ޚަބަރު

ރައީސްގެ ދެކަނބަލުން ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައިފި


  • ރައީސްގެ ދެކަނބަލުން ވަނީ ސިންގަޕޫރުގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ބައްދަލުކުރައްވާ، ވަގުތުކޮޅެއް ހޭދަކުރައްވާފައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ސިންގަޕޫރުގައި ހުންނަ ރިޓްސް ކަރލްޓަންގެ ގާޑަން ޕެވީލިއަންގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިންގަޕޫރްގައި ދިރިއުޅޭ އާޢިލާތަކާ ވަކިވަކިން ބައްދަލުކުރައްވާ އެ އާޢީލާތަކާއެކު ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ. އަދި އާޢިލާތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ފޮޓޯ ނަންގަވާފައެވެ.

ދިވެހި އާޢިލާތަކާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭރު ޤައުމުތަކުގައި ދިިރިއުޅޭ ދިވެހިންނާ ބައްދަލުކޮށް ހާލުއަހުވާލު އޮޅުންފިލުވުމަށް ޚާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވާފައެވެ.

ވަޒީރު ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުވެސް އެދިވަޑައިގަންނަވަނީ އެކި ބޭނުންތަކަށް ދިވެހިން އެކި ޤައުމުތަކަށް ދިރިއުޅުން ބަދަލުކުރިނަމަވެސް ދިވެހިންގެ އަޚުލާގާއި ރާއްޖޭގެ ރީތި ނަން ދެމެހެއްޓުމަށް ޚާއްސަ އިސްކަމެއް ދެއްވުމަށްކަން ފާހަގަކުރެއްވިއެވެ.

"ދުނިޔެ ތަރައްޤީވަމުން އަންނައިރު ދިވެހި މުޖުތަމައުގެވެސް ވިސްނުމާއި ފިކުރު ބަދަލުވެގެންދޭ. ދަރިންނަށް ކިޔަވައިދިނުމަށާއި، އަމިއްލައަށް ތަޢުލީމް ލިބިގަތުމަށާއި ވަޒީފާގެ ގޮތުންވެސް ތަންތަންތަނަށް ބަދަލުވަނީ އަމާން މާހައުލެއްގައި އަމާން ދިރިއުޅުމަށް. ބައެއް ފަހަރު ބައެއް ދަތިތައް ދިމާވޭ. ނަމަަވެސް ކޮންމެ މީހަކީވެސް ދިވެހިންގެ ރީތި ސިފަތަކާއި އަޚުލާގު އަދި ދިވެހިންގެ ރީތި ނަން ހިފެހެއްޓުމަކީ މުހިއްމުކަމެއް." ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.

ސިންގަޕޫރަށް ރައީސް ކުރައްވާ ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއްކަން ފާހަގަކުރައްވާ ދިވެހިންނަށް ފައިދާ ވާނެ ގިނަ ކަންކަން ހާސިލް ކުރުމަށް މަޝްވަރާކޮށް އެއްބަސްވުންތަކުގައި ސޮއިކުރެއްވިކަން ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަންނަނީ އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި ޤައުމުތަކުގައި އުޅޭ ދިވެހިންނަށް ބައްދަލުކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ އެ ޤައުމުގެ ރައީސްގެ ޚާއްސަ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މިއީ ރައީސްކަމަށް ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު ސިންގަޕޫރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.