މުސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ދެމުންދިޔަ ޚިދުމަތްތައް މިވަގުތު މެދުކަނޑާލާފައިވީނަމަވެސް ޚިދުމަތްތައް އަލުން ފެށުމަށް އަވަސް ހައްލުތަކެއް ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށް އެވުޒާރާއިން ވިދާޅުވެއްޖެއެެވެ.
އެ ވުޒާރާއިން މިކަން ހާމަކޮށް ނެރެފައިވާ ނޫސްބަޔާނުގައި ވިދާޅުވީ، އެ ވުޒާރާއާއި ބިމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާއާއި އަދި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ ހިންގަމުން ދިޔަ 2 އިމާރާތުގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގައި އެތަންތަނުގައި ހުރި ތަކެއްޗާއެކު އަނދައިގެން ގޮސްފައިވާކަމަށެވެ. އަދި މި ހާދިސާއާއި ގުޅިގެން އެ ވުޒާރާގެ އެއްވެސް މުވައްޒަފަކަށް އަނިޔާވެފައި ނުވާ ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އެ ވުޒާރާއިން ވިދާޅުވީ މި ހާދިސާގެ ސަބަބުން އެ ވުޒާރާއިން ދެމުންގެންދާ ޚިދުމަތްތައް މިވަގުތު މެދު ކެނޑިފައިވީނަމަވެސް އެ ޚިދުމަތްތައް ދެވޭނެ އަވަސް އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެކަން އިންތިޒާމު ކުރެވުނުހާ އަވަހަކަށް އާންމުކޮށް އަންގާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ވަނީ މި ހާދިސާއާއި ގުޅިގެން ސަރުކާރުގެ މުއައްސަސާތަކުންނާއި އަމިއްލަ ފަރާއްތަކުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށްފައެވެ.