ދެމިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ހިފާފައިވާ އަމާޒު ލަސްވެގެން ޑިިސެމްބަރު 25ގައި
ހާސިލްކުރެވޭނެކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވެއްޖެއެވެ. މި އަމާޒު ހާސިލްވެއްޖެނަމަ މިއީ ފަތުރުވެރިކަމުގެ މުޅިން އައު ރެކޯޑަކަށް ވާނެއެވެ.
ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން އެވޯޑް ވިދިވިދިގެން 5 ވަނަ ފަހަރު ރާއްޖެއަށް ލިބުމާއި ގުޅިގެން އެކަން ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވީ، ސަރުކާރުން މިއަހަރަށް އަމާޒުހިފި 2 މިލިޔަން ފަތުރުވެރިންގެ އަމާޒު ހާސިލްވާނެކަމަށެވެ. އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް ބަލާއިރު އެންމެ ލަސްވެގެން ޑިސެމްބަރ 25ގެ ކުރިން މި އަދަދަށް ފަތުރުވެރިން އަންނާނެކަމަށް މިހާރު އަންދާޒާކުރެވޭކަމަށް ވަޒީރު ވިދާޅުވިއެވެ.
"ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އަދި މިހާރު އެރައިވަލްސް ހުރި ވަރަށް ބަލާއިރު އަޅުގަނޑުމެންނަށް ޑިސެމްބަރު މަހުގެ 25 އެންމެ ލަސްވެގެން 2 މިލިޔަން ހަމަކުރެވޭނެކަމަށް. އެކަމަކު އަޅުގަނޑަށް ގަބޫލުކުރެވެނީ ކުރިއަށްއޮތް ދުވަސްތައް ފެށުމުން ޑެއިލީ އެވްރެޖް ވަރަށް ބޮޑަށް އިތުރުވެގެންދާނެކަމަށް. އެހެންވީމަ އެއަށްވުރެ އަވަސްވުމަކީވެސް އެކަށީގެންވާ ކަމެއް." ވަޒީރު ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،803،823 ފަތުރުވެރިން ވަނީ އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 1،651،706 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %9.2 އިތުރު އަދަދެކެވެ.
ޑިސެމްބަރު މަހަކީ އަބަދުވެސް ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ މަހެކެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެކަނިވެސް ރާއްޖެއަށް 194،690 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވާ ގޮތުން އަންނަ އަހަރު ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން އަންނާނެއެވެ. އިތުރު މާކެޓްތަކުގައި ރާއްޖެ އިޝްތިހާރުކޮށްގެންނާއި މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓްތަކުގައި ރާއްޖެ އިޝްތިހާރުކޮށްގެން މި އަދަދު 2.3 މިލިޔަނަށް އަރާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.