ކުޑަކުދިންގެ ހައްޤުތަކަށް ރައްކާތެރިވެ، އެ ކުދިންނަށް އިހްތިރާމްކުރުމަކީ ރާއްޖޭގެ ޤާނޫނުތަކުގެ އިތުރުން، އިސްލާމްދީނުގައިވެސް އަޅުގަނޑުމެންގެ މައްޗަށް ވަރަށް ބޮޑަށް ބާރު އަޅާފައިވާ ކަމެކެވެ. އެހެންކަމުން ކުޑަކުދިންގެ ހައްޤުތަކަށް އަރައިގަންނަ މީހުންނާމެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ރާއްޖޭގެ ޤާނޫނުތަކުގައިވެސް ބަޔާންކޮށްފައެވެ. ޤާނޫނުތައް ހަރުކަށިކުރުމުގެ އިތުރުން، ކުޑަކުދިންގެ ހައްގުތަކާއި ގުޅޭގޮތުން އާއްމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރަންވެސް ރާއްޖޭގައި ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ހުރިހާ މަސައްކަތެއް ކުރަމުންދާއިރުވެސް. ދިވެހި މުޖްތަމަޢުގެ ތެރޭގައި ކުޑަކުދިންގެ ހައްގުތަކަށް އިހުމާލުވާ މަންޒަރު ދަނީ ފެންނަމުންނެވެ. މިކަމުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ސިޔާސީ ބޭނުމަށް ކުޑަކުދިންގެ ނަން ބޭނުންކޮށްގެން، އެ ކުދިންގެ ހައްގުތަކަށް އަރައިގަތުމެވެ.
ސިޔާސީ ބޭނުމަށް ކުޑަކުދިންގެ ހައްޤުތަކަށް އަރައިގަތުމުގައި އެންމެ ފުޅާ ދާއިރާއެއްގައި މިހާތަނަށް މަސައްކަތްކޮށްފައިވަނީ އަދި ކުރަމުންދަނީ އިދިކޮޅު އެމްޑީޕީގެ އިސްވެރިންނާއި އެކްޓިވިސްޓުންކަމީ ގިނަ ބަޔަކު ޤަބޫލުކުރާ ހަޤީޤަތެކެވެ. ސިޔާސީގޮތުން ވާދަވެރި ފަރާތާއި ދެކޮޅަށް ކުރާ މަސައްކަތުގައި "ހަމަލާދޭ އަމާޒަށް" ނުވަތަ "ޓާގެޓަކަށް" އެބައެއްގެ ދަރިންނާއި އަނބިންނާއި އާއިލާގެ ފަރާތްތައް ހެދުމަކީ އެމްޑީޕީން އަބަދުވެސް ކުރަމުންދާ މަސައްކަތެކެވެ.
ރައީސް މައުމޫންގެ ވެރިކަމުން ފެށިގެން އެމްޑީޕީގެ ފަރާތުން އަންނަނީ މި މަންޒަރު ފެންނަމުންނެވެ. ރައީސް މައުމޫންގެ ބޭފުޅުންނާއި އެމަނިކުފާނަށް ކާފަ ވިދާޅުވާ ބޭފުޅުންގެ ހައްގުތަކަށް އަރައިގަނެ، ހަޤީޤަތާއި ހިލާފު އެތައް ވާހަކަތެއް އެމްޑީޕީން ފެތުރިކަން އެއީ ތާރީހުން ފެންނަން އޮތް ހަޤީގަތެކެވެ. އޭގެފަހުން ދެން ފެނިގެންދިޔައީ ރައީސް ވަހީދާއި އެމަނިކުފާނުގެ ބޭފުޅުންނާއި އެމަނިކުފާނަށް ކާފަ ވިދާޅުވާ ބޭފުޅުންގެ ހައްޤުތަކަށް ކެނޑިނޭޅި އަރައިގަންނަމުންދިޔަ މަންޒަރެވެ. ރައީސް ޔާމީންގެ ވެރިކަމުގައިވެސް އެމްޑީޕީގެ އަމަލުތައް ހުރި މިކަހަލަގޮތަކަށްކަން އެއީވެސް ފެންނަން ހުރި ހަޤީޤަތެވެ.
އެމްޑީޕީގެ އިސްވެރިން މުޒާހަރާތަކާއި ޕޯޑިއަމްތަކުގައި ވާހަކަ ދައްކާއިރު ކުޑަކުދިންގެ ހައްޤުތަކަށް އަރައިގަންނަ މައިގަނޑު އެއް ސަބަބަކީ ސިޔާސީގޮތުން ދައްކާނެ އިތުރު ވާހަކައެއް ނުވަތަ ފާޑު ކިޔަން ކިޔާނެ އިތުރު އެއްޗެއް ނޭނގުމެވެ. މިއަދުވެސް ފެންމަތިވެގެން މިއުޅެނީ އެފަދަ މައްސަލައެކެވެ.
އެމްޑީޕީން ހައެއްކަ މީހުންނާއެކު ބޭއްވި އެއްވުމެއްގައި އަނެއްކާވެސް މިވަނީ ކުޑަކުއްޖެއްގެ ހައްޤަށް އަރައިގެންފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ދަރިކަލުންގެ ހައްޤަށް އަރައިގަނެ، އެ ދަރިކަލުންނާއި ގުޅޭގޮތުން ހަޤީޤަތާއި ހިލާފު ވާހަކަތައް ފެތުރީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް މުހައްމަދު ނަސީމްގެ މަންމާފުޅު، އަދި އެމްޑީޕީގެ އިސް އެކްޓިވިސްޓެއްކަމަށްވާ މަރިޔަމް ޒުބައިރު، މަންދީއެވެ. އަދި ކުޑަކުއްޖެއްގެ ކާރާމާތަށް އުނިކަން އަންނަ ގޮތަށް އަޑުގަދަކޮށް މިއޮތްފަދަ ރޯދަމަހު މަންދީ އެ ވާހަކަތައް ދެއްކީ ގުރުއާން ކިޔަވަން ބަޔަކު އެއްވެ ތިބި ހޯލެއްގެ ބޭރުގައި ހުރެގެނެވެ. އޭރު އެ ވާހަކަތައް ނިސްބަތްވާ ކުޑަކުއްޖާގެ މަންމާފުޅު ހުންނެވީ ގުރުއާން ކިޔަވަން ތިބި ބޭފުޅުންނާއެކު އެ ހޯލުގައެވެ.
މަންދީއަކީވެސް ދަރިއަކު ހުންނަ ބޭފުޅަކަށްވާއިރު، އަނެއްކާގެ ކުއްޖަކާއި ގުޅޭގޮތުން އެއްވެސް ހަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް ސިޔާސީ މަޤްސަދަށްޓަކައި ފެތުރުމަކީ ކިހާ ނުބައި ކަމެއްކަން މަންދީއަށް ނޭނގި އޮތުމަކީ އެކަށީގެންވާކަމެކެވެ. ނަމަވެސް ކުޑަކުދިންގެ ހައްގާއި އެހެންވެސް އިންސާނީ ހައްގުތަކުގައި ދިފާޢުގައި އަޑުއުފުއްލަވާ މަންދީގެ ދަރިކަލުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް މުހައްމަދު ނަސީމާއި އެމްޑީޕީގެ އިސްވެރިންނަށް ކުޑަކުދިންގެ ހައްގުތަކަށް އަރައިގަތުމަކީ ކިހާ ގޯސްކަމެއްކަން ކަނޑައެޅިގެން އެނގޭނެއެވެ. ނަމަވެސް އޭގެއިން އެއްވެސް ފަރާތަކުން މަންދީގެ އަމަލުތައް ކުއްވެރިކޮށްފައެއް ނުވެއެވެ. މަންދީގެ އަމަލުތައް ކުށްވެރިކުރުމުގެ ބަދަލުގައި އެމްޑީޕީން ވަނީ ކުޑަކުއްޖެއްގެ ހައްޤުތަކަށް އަރައިގަނެ މަންދީ ދެއްކި ވާޙަކަތައް ދިފާޢުކޮށް ސިޔާސީ ނޫސްބަޔާނެއް ނެރެފައެވެ.
މަންދީގެ އަމަލުތަކަށްވުރެ ބޮޑަށް ގިނަ ބަޔަކު ހައިރާންވީ، އދގެ. އާއްމު މަޖިލީހުގެ ރައީސްކަންވެސް ކޮށްފައިވާ އަބްދުﷲ ޝާހިދު ފަދަ އިއްޒަތްތެރި، ބޭފުޅަކު އެމްޑީޕީގެ ރައީސަކަށް ހުންނަވައިގެން ކުޑަކުއްޖެއްގެ ކާރާމާރަށް އުނިކަން އަންނަ ގޮތަށް ހިންގި ޖަރީމާ ދިފާޢުކުރުމުންނެވެ. ބައެއް ފާރާތްތަކުން ބުނާގޮތުން އެމްޑީޕީގެ ލިޑަރޝިޕްގައި ތިއްބެވި ފައްޔާޒާއި، މޭޔަރު އާޒިމްއާއި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި، ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުމެން ފަދަ ބޭފުޅުން މިއަދު ތިއްބެވީ ރިޔާސީ ޓިކެޓުގެ ދަހިވެތިކަމުގައި އަނގަ ބަންދުވެފައެވެ. އެކަން ސާބިތުވަނީ ކުޑަކުއްޖެއްގެ ހައްޤަށް އަރައިގަނެ، ކަރާމާތް ނަގާލައިގެން ދިޔައިރު އަނގައިން ނުބުނެ ތިބުމުންނެވެ.
ކުޑަކުއްޖެއްގެ ހައްޤަށް އަރައިގަނެ، ކަރާމާތް ނަގާލުމަކީ އެމްޑީޕީއަށް މައްސަލައަކަށް ނުވިނަމަވެސް، އެހެން ހުރިހާ ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ ލީޑަރުން ދަނީ އެކަން ކުއްވެރިކުރަމުންނެވެ. ބައެއް ބޭފުޅުން ވަނީ މިއަދު އެމްޑީޕީގެ އަމަލުތައް ހުރިގޮތުން ރާއްޖޭގައި ކުޑަކުދިންނަށް ނުރައްކާތެރި މާހައުލެއް އުފެދެމުން އަންނަކަމުގެ ބިރުއެބައޮތްކަމަށްވެސް ވިދާޅުވެފައެވެ. އެހެންކަމުން އެފަދަ ކަންކަން ކުރާ ފަރާތްތަކާއި ދެކޮޅަށް ހަރުކަށި އަދަބު ދިނުމަށް އެކި ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.
އެމްޑީޕީގެ ފަދަ އިންސާނީ ހައްގުތަކުގައި ދިފާޢުގައި ވާހަކަދައްކާ ޕާޓީއަކުން ކުޑަކުދިންނަށް ފުރައްސާރަކުރުމުން ހާމަވަނީ އެ ޕާޓީގެ ލީޑަރޝިޕް ބަލިކަށިވެ، ސިޔާސީގޮތުން ގޮތްހުސްވެފައިވާ މިންވަރުކަމަށް ބައެއް ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުން ކުރިމަތިވި ބޮޑު ބައްޔަށްފަހު، އެމްޑީޕީއަށް ރާއްޖޭގައި ތާޢީދެއް ނެތް ވަނީ ސާބިތުވެފައެވެ. ސިޔާސީގޮތުން މިއަދު ކުރެވޭނެ މާބޮޑު ކަމެއް ނެތުމުން، އަންހެނުންނާއި ކުޑަކުދިންނަށް ޖެއްސުންކޮށް، ފުރައްސާރުކުރުމަކީ އެމްޑީޕީއަށް އޮތް ހަމައެކަނި ގޮތްކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ.