ރާއްޖޭގެ މޫސުން ބަލާ ވިއުގައިގެ ފެންވަރު ރަނގަޅުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، ރާއްޖޭގެ މޫސުން ބަލާ އޮބްޒަވޭޓަރީއެއް ނ. މާފަރުގައި ޤާއިމްކުރުމަށް ނިންމައިފިއެވެ. މިއީ ރާއްޖޭގައި ޤާއިމްކުރާ 6ވަނަ އޮބްޒަވޭޓަރީއެވެ.
މިއީ ޔުނައިޓެޑް ނޭޝަންސް މަލްޓިޕާޓީ ޓްރަސްޓް ފަންޑް (ޔޫއެންއެމްޕީޓީއެފް) އާއި ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއުއެމްއޯ)ގެ އިތުރުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް)އިން ގުޅިގެން 4 އަހަރުގެ މުއްދަތަށް ކުރިއަށްގެންދާ ޚާއްސަ މަޝްރޫޢެކެވެ.
މިމަޝްރޫޢުގެ ދަށުން މިހާރު ރާއްޖޭގައި ޤާއިމްވެފައި ހުރި މޫސުމާ ބެހޭ އިދާރާތައް ނުވަތަ އޮބްޒަވޭޓަރީތަކުގައި ބަހައްޓާފައިވާ މޫސުމާ ބެހޭ އާލާތްތަކުގެ ފެންވަރު ރަނގަޅުކުރެވޭނެއެވެ. އަދި ނ. މާފަރުގައި އައު އޮބްޒަވޭޓަރީއެއް ޤާއިމްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިހާރު ރާއްޖޭގައި މޫސުން ބަލާ އޮބްޒަވޭޓަރީތައް ހުރީ ހުޅުލެ، ހދ. ހަނިމާދޫ، ލ. ކައްދޫ، ގދ. ކާޑެއްދޫ އަދި އައްޑޫ ސިޓީ ގަމުގައެވެ. މީގެ އިތުރުން ރާއްޖޭގެ 20 ރަށެއްގައި އޮޓޮމޭޓެޑް ވެދާ ސްޓޭޝަންތަކުގެ އިތުރުން ދިޔަވަރު ބަލާ ސްޓޭޝަންތައްވެސް ހުރެއެވެ.
With reps from @UNEP_AsiaPac @meteorologit @RIMES_news, govt stakeholders, the meeting established the project steering committee to oversee the implementation of this 4 year project with outcomes towards #earlywarningsforall pic.twitter.com/7pv3rTQCIK
— Maldives Meteorology (@MetMaldives) June 3, 2025
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ މޫސުން ބަލާ ވިއުގައިގެ ފެންވަރު ރަނގަޅުވެ، ދުރާލާ އިންޒާރު ދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ. އަދި ދުނިޔޭގެ މޫސުމާ ބެހޭ އޮބްޒަވޭޝަން ނެޓްވޯކަށް ރާއްޖެއިން ފޯރުކޮށްދޭ މައުލޫމާތުގެ ފެންވަރުވެސް އިތުރަށް ހަރުދަނާވެގެންދާނެކަމަށް އެއިދާރާއިން ވިދާޅުވިއެވެ.
މިމަޝްރޫޢުގެ ދަށުން ނ. މާފަރުގައި ޤާއިމުކުރާ އައު އޮބްޒަވޭޓަރީއަކީ ރާއްޖޭގެ އުތުރު ސަރަހައްދުގެ މޫސުމާބެހޭ މައުލޫމާތު އެއްކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ މަރުކަޒަކަށް ވެގެންދާނެކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
މީގެއިތުރުން، މިމަޝްރޫޢުގެ ދަށުން އައްޑޫ ސިޓީ ގަމުގައި ޤާއިމްކުރެވިފައިވާ ވައިގެ މަތީ ފަށަލަތަކުން މޫސުމާބެހޭ މައުލޫމާތު އެއްކުރާ ނިޒާމު (ރޭޑިއޯސޮންޑޭ) މަރާމާތުކޮށް އަލުން ބޭނުންކުރެވެންފެށޭނެއެވެ. އަދި މޫސުމާ ބެހޭ ވިއުގަތައް ދެމެހެއްޓުމަށް ބޭނުންވާ ތަކެއްޗާއި ތަމްރީނު ޕްރޮގްރާމުތައް ހިންގުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ މަސައްކަތު ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ މޫސުމާ ބެހޭ ޤައުމީ އިދާރާއާއި، ޔޫއެންއީޕީގެ އިތުރުން ފިންނިޝް މީޓިއޮރޮލޮޖިކަލް އިންސްޓިޓިއުޓާއި ރީޖަނަލް މަލްޓި ހެޒާޑް އާލީ ވޯނިންގ ސިސްޓަމް ފޯ އޭޝިއާ އެންޑް އެފްރިކާގެ އިތުރުން ރާއްޖޭގެ ކަމާބެހޭ ބައެއް މުއައްސަސާތަކުން 40 އަށްވުރެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.