އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޤުފު ފަންޑު ތަރައްޤީކޮށް، ޝަރުޢީ އުޞޫލުތަކާ އެއްގޮތަށް، ނަގުދު ފައިސާ ވަޤުފު ކުރެވޭނެ ނިޒާމު ޤާއިމުކޮށްފިއެވެ.
ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤްފު ފަންޑުން ހޭދަކުރުމުގެ އުޞޫލު އެކުލަވާލާ، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން މިހާރު ވަނީ އާންމުކުރައްވާފައެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ކޭޝް ވަޤުފުން އިންވެސްޓްކޮށް އޭގެ ސާފު ފައިދާއިން އިސްލާމީ ދާއިރާތަކަށް ހޭދަކުރަން ނިންމާފައިވާކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ތެރެއިން ﷲ ގެ މަގުގައި ނަޤުދު ފައިސާ ވަޤުފުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވިފައިވާކަމަށެވެ.
ވަޤުފު ފަންޑަށް ޞަދަޤާތާއި ޚައިރާތާއި ހިބައާއި ވަޞިއްޔަތުގެ ގޮތުން ދޭ ހަދިޔާވެސް ބަލައިގަނެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިބައި ފަންޑުގެ ތެރޭގައި ބެލެހެއްޓިގެން ދާނީ ކޭޝް ވަޤުފާ ވަކިން ހަރުދަނާ ނިޒާމެއްގެ ތެރެއިންކަމަށެވެ. މި ހެޔޮ ބަދަލަކީ ފަންޑު އުފެދުނުތާ 15 އަހަރު ފަހުން ގެނެވޭ އެންމެ ބޮޑު ހެޔޮ ބަދަލުތައްކަމަށާއި، މި ފަންޑު ފަށަނީ 15 މިލިޔަން ރުފިޔާގެ ފަންޑަކާއެކުކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
• ފަންޑުގެ ވަޤްފުގެ ރުކުންތައް ބަޔާންކުރުން
• ފަންޑުގެ ނާޒިރާއި އެ ފަރާތުގެ މަސްއޫލިއްޔަތުތައް ބަޔާންކުރުން
• ފަންޑުން އެހީއަށް އެދި ހުށަހަޅާ ފަރާތްތަކަށް ދެވޭނެ އެހީ ބަޔާންކުރުން
• ފަންޑުން އެހީ ދޫކުރުމުގައި ގެންގުޅޭނެ މިންގަނޑުތަކާއި އުސޫލުތައް ބަޔާންކުރުން
• ފަންޑުން އެހީތެރިކަން ފޯރުކޮށްދެވޭނެ ފަރާތްތަކާއި ހާލަތްތައް ކަނޑައެޅުން
• ވަޤްފެއްކަން ސާބިތުކުރުމަށް ބޭނުންކުރެވިދާނޭ އުސޫލެއް އެކަށައެޅުން
މި އުޞޫލުގައިވާގޮތުން ރާއްޖޭގެ ރައްޔިތުންނާއި ރާއްޖޭން ބޭރުގެ އެކި ފަރާތްތަކުގެ އިތުރުން ރާއްޖެއާއި ރާއްޖޭން ބޭރުގައި ހިންގާ ވިޔަފާރިތަކުންނާއި އެނޫންވެސް ފަރާތްތަކުން ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވުމަށްދޭ ފައިސާ ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓުގައި ކަނޑައެޅިފައިވާ ގޮތަށް ބޭނުންކުރަން ޖެހެންދެން ޖަމާކޮށްފައި ބަހައްޓަންވާނީ މި ފަންޑުގައެވެ.