ޚަބަރު

ނޫސްވެރިންނަށް އެކި ބާވަތްތަކުގެ އިންޒާރު ދިނުމާއި ފުރައްސާރަކުރުން މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި


  • ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ޒިންމާދާރުކަމާއެކު ހިފުމަށްވަނީ ގޮވާލައްވާފައި

ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކަށް އަމާޒުކޮށް ސިޔާސީ ޕްލެޓްފޯމްތަކާއި މީސްމީޑިއާގެ މަންސަތަކުގައި އެކި ބާވަތްތަކުގެ އިންޒާރު ދިނުމާއި ފުރައްސާރަކުރުން މޯލްޑިވްސް މީޑިއާ ކައުންސިލުން ކުށްވެރިކުރައްވައިފިއެވެ.

މީޑިއާ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކަށް އަމާޒުކޮށް ސިޔާސީ ޕްލެޓްފޯމްތަކާއި މީސްމީޑިއާގައި އެކި ބާވަތްތަކުގެ އިންޒާރު ދިނުމާއި ފުރައްސާރަކުރުމާގުޅޭ ކަންބޮޑުވުންތައް އެ ކައުންސިލުގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.

ޚާއްސަކޮށް ވަކި ޖިންސަކަށް އަމާޒުކޮށްދޭ އެފަދަ ފިނޑި ހަމަލާތައް މީޑީއާ ކައުންސިލުގެ ބަޔާނުގައި ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކުރައްވާފައެވެ. އަދި ޒިންމާދާރު މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ޑިމޮކްރަސީގެ ހަތަރުވަނަ ބާރަށް ގަނާކުރުމަކީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ދަށަށް ހިނގައިދާނެ ފަދަ އަމަލެއްކަމަށް މީޑިއާ ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރައްވާއިރު އެންމެހާ ފަރާތްތަކުން ޒާތީ ތަޢައްސުބުން އެއްކިބާވެ ޒިންމާދާރު ކަމާއެކު އެ މިނިވަންކަމުގެ ބޭނުންކުރެއްވުމަށް މީޑިއާ ކައުންސިލުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މީޑިއާ ކައުންސިލުގެ ބަޔާނުގައި ޚާއްސަ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތަކާއި އެކި ބާވަތްތަކުގެ އަނިޔާ ތަޙައްމަލުކުރަމުންދާ ފަރާތްތައް، ރީ-ވިކްޓިމައިޒްވާގޮތަށް ޚަބަރާއި، ފޮޓޯ، ވީޑިއޯ އަދި މަޢުލޫމާތު އާންމުކުރުން އަދި އެއްވުންތަކުގެ ކަވަރޭޖް ގެނައުމުގައި އާންމު އަޙުލާޤީ މިންގަނޑުތަކާ ޚިލާފަށް ކޮންޓެންޓް ގެނައުމާއި ދޮގު މަޢުލޫމާތާއި، އޮޅުވާލުމުގެ ގޮތުން ދެވޭ މަޢުލޫމާތާއި ރުޅިވެރިކަން އުފެދޭފަދަ ވާހަކަތައް ރަޖިސްޓްރީކޮށްގެންނާއި ރަޖިސްޓްރީނުކޮށް ހިންގާ މީޑިއާ ވަސީލަތްތަކުން އާންމުކުރަމުންދާކަން ފާހަގަކުރައްވާފައިވެއެވެ. އަދި އިދާރާތަކުން މަޢުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްވެރިންނާއި މީޑިއާތަކުގެ މެދުގައި ތަފާތުކުރުންތައް ގެންގުޅޭކަންވެސް ފާހަގަކުރެއްވިފައިވާކަމަށާއި، އެފަދަ ކަންކަން ތަކުރާރު ނުކުރެއްވުމަށްވެސް އެންމެހާ ފަރާތްތަކަށް އެ ކައުންސިލުގެ ފަރާތުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މީޑިއާ ކައުންސިލުން ވަނީ މިފަދަ މައްސަލަތަކަކީ މީޑިއާގެ މިނިވަންކަމާއި ރައްޔިތުންގެ ޙައްޤުތަކާ ގުޅިފައިވާ ޙައްސާސް ކަންތައްތަކެއްކަމުން، އެފަދަ ކަންކަމާއި ޢަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށްވެސް މީޑިއާ ކައުންސިލުން ވަނީ އިލްތިމާސްކުރައްވާފައެވެ.