ކުޅިވަރު

ނޭމާ ޓީމަށް ނުނެގުމަކީ އަންޗެލޮޓީގެ ރަނގަޅު ނިންމުމެއް: ރިވާލްޑޯ


ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމަށް ފޯވާޑް ނޭމާ ނުނެގުމަކީ އަލަށް ޓީމާ ހަވާލުވި ތަޖުރބާކާރު ކޯޗު ކާލޯ އަންޗެލޮޓީގެ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް ބްރެޒިލްގެ ތަރި ރިވާލްޑޯ ބުނެފިއެވެ.

2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ބްރެޒިލަށް ކާމިޔާބު ކޮށްދޭން އެންމެ މޮޅަށް ކުޅުނު އެއް ފޯވާޑް ބުނީ ނޭމާ ގައުމީ ޓީމަށް ނެގި ނަމަ އަންޗެލޮޓީ އަށް އެންމެން ފާޑުކިޔާނެ ކަމަށެވެ.

"އަންޗެލޮޓީގެ ވަރަށް ރަނގަޅު ނިންމުމެއް އެއީ. ނޭމާ މިވަގުތު ހުރީ ފިޓްކޮށެއް ނޫން. އޭނާ ހުރީ އަނިޔާގައި. އެ އަނިޔާއިން އޭނާ އަރައިގަތުމަށް އޭނާ އެ ދަނީ މަޑުމަޑުން މަސައްކަތް ކުރަމުން. މިވަގުތު އޭނާ ގައުމީ ޓީމަށް ނެގުމަކީ އަހަރެން ދެކޭ ގޮތުގައި ކޯޗަކު ކޮށްގެންވާނެ ކަމެއްނޫން،" ރިވާލްޑޯ ބުންޏެވެ.

ބާސެލޯނާ އާއި އޭސީ މިލާނަށް ވެސް ކުޅުނު ރިވާލްޑޯ ބުނީ ބްރެޒިލް މިވަގުތު ބޭނުންވަނީ މޮޅު ގައުމީ ޓީމެއް އުފައްދަން ކަމަށެވެ. މިހެންވެ ނަމަށް ބަލައިގެން ކުޅުންތެރިން ނެގުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި ނޭމާ ވެސް ގައުމީ ޓީމަށް އަރަން ވާނީ މުޅިން ފިޓްވެ މޮޅަށް ކުޅޭ ނަމަ ކަމަށެވެ.

ބްރެޒިލް ޓީމުން އަންޗެލޮޓީ ޖާގަ ދިން އެންމެ ފާހަގަ ކޮށްލެވޭ އެއް ކުޅުންތެރިއަކީ މިޑްފީލްޑަރު ކަސެމީރޯ އެވެ. އޭނަ އަށް ގައުމީ ޖާޒީން ފުރުސަތު މި ލިބުނީ ގާތްގަނޑަށް ދެ އަހަރެއްހާ ދުވަސް ފަހުންނެވެ. ނަމަވެސް ރިވާލްޑޯ ބުނީ މިއީ ރަނގަޅު ބަދަލެއް ކަމަށެވެ.

"އޭނާ އަކީ އަންޗެލޮޓީ ވަރަށް ރަނގަޅަށް ދަންނަ ކުޅުންތެރި އެއް. އަންޗެލޮޓީގެ ކޯޗުކަމުގައި އޭނާ ވަނީ ރެއާލް މެޑްރިޑުގައި މޮޅަށް ކުޅެފައި. އަދި އޭނާގެ ކުލަބު މެންޗެސްޓާގައި ވެސް މިހާރު ދަނީ ރަނގަޅު ކުޅުމެއް ދައްކަމުން. އެ ފަދަ ތަޖުރިބާކާރު ކުޅުންތެރިން ޓީމުގައި ތިބެންވާނެ،" ރިވާލްޑޯ ބުންޏެވެ.

އޭނާ ބުނީ އަންޗެލޮޓީ އަކީ ތަޖުރިބާކާރެއް ކަމަށާއި މިހެންވެ ފާޑު ނުކިޔައި އޭނާ އަށް ބްރެޒިލް ޓީމާއެކު މަސައްކަތް ކުރަން ވަގުތު ދޭން ޖެހޭނެ ކަމަށެވެ.