާހިރު ވިދާޅުވީ ކުޅިވަރުގެ ކާމިޔާބީތައް އަރުޝީފު ކުރަން ފެށުމަކީ އެކަމުގެ ސަބަބުން އެ ކާމިޔާބީތަކުގެ ތާރީޙު ދެމިގެންދާނެ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި އެކި ދުވަސްވަރު ކުޅިވަރުގެ ކަންކަން ދާނީ އެކި ގޮތަށް ކަމަށާއި އޭރުގެ ކާމިޔާބީތައް ފެންނަން ހުންނާނެހެން އަރުޝީފުކުރުމަކީ ފައިދާ ކުރާނެ ކަމެއް ކަމަށެވެ.

މިހާރު އޮތް ކުޅިވަރު ގާނޫނާއި ބެހޭ ގޮތުން ޑރ. ޒާހިރު ވިދާޅުވީ މިހާރު ކުޅިވަރުގެ ކަންކަން ދަނީ ވަރަށް ރަނގަޅަށް ކަމަށާއި ކުޅިވަރު ގާނޫނުގެ ސަބަބުން މުޅި ރާއްޖެއަށް ކުޅިވަރުތައް ފުޅާވެގެންދާނެ ކަމަށެވެ.

ޑރ ޒާހިރަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް އަގުހުރި ޙިދުމަތްތަކެއް ކުރައްވާ ރާއްޖެއަށް ކުޅިވަރުގައި ކާމީޔާބީތައް ހޯއްދަވާދެއްވުމަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މި ސަރުކާރުން ވަނީ ޑރ. ޒާހިރުގެ ހިދުމަތުގެ އަގު ވަޒަން ކުރައްވާ ކުޅިވަރުގެ ދާއިރާއަށް ކޮށްދެއްވި ހިދުމަތްތައް ފާހަގަ ކުރައްވާ ހަނދާނީ ފިލައެއްވެސް އަރުވާފައެވެ.

ރާއްޖެއަށް ކުޅިވަރުން ލިބިފއިވާ ކާމިޔާބީތަކާއި އެކާމިޔާބީތައް ހޯދައިދިން އެތުލީޓުންގެ މައުލޫމާތު ފެންނަށް ހުންނާނެ ގޮތަށް އަރުޝީފުކުރަން ފެށުމަކީ މި ސަރުކާރުން މުޅިން އަލަށް ފައްޓަވާފައިވާ މަސައްކަތެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން ކުރިޔަށް ގެންދަވާ މަސައްކަތެކެވެ.