ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އަމާން މާހައުލެއް ގާއިމުކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މާލެ ޕޮލިހުން "ޕަރފޯމަންސް އެންހޭންސްމަންޓް ފޯރަމް 2024'' ގެ ނަމުގައި ފޯރަމެއް ބާއްވައިފިއެވެ.
މި ފޯރަމް ފައްޓަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއެވެ. އަދި މި ފޯރަމްގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން ބައިވެރިވަޑައިގެންނެވިއެވެ. މި ފޯރަމް ކުރިއަށް ގެންދިއައީ ސްޓެލްކޯ ސެމިނާ ރޫމުގައެވެ.
މި ފޯރަމްގެ މައިގަނޑު މަގްސަދަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުން ފުލުހުންނާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުގެ ތެރެއިން، ފުލުހުންގެ މަސައްކަތްތައް ކުރުމަށް ހެދިފައިވާ އެކި އުސޫލުތަކުންނާއި ކުރިއަށް އޮތް ހަތަރު އަހަރަށް ތައްޔާރުކޮށްފައިވާ ސްޓްރެޓިޖިކް ޕްލޭން 2024 ގައި މާލެ ޕޮލިސް ކޮމާންޑާ މަތިކުރެވިފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތަކަށް އަހުލުވެރިވެ، އެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އެންމެ އެދެވޭ ގޮތުގައި އަދާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ އެކި ބަހާތަކުގެ މެދުގައި މަޝްވަރާކުރުމަށް ކަމަށް ފުލުހުން ވިދާޅުވެއެވެ.
މި ފޯރަމްގައި، މާލެ ޕޮލިސްގެ މަސައްކަތްތަކަކީ ރައްޔިތުން ބަލައިގަންނަ އަދި ގާނޫނީ އިމުގެ ތެރެއިން ކުރެވޭ މަސައްކަތްތަކަށް ހެދުމަށާއި އެކި ހާލަތްތަކާ ގުޅިގެން އަންނަ ބަދަލުތައް ދުވަހުން ދުވަހަށް އެނގޭނެ ގޮތަށް އެތެރޭގެ ކޮމިއުނިކޭޝަން ނިޒާމެއް ގާއިމުކޮށް ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކެއް ކަނޑައަޅައި މަޝްވަރާކޮށްފައިވެއެވެ. ހަމަ އެއާއެކު މަސައްކަތްތަކުގައި ހުރި ގޮންޖެހުންތައް ކުޑަކުރުމަށް ކަންކަން ދެނެގަނެ، ކޮމާންޑުގެ ބަހާތަކުގައި ތިބި ފުލުހުން ކުރަންޖެހޭ މަސައްކަތްތަކަށް އިތުރަށް އަހުލުވެރިކޮށް ތާޒާކުރުވުމަށް އެކި ދާއިރާތައް ކަނޑައަޅައި 2025 ވަނަ އަހަރުގެ އެކްޓިވިޓީ ކަލަންޑަރު އެކުލަވައިލުމުގެ މަސައްކަތްކޮށްފައިވެއެވެ.