ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓު ޓަވަރުތަކުގައި އަލަށް ޤާއިމްކުރާ ހުރިހާ ލިފްޓެއްގެ މަސައްކަތް ނިންމައި، ނޮވެންބަރު މަހު ބޭނުންކުރަން ފެށޭނެކަމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ވިދާޅުވެއްޖެއެވެ. އެކުންފުނިން މިހާރު ވަނީ 4 ފްލެޓެއްގައި ލިފްޓު ހަރުކޮށް ނިންމާފައެވެ. އަދި މިހާރު ކުރިއަށްދަނީ ބާކީހުރި ޓަވަރުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތެވެ.
ކޮންމެ ހިޔާ ޓަވަރެއްގައި އިތުރަށް 2 ލިފްޓު ހަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. މިގޮތަށް އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވީ ބައެއް ގަޑިތަކުގައި އެތައް އިރެއް ވަންދެން އެޕާޓްމަންޓަށް ނުދެވި މީހުން ތިބެންޖެހޭތީ، އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުންނެވެ.
މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެޗްޑީސީގެ އެސިސްޓެންޓް ޑިރެކްޓަރ ޙަސަން ޝަހީދު ވިދާޅުވީ ހިޔާގެ ފުރަތަމަ ދެ ޓަވަރުގައި ޤާއިމުކޮށްފައިވާ ލިފްޓުތައް އަންނަ މަހުގެ 12 ވަނަ ދުވަހު ބޭނުންކުރަން ފަށާނެކަމަށެވެ. އަދި ޓަވަރު 3 އަދި 4 ގައި ޤާއިމުކުރާ ލިފްޓުތައް އަންނަ މަސް ނިމުމުގެ ކުރިން ބޭނުންކުރަން ފެށޭނެކަމަށް ޝަހީދު ވިދާޅުވިއެވެ.
ޝަހީދު ވިދާޅުވީ މުޅި މަޝްރޫޢުގެ 58 އިންސައްތަ ނިމިފައިވާކަމަށެވެ. އަދި މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ 75 އިންސައްތަ ތަކެތި މިހާރު ރާއްޖެ ގެނެވިފައިވާކަމަށާއި، ބާކީ ތަކެތި 45 ދުވަހުގެ ތެރޭގައި ރާއްޖެ ގެނެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މުޅި މަސައްކަތް ނިންމައި، ނޮވެންބަރު މަހުގެ ތެރޭގައި ހުރިހާ ލިފްޓެއް ބޭނުންކުރަން ފެށޭނެކަމަށް އޭނާ ވިދާޅުވިއެވެ.
"ހުކުރު ވަގުތާއި ސްކޫލް ފެށޭ ނިމޭ ގަޑީގައި ވަރަށް ބޮޑަށް ލިފްޓު ބާރު ބޮޑުވޭ. މިކަމަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ." ޝަހީދު ވިދާޅުވިއެވެ.
ހިޔާގެ 16 ޓަވަރުގައި ހަރުކުރާ އިތުރު 2 ލިފްޓު ފަރުމާކޮށްފައިވަނީ ލޮލަށް ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށްވެސް ބޭނުން ކުރެވޭނެ ގޮތަށެވެ. އަދި ބަލި މީހުން އެރުވުމަށް ސްޓްރެޗަރ ބެޑްވެސް އެރުވޭނެ ޖާގަ މި ލިފްޓުތަކުގައި ހުރެއެވެ.
ހިޔާގެ ކޮންމެ ޓަވަރެއްގައި 400އެއްހާ އެޕާޓުމަންޓު ހިމެނެއެވެ. ކޮންމެ ޓަވަރެއްގެ އާބާދީ 2000އާއި ގާތްކުރެއެވެ. މިހާރު ފްލެޓެއްގައި ހުންނާނީ 3 ނުވަތަ 4 ލިފްޓެވެ.
ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގްރޫޕާއި ހަވާލުކޮށްގެންނެވެ. މިއިން ކޮންމެ ލިފްޓަކަށް އެއްފަހަރާ 16 މީހުންނަށް އެރޭނެއެވެ.