ޒަކާތަކީ އިސްލާމްދީނުގެ އިޖްތިމާޢީ އަދާލަތުގެ ބިންގާކަމަށަށާއި، ޒަކާތާ ގުޅުންހުރި ހައްޤުތައް އަދާކުރުމުގައި ރައްކާތެރިވާންޖެހޭކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރަމަޟާންމަހުގެ ރޭތައް އިޙްޔާ ކުރުމަށް މައުމޫން ފައުންޑޭޝަނުން އިސްނަގައިގެން މިރޭ ބޭއްވި އިޙްޔާ ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ. މައުމޫން ފައުންޑޭޝަނުން ސިލްސިލާކޮށް ބާއްވަމުންދާ އިޙްޔާ ފޯރަމްތަކުގެ ތެރެއިން މިރޭގެ ފޯރަމް މައިގަނޑުގޮތެއްގައި އަމާޒުކޮށްފައިވަނީ "އިޖްތިމާޢީ އަދާލަތު ޤާއިމުކުރުމުގައި ޒަކާތުގެ ދައުރު" މި މަޢުޟޫއަށެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދިޔަ މި ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، އިސްލާމްދީނަކީ ހުރިހާގޮތަކުން ބެލިޔަސް، ހުރިހާ ޒަމާނަކަށް އެންމެ އެކަށީގެންވާ، އެންމެ ލުއިފަސޭހަދީންކަމަށެވެ. އަދި އެކަން އިސްލާމްދީނުގެ ކޮންމެ ރުކުނަކަށް ބަލާލުމުންވެސް އެނގި ހާމަވެގެންދާކަން ރައީސް މައުމޫން ފާހަގަކުރެއްވިއެވެ.
ރައީސް މައުމޫން ވިދާޅުވީ، ޒަކާތް ފިޔަވާ އިސްލާމްދީނުގެ ކޮންމެ ރުކުނަކީވެސް ބާލިޣުވެފައިވާ މީހުންނަށާއި ހަމަ ބުއްދީގެ އަހުލުވެރިންނަށް ވާޖިބު ރުކުންތަކެއް ކަމަށެވެ. އެހެންނަމަވެސް ޒަކާތަކީ އެންމެންގެ މައްޗަށްވެސް އެއްވެސް އިސްތިސްނާއެއްނެތި ވާޖިބުވާކަމެއްކަން ފާހަގަކުރައްވާ އެކަމުންވެސް ޒަކާތުގެ މުހިންމުކަން ހާމަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ނަމާދުކުރާކަށް ނުޖެހޭ ކުޑަކުއްޖާ، ރޯދަހިފާކަށް ނުޖެހޭ، ޙައްޖަށްދާކަށް ނުޖެހޭ. އެކަމަކު ޒަކާތް ދައްކަންޖެހޭ. އޭނައެއްނޫން ދައްކާނީ، އޭނާގެ ފަރާތުން އޭނަގެ ބަލަދުވެރިޔާ ދައްކާނީ. އެހެންނަމަވެސް އޭނަގެ ފައިސާގައި، އޭނަގެ މުދަލުގައި، އޭނައަށް ނިސްބަތްވާ އެއްޗެއްގައި ޒަކާތް އޮންނާނެ. އެ އެބަ ދައްކަންޖެހޭ. އޭގެ ފައިދާ މުޅި މުޖުތަމަޢުއަށްވެސް ލިބިގެން މިދަނީ. އެހެންވީމަ އެއީ ޒަކާތުގެ މުހިންމުކަމަކީ. އެއީ އެންމެންގެ މައްޗަށް އެއްވެސް އިސްތިސްނާއެއްނެތި ވާޖިބުވާ އެއްޗަކަށްވާތީ." ރައީސް މައުމޫން ވިދާޅުވިއެވެ.
މުއްސަނދިންނަށް ލިބޭ މުއްސަނދިކަމަކީ ހަމައެކަނި ތިމާގެ އަމިއްލަ ޒާތަށް ލިބޭ މުއްސަނދިކަމެއްނޫންކަމަށާއި، މުޅި މުޖުތަމަޢުގެ ހައްޤު އޭގައި ހިމެނޭކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި އެ ހައްޤުތައް އަދާކުރަންޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެހެންމެ ޒަކާތަކީ އިސްލާމްދީނުގައި އިޖްތިމާޢީ އަދާލަތު ބިނާކުރުމުގައި ވަރަށް ބޮޑަށް އެހީތެރިވެދޭކަމެއް ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
މި މަޢުޟޫއަށް މިރޭގެ ފޯރަމްގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދުވެސް ވަނީ ތަޤުރީރުކުރައްވާފައެވެ. ވަޒީރުގެ ވާހަކަފުޅުގައި ވަނީ ޒަކާތަކީ މުޅި އުންމަތުގެ މަސްލަޙަތު އެކަމުގައި ހިމެނޭ މުހިންމުކަމެއްކަން ފާހަގަކުރައްވާފައެވެ. ވަޒީރުގެ ތަޤުރީރުގައި ޒަކާތުގެ ގޮތުގައި ލިބޭ ފައިސާއަށް މުޖުތަމަޢުގެ ލާބައާއި މަންފާއަށް ހޭދަކުރެވިދާނެ ގޮތްތަކުގެ މައްޗަށްވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ.
"ފަންޑު ބޮޑުކޮށްގެން ފަޤީރު މީހާއަށް ބޯހިޔާވަހިކަންވެސް ގަނެދޭންވީ. އޭނާއަށް ހިލޭ ބޭސްވެސްކޮށްދޭންވީ. އޭނާގެ ދަރިންނަށް ކިޔަވައިވެސްދޭންވީ. އަދި ފިކުރީގޮތުން އުންމަތަށް އަންނަ ގޮންޖެހުންތައް ކުރިމަތީގައި ވަރުގަދަ ޢިލްމީ ޙަޟާރަތެއްވެސް ޤާއިމުކުރަންވީ. ދަރިންނަށް ބޭރުގެ އެކިއެކި ޔުނިވަރސިޓީތަކަށް ފޮނުވައިގެން ކިޔަވައިވެސްދޭންވީއޭ. އިސްލާމީ އުންމަތަށް ތަމްކީނުވުމުގެ ކޮންމެ ފުރުޞަތަކަށް މީގެ ބޭނުން އަޅުގަނޑުމެންނަށް ކުރެވިދާނެ." ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ބާއްވާ މިފަދަ އިޙްޔާ ފޯރަމްތަކަކީ ވަރަށް ވަރުގަދަ ޢިލްމީ ތަރުބަވީ މަދަރުސާއެއްކަމަށް ވިދާޅުވިއެވެ. އަދި މި ފޯރަމްތަކަކީ އޭގެ ސަބަބުން އެތައް ރައްޔިތުންނަކަށް ފައިދާ ލިބިގެންދާ ކަމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމުގެ ގޮތުން މައުމޫން ފައުންޑޭޝަނުން އިސްނަގައިގެން ކޮންމެ ރަމަޟާންމަހަކުވެސް އަންނަނީ މި ފޯރަމް ބާއްވަމުންނެވެ.