ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކެނެޑާގެ އައު ބޮޑުވަޒީރު، މާކް ޖޯސެފް ކަރނީ، މަޤާމާއި ހަވާލުވެވަޑައިގަތުމުން އެ މަނިކުފާނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ކެނެޑާގެ އައު ބޮޑުވަޒީރު، މާކް ޖޯސެފް ކަރނީއަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވީ، އެ މަނިކުފާނަށް ފޮނުއްވި މެސެޖެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ކެނެޑާގެ ބޮޑުވަޒީރު ކަރނީގެ ޒަޢާމަތުގައި އެޤައުމުގައި ހަމަޖެހުމާއި ފާގަތިކަން ދެމި އޮންނާނެކަން ޔަޤީން ކުރައްވާކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ކެނެޑާގެ އައު ބޮޑުވަޒީރަށް ކާމިޔާބީއާއި، ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެންނެވިއެވެ. އަދި ކެނެޑާގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާވަނީ އެދިވަޑައިގެންފައެވެ.