ޒަކާތުގެ ނިޒާމަކީ މުޅި މުޖްތަމަޢުން ފަޤީރުކަން ނައްތާލުން ކަށަވަރުކޮށްދޭ ނިޒާމެއްކަމަށާއި، ޒަކާތާ ބެހޭ ޝަރުޢީ އަދި އިދާރީ ކަންކަން އޮޅުންފިލުވައި ނަފުސު ހޭލުންތެރިކުރުވުމަކީ މުހިއްމުކަމެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ "ފަރުޟު ޒަކާތާއި އިޤްތިސާދާއި ހުރި ގުޅުން" މި މައުޟޫއެވެ.
ޚުތުބާގައި ވިދާޅުވީ، ޒަކާތުގެ ނިޒާމު ހަރުދަނާކުރެވިއްޖެނަމަ، ކުރާނެ މަސައްކަތެއް ނުވަތަ އަދާކުރާނެ ވަޒީފާއެއް ނެތިފައި ތިބި އެތައް ބަޔަކަށް އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވާނެކަމަށެވެ. އަދި ޒަކާތް ދެއްކުމުގެ ސަބަބުން އިޤްތިސާދުގައި ދައުރުކުރާ ފައިސާ އިތުރުވެ، ވިޔަފާރީގެ މުޢާމަލާތްތައް އިތުރުވާނެކަމަށެވެ.
އިސްލާމީ ރިވެތި އުޞޫލަކީ ތަނަވަސްކަމެއް ލިބިފައިވާ ނަމަ، އެ ތަނަވަސްކަމުން މިންވަރެއް ހޭދަކޮށްގެން އަނެކާއަށް އެހީތެރިވުންކަން ހަނދާންކޮށްދެއްވާ ޚުތުބާގައި ވިދާޅުވީ، ޒަކާތަކީ މުއްސަނދީންގެ މުދަލުންނަގައި، އޭގެ ހައްޤުވެރީންނަށް އަދާކުރާންޖެހޭ ޙައްޤެއްކަމަށެވެ. އަދި މުއްސަންގެ މުދަލުން ޒަކާތް ނެގުމުގެ ބޭނުމަކީ އެއްވެސް ޙާލެއްގައި އެބައިމީހުންގެ ތަނަވަސްކަން ނިގުޅައިގަނެ އެއުރެންގެ ޙައްޤުތަކަށް އަރައިގަތުމެއް ނޫންކަމަށެވެ.
ކީރިތި ރަސޫލާ ހަދީޡް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "ފަހެ އެބައިމީހުންގެ މުދަލުގެ ތެރެއިން އެންމެ ރަނގަޅު ތަކެތި ޒަކާތުގެ ގޮތުގައި ނެގުމާ މެދު ކަލޭގެފާނު ބިރުވެތިވާށެވެ!" އެބަހީ: ޒަކާތުގެ ގޮތުގައި މެދުމިނުގެ ތަކެތި ނަގާށެވެ! އެއީ ޒަކާތްދައްކާ މީހާގެ ނަފުސު އެ ކަމާ މެދު ރުހިގެން ވުމަށް ޓަކައެވެ" ޚުތުބާގައި ވިދާޅުވިއެވެ.
މުދަލު ޒަކާތްދިނުމަކީ ދީނުގެ މަތިވެރި ރުކުނަކަށް ވީ ނަމަވެސް، އެއާ މެދު ވަރަށް ގިނަ މީހުންގެ ހޭލުންތެރިކަން ކުޑަކަން ޚުތުބާގައިވަނީ ފާހަގަކުރައްވާފައެވެ.
ޒަކާތް ނެގުމާއި ޒަކާތް ބެހުމުގެ ހަރުދަނާ ނިޒާމެއް ދައުލަތުން ހަމަޖައްސަވައިފައިވާ އިރު، ޒަކާތްދެއްކުމުގެ ޝަރުޠުތައް ފުރިހަމަވާ އެންމެހައި ފަރާތަތްކަށް ޒަކާތް ދެއްކުމަށް ޚުތުބާގައި ވަނީ ގޮވާލައްވާފައެވެ. އަދި ޒަކާތާ ބެހޭ ޝަރުޢީ އަދި އިދާރީ ކަންކަން އޮޅުންފިލުވައި ނަފުސު ހޭލުންތެރިކުރުވުމަށް ވެސް ޚުތުބާގައިވަނީ ގޮވާލައްވާފައެވެ.
ތާބިޢީ ބޭކަލެއްކަމުގައިވާ އިބްރާހީމުއްނަޚަޢީ ވިދާޅުވެފައި ވެއެވެ. "ވެރިމީހާ ޒަކާތް ނަގައިފި ނަމަ، ފަހެ، ތިބާގެ ކިބައިން އެ ކަމުގެ ޒިންމާ ކެނޑިގެން ހިނގައްޖެއެވެ." ޚުތުބާގައި ވިދާޅުވިއެވެ.
ޒަކާތަކީ މުދާވެރިއަކު ފޯރުކޮށްދޭ ފަރުދީ ޢިޙުސާންތެރިކަމެއްނޫންކަން ހަނދާންކޮށްދެއްވާ ޚުތުބާގައި ވިދާޅުވީ، ދީން ބާރުއަޅަނީ ޙަލާލު މަސައްކަތުން ރިޒުޤު ހޯދުމަށްމަށެވެ. ކުރާނޭ މަސައްކަތެއް އޮވެފައި، ހަށިގަނޑުގައި ވަރުހުރި ނަމަ، އެ ފަދަ މީހަކަށް ޒަކާތް ލިބިގަތުން ހުއްދައެއް ނުވާނެކަން ފާހަގަކުރައްވާ ޚުތުބާގައި ވިދާޅުވީ، ޒަކާތް ފަރުޟުކުރެއްވީ މުއްސަނދީންގެ މުދަލުންނަގައި، އޭގެ ޙައްޤުވެރީންނަށް އަދާކޮށްދިނުމަށްޓަކައި ކަމަށެވެ.