މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީން ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަގޮތަށް ކުޑަކުއްޖެއްގެ ޙައްގުތަކަށް އަރައިގަނެފައިވާތީ، ގިނަބަޔކު އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި ފަރާތްތަކުގެ ތެރޭގައި ސަރުކާރުގެވަޒީރުންނާއި އާންމުންވެސް ހިމެނެއެވެ.
ކުޑަކުއްޖެއްގެ ކަރާމާތް ގޭއްލޭފަދަ ގޮތަކަށް އެމްޑީޕީގެ ސިލްސިލާ މުޒާހަރާގެ ތެރެއިން އެކްޓިވިސްޓަކު ވާހަކަދައްކާފައިވަނީ މިދިޔަ ބުދަ ދުވަހުގެރެއެވެ.
އިދިކޮޅު އެމްޑީޕީގެ މުޒާހަރާގައި ކުޑަކުއްޖެއްގެ ޙައްގުތަކަށް އުނިކަން އަންނަ ގޮތަކަށް އެކްޓިވިސްޓަކު ދެއްކި ވާހަކަތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ވަޒީރުން ވިދާޅުވެފައިވަނީ ސިޔާސީ ވާދަވެރިކަމުގައިވެސް ކުޑައްކެއްޖެއްގެ ޙައްގުތަކަށް އަރައިގަތުމުގެ ޢަމަލުތަކަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.
Strongly condemn the attempt to bully and drag the children of HEP Dr @MMuizzu into the political fray.
— Thoriq Ibrahim (@Thoriqibrahim) March 14, 2025
No matter how politically competitive we may be, children should always be off limits. The rights and dignity of all children are fundamental and not something we should…
މިކަމާ ގުޅިގެން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީގޮތުން ކިތަންމެ ވާދަވެރިކަމެއް އޮތްނަމަވެސް، ކުޑަކުދިން އެފަދަ ކަންކަމާއި ދުރުގައި ބައިތިއްބަންޖެހޭކަމަށެވެ. ކުޑަކުދިންގެ ޙައްގުތަކަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ޙައްގަކަށްވާއިރު ސިޔާސީގޮތުން މަންފާއެއް ޙާސިލުކުރުމަށް އެއްވެސް ފަރާތަކުން އެޙައްގުތަކަށް އަރައިގަނެގެން ނުވާނެކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ. އަދި ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއަކުން ފާޑުކިޔަންވާނީ ސިޔާސަތުތަކަށްކަމަށާއި ފަރުދުންގެ ޒާތަށް ނޫންކަމަށްވެސް އެމަނިކުފާނު ހިއްސާކުރެއްވި ޕޯސްޓްގައިވަނީ ވިދާޅުވެފައެވެ.
ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާފަދަ ކަންކަން ކުރުމާއި ވާހަކަ ފެތުރުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން މަނާކަމެއް. އަމުދުން ސިޔާސީ ބޭނުމެއްގައި ކުޑަކުދިންނާ ގުޅުވާފައި ކަނޑައެޅިގެން ދޮގު ބުހުތާނު ވާހަކަތައް ފެތުރުމަކީ އަޚްލާގީގޮތުންވެސް ވަރަށް ދަށު…
— Abdulla Khaleel (@abkhaleel) March 14, 2025
ޚާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލު ވިދާޅުވީ ސިޔާސީ ބޭނުމެއްގައި ކުޑަކުދިންނާއި ގުޅުވާ ކަނޑައެޅިގެން ދޮގު ވާހަކަތައް ފެތުރުމަކީ އަޚްލާޤީގޮތުން ދަށު ދަރަޖައިގެ ޢަމަލެއް ކަމަށެވެ. އަދި އެފަދަ ޢަމަލުތަކުގެ ސަބަބުން އެކުދިންނަށް ނަފްސާނީގޮތުން އެތައް ގެއްލުމެއް ލިބިގެންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިފަދައިން ކުޑަކުދިންގެ ޙައްގުތަކަށް އަރައިގަންނަ ފަރާތްތައް ކުޑަކުދިންގެ ޙައްގުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ތަޙުގީގުކޮށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅަންޖެހޭކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
Targeting the President’s family, especially his innocent children, under the guise of opposition is unethical and a violation of their fundamental rights. Those who engage in this disgraceful behavior must be held accountable. Families, especially minors, must be off-limits in…
— Ahmed Shiyam (@Shiyamaldives) March 14, 2025
މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ސިޔާސީ ބޭނުމަށް ކުޑަކުއްޖެއްގެ ޙައްގުތަކަށް އަރައިގަތުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. އަދި މިފަދަ ޒިންމާދާރުކަން ކުޑަ ޢަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުއްވުމަށާއި، ސިޔާސީ ކަންކަމުގެ ތެރެއަށް ކުޑަކުދިން ނުވެއްދުމަށް ވަޒީރުވަނީ ގޮވާލައްވާފައެވެ.
މިކަމާއި ގުޅިގެން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވަކި ބޭފުޅެއްގެ ޢާއިލާގައި ހިމެނޭ ކުޑަކުދިންގެ ޙައްގުތަކަށް އަރައިގަތުމަކީ ސަރުކާރު ޖަވާބުދާރީކުރުވުން ނޫންކަމަށެވެ. އަދި މިގޮތަށް އިދިކޮޅު އެކްޓިވިސްޓަކު ދައްކާފައިވާ ވާހަކަތައް އިދިކޮޅު ބައެއް ލީޑަރުން ދިފާޢުކުރުމަކީ ލަދުވެތި ޢަމަލެއްކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ކުޑަކުއްޖެއްގެ ޙައްޤަށް އަރައިގަނެ އެކުއްޖާގެ ކަރާމާތް ނަގާލާ ބަޔަކީ އެމީހުންގެ ދުނިޔަވީ އަމިއްލަ އެދުން ފުއްދުން ފިޔަވައި އެހެން އެއްވެސް މީހަކަށް ހެޔޮ އެދިގެން މަސައްކަތްކުރާނެ ބައެއްނޫނެވެ.
— Abdulla Muththalib (@muththo) March 13, 2025
ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ކުޑަކުއްޖެއްގެ ޙައްޤަށް އަރައިގަނެ އެކުއްޖާގެ ކަރާމާތް ނަގާލާ ބަޔަކީ އެބައެއްގެ ދުނިޔަވީ އަމިއްލަ އެދުންތައް ފިޔަވައި އެހެން އެއްވެސް މީހަކަށް ހެޔޮ އެދިގެން މަސައްކަތްކުރާނެ ބައެއްނޫންކަމަށެވެ.
މިކަމާ ގުޅިގެން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ އެއްވެސް ކުށެއް ނެތް މައުސޫމް ކުދިންގެ ވާހަކަ ދައްކައި، އެ ކުދިންގެ އިމްތިޔާޒުތަކާއި ޙައްޤުތަކަށް އަރައިގަތުމަކީ ނާތަހުޒީބު އަމަލެއްކަމަށެވެ. އަދި ސިޔާސީ ބޭނުމުގައި އެއްވެސް ޙައްޤަކާއި ނުލައި ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަންނައިރު ފަހަތުގައި އަތްޖަހަން ތިބުމުން ދޭހަވަނީ އެމީހުންނަކީ އެފަދަ ނާތަހުޒީބު ޢަމަލުތަކަށް ހިތްވަރުދޭ ބައެއްކަމަށެވެ. އަދި ކުޑަކުދިންގެ ހިމާޔަތާއި ރައްކާތެރިކަމާއި އެކުދިންގެ ކަރާމާތަށް އަރައިގަންނަ މާހައުލެއް އުފައްދައިފިނަމަ، ރާއްޖޭގެ ޒުވާން ޖީލު ހަލާކުވެ، މުޅި ރާއްޖޭގެ މުސްތަޤުބަލު ބަނަވެދާނެކަމަށް ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.
ސިޔާސީ ގޮތުން ދެކޮޅަށް މަސައްކަތް ކުރިޔަސް އޭގައި ކޮންމެވެސް ކަހަލަ ހަމައެއް އޮންނަން ވާނެ.
— Mohamed Ameen (@ameen3d) March 14, 2025
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުންނާއި މައުޞޫމް ކުދިންނަށް ފުރައްސާރަކޮށް، ސަރުކާރުގެ ތެރެއިން ވަކިބަޔަކު މިކަމުގައި ޝާމިލުކޮށް ޙަގީގަތެއްނެތް ބުހުތާނު ދޮގު ވާހަކަ ފެތުރުމަކީ…
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ސިޔާސީ ގޮތުން ދެކޮޅަށް މަސައްކަތް ކުރިނަމަވެސް އެކަމުގައިވެސް ކޮންމެވެސް ކަހަލަ ހަމައެއް އޮންނަން ވާނެކަމަށެވެ. އަދި ސިޔާސީ ކަންކަމުގައި ކުޑަކުދިން ޝާމިލު ކުރުމުން އުފެދޭނީ އެކުދިންނަށް ނުރައްކާތެރި މާހައުލެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުވެސްވަނީ މިޢަމަލު ކުށްވެރިކުރައްވާފައެވެ.
މިކަމާ ގުޅުގެން ސޯޝަލް މީޑިއާގައި ދަރުކުރަމުންދާ ފޮޓޯތަކާއި ގުޅިގެން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިންވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ކުޑަކުދިންގެ ޙައްގުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ކުދިންގެ ފޮޓޯ ދައުރުކުރުމާއި އެކުދިންގެ ޝަޚުޞު އެނގޭނެހެން މަޢުލޫމާތު ހާމަކޮށް ވާހަކަދެއްކުމަކީ މަނާކަމެއްކަމަށް އެވުޒާރާއިންވަނީ ވިދާޅުވެފައެވެ.