ސިއްހަތު

އައި.ޖީ.އެމް.އެޗްގެ ކޮންފަރެންސިން ފެސިލިޓީޒް އިފްތިތާހް ކޮށްފި


އައި.ޖީ.އެމް.އެޗްގައި ޤާއިމް ކުރެއްވި ކޮންފަރެންސިން ފެސިލިޓީޒް ރައީސުލް ޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފިއެވެ.

120 މީހުންގެ ޖާގައިގެ، މި ކޮންފަރެންސް ފެސިލިޓީއަކީ އައި.ޖީ.އެމް.އެޗުން ފޯރުކޮށްދެއްވާ ޚިދްމަތުގެ ފެންވަރު މަތި ކުރެއްވުމަށްޓަކައި، ދެމެހެއްޓެނިވި ގޮތެއްގައި ތަމްރީނާއި، ތަޢުލީމް ދެވޭނޭ އެކަށީގެންވާ ވަޞީލަތްތައް ލިބިދިނުމުގެ މަޤްޞަދުގައި ޤާއިމް ކުރެއްވި ސެންޓަރެއްކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

މަލްޓި-ޕާޕަސް މި ކޮންފަރެންސް ސެންޓަރަކީ، އެކި ބޭނުންތަކައް ފަރުމާކުރައްވާފައިވާ ތަނެކެވެ. ވޯކްޝޮޕްތަކާއި ސެމިނަރތަކާއި، ލެޗްޗަރތައް ބާއްވާ ގޮތައް ފަރުމާ ކުރެވިފައިވާ މި ސެންޓަރުގައި ބާއްވާ އެކި އެކި ހަފްލާތައް އަތޮޅު ތެރޭގެ 250 ސެންޓަރަކަށް އެއްފަހަރާ ވީޑިއޯ ކޮންފަރެންސްގެ ޒަރީއާއިން ވަގުތުން ގުޅާލެވޭނޭކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވެއެވެ.

މި ހޯލް ފަރުމާ ކުރައްވާފައިވަނީ، ތިމާވެއްޓާއި ރަށްޓެހި، ކަރަންޓު ޚަރަދު ކުޑަ މެއިންޓެނެންސް ވަޞީލަތްތައް ބޭނުންކުރައްވައިގެންނެވެ. އަދި މަލްޓި-ޕާޕަސް ހޯލުގައި އަލިފާނުގެ ޙާދިސާއެއް ދިމާވާ ޙާލަތެއްގައި އަލިފާން ފެތުރިގެން ނުދާފަދަ ޚާއްޞަ އިންތިޒާމްތަކެއްވެސް މި ސެންޓަރުގައި ވަނީ ޤާއިމްކުރެވިފައެވެ.

އައި.ޖީ.އެމް އެޗުން މައްލޫމާތުދެއްވާ ގޮތުގައި، ސަރުކާރުގެ މުއައްސަސާތަކަށާއި، އަމިއްލަ ޖަމްއިއްޔާތަކުން އިންތިޒާމް ކުރާ ޙަފްލާތަކަށް އަގަކާއިއެކު މި ސެންޓަރު ލިބޭނޭ އިންތިޒާމް ވަނި ހަމަޖައްސަވާފައެވެ.