މާލޭ ކުޅިވަރު އެކުވެނީގައި ކުރިއަށްގެންދާ ހަރަކާތްތައް އެހެން ދިމާއަކަށް ބަދަލުކޮށް، އެތަން ކްރިކެޓް ސްޓޭޑިއަމަކަށް ހެދުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
މިިދިޔަ ބުދަ ދުވަހުގެރޭ ބޭއްވި ކްރިކެޓް ހަވީރު ހަފުލާއަށްފަހު "ޕީއެސްއެމް ނިއުސް" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ ބައިނަލްއަގުވާމީ ކްރިކެޓް މުބާރާތަކީ ހަމަ ކޮންމެހެންވެސް ރާއްޖޭގައި ބާއްވަން ބޭނުންވާ މުބާރާތެއް ކަމަށާއި، ދިވެހި ކްރިކެޓް އިތުރު ފެންވަރަށް ގެންދެވެން ޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
"އެހެންވީމަ އެ މަސައްކަތް މިހާރު ކުރަމުން މިދަނީ. ދެން ބައިނަލްއަޤްވާމީ މުބާރާތަކީ ހަމަ ކޮންމެހެންވެސް ރާއްޖޭގައި ބާއްވަން ބޭނުންވާ އެއްޗެއް. އިރާދުކުރެއްވިއްޔާ މިނިސްޓްރީން ކުރިކެޓް ބޯޑަށް ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނަން. މިދިޔަ އަހަރުވެސް ކުރިކެޓް ކުރިއަރުވަން ކުރަން ހުރި ކަންތައްތަކެއްގެ ވާހަކަ ދެކެވުނު. އޭގެ ތެރޭގައި ހުންނަނ ޖެހޭ ކަމެއް، ރީޖަނަލް ފެންވަރުގެ މުބާރާތްތަކެއް ރާއްޖޭގައި ބޭއްވެން ޖެހޭނެ. އޭރުން ކުރިކެޓަށް ލޯބިކުރާ މީހުންވެސް ގިނަވާނެ" ކަމަށް ވަޒީރު ރާފިޢު ވިދާޅުވިއެވެ.
ކްރިކެޓް އެހެން ހަރުފަތަކަށް ގެންދިއުމާ ގުޅޭ ގޮތުން އެންމެ ބޮޑަށް ދެކެވުނު އެއްވާހަކައަކީ މި ސަރަހައްދުގައި އެހެން ގައުމުތަކުގެ ވާހަކަކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެ ގައުމަތެކެކޭ އެއްގޮތަށް ދިވެހި ކުރިކެޓްވެސް އެހެން ހަރުފަތަކަށް ގެންދެވޭނެ ކަމަށެވެ.
"ކީއްވެތޯ ނުދެވެންވީ. ރާއްޖެއަށްވެސް ދެވޭނެ އެއްފެންވަރަށް. ނުދެވެންވީ ސަބަބެއް ނެތް. ސައުތު އޭޝިއާގައި ހުރިހާ ގައުމުތަކެއްހެން ހަމަ ގިނަ ގައުމުތަކަކީ ކުރިކެޓަށް ވަރަށް މޮޅު ގައުމުތަކެއް. އެހެންވީމާ ރާއްޖޭގެ ކުޅުންތެރިން މިއަށްވުރެ އިތުރު ލެވެލަކަށް ގެންދެވޭނެ ކަމަށް އަޅުގަނޑުމެން ދެކުނީ" ވަޒީރު ވިދާޅުވިއެވެ.
އެކަމަކުވެސް އެ ހިސާބަށް ދިއުމަށްޓަކައި ވަރަށް ގިނަ ކަންތައްތަކެއް ކުރަން ޖެހިފައިވާ ކަމަށާއި، އޭގެ ތެރޭގައި ރީޖަނަލް ފެންވަރުގެ މުބާރާތްތަކެއް ރާއްޖޭގައި ކުޅެވެން ޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މީހުންނަށް އެކަން އެބަ އިނގެން ޖެހޭ. އޭރަށް ކުރިކެޓަށް ލޯބިކުރާ ކުދިންވެސް ގިނަވާނީ އަދި ހަމައެއާއިއެކު ކުރިކެޓް ކުޅޭނެ ކުރިކެޓަށް ހާއްސަ ދަނޑެއް އޮންނަން ޖެހޭކަމަށް އަޅުގަނޑު ގަބޫލުކުރަނީ" ވަޒީރު ވިދާޅުވިއެވެ.
މީގެ ކުރިންވެސް ކޮންމެ ކުޅިވަރަކަށްވެސް ހާއްސަ އެއް ފީލްޑެއް އޮންނަށް ޖެހޭނެ ކަމަށް މިދިޔަ އަހަރުވެސް ވިދާޅުވެފައިވާނެ ކަމަށާއި، ކުރިކެޓް ވިޔަސް އެހެން ކުރިވަރެއްވިޔަސް ކުރިއެރުވޭނީ އެތަނުގެ ބޭނުން ހިފައިގެން އެތަނުގައި ވަރަށް ގިނަ ވަގުތު ހޭދަކޮށްގެން ކަމަށް ވަޒީރު ވިދާޅުވެފައެވެ.
ކޮންމެ ކުޅިވަރެއްވެސް ކުރިއަރައިގެން ދާނީ އެކަމަށް ހާއްސަ އެއް ފީލްޑެއްގައި އެކި އުމުރުފުރައިގެ ކުދިންނާއި އެކިި ކަންކަމަށް ޓްރޭނިންތައް ބާއްވައިގެން ކަމަށާއި، އެގޮތުން ކުރިކެޓަކީ މިހާރު ވަކި ހާއްސަ އެއްވެސް ފީލްޑެއް ނެތް ކުޅިވަރެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެހެންނަމަވެސް މިހާރު ކުރިކެޓް ކުޅޭ ތަނަކީ އާންމުން ވަރަށް ގިނައިން އެތަނަށް ގޮސް ކަސްރަތުކޮށް އެކި އެކި ކަންތައްތަކަށް ހަރަކާތްތައް ކުރާ ތަނެއްވީމަ އެތަން ބަދަލުކުރަން އުނދަގޫ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުގެ އުންމީދަކީވެސް، މި މަސައްކަތް ކުރަނީވެސް ކުރިކެޓަށް ހާއްސަ ކުރިކެޓް އެރީނާއެއް ކުރިކެޓް ކުޅޭނެ ތަނެއްގެ މަސައްކަތް. ހަމަ މާލޭ އޭރިއާގައި ތަނެއް އޮންނަން ޖެހޭނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ" ކުޅިވަރު ވަޒީރު ރާފިޢު ވިދާޅުވިއެވެ.