ޚަބަރު

ވޯޓަރ ބަންކަރިން ޚިދުމަތަށް ބޭނުންވާ ފެން ބާޖު ބާއްވާނީ ތުރާކުނުގައި


  • އެބާޖް ރީފިލް ކުރުމުގެ މަސައްކަތްވެސް ކުރާނީ ތުރާކުނުގައި

  • ވޯޓަރ ބަންކަރިންއަކީ ޔޫއެމްއެސްގެ ތެރެއިން ހުޅުވޭނެ އިތުރު މާކެޓެއް

އުތުރު މެރިޓައިމް ސަރވިސްއިން ފޯރުކޮށްދޭ ވޯޓަރ ބަންކަރިންގ ޚިދުމަތަށް ބޭނުންވާ ފެން ބާޖް ތުރާކުނުގައި ބޭއްވުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ތުރާކުނު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ތުރާކުނު ކައުންސިލްގެ އިދާރާގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ. ތުރާކުނު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ތުރާކުނު ކައުންސިލްގެ ރައީސް ޢަލީ އަބްދުއްލަތީފެވެ.

މިއެއްބަސްވުމުގެ ދަށުން އުތުރުގައި ވޯޓަރ ބަންކަރިން ޚިދުމަތް ދިނުމަށް އެމްޕީއެލްއިން ބޭނުންކުރާ ފެން ބާޖު ބާއްވާނީ ތުރާކުނުގައެވެ. އެމްޕީއެލްގެ ސީއީއޯ ވަޖީހް ވިދާޅުވީ ފެން ބާޖު ތުރާކުނުގައި ބާއްވައި، އެ ބާޖް ރީފިލް ކުރުމުގެ މަސައްކަތްވެސް ކުރާނީ ތުރާކުނުގައި ކަމަށެވެ. އަދި ވޯޓަރ ބަންކަރިންއަކީ ޔޫއެމްއެސްގެ ތެރެއިން ހުޅުވޭނެ އިތުރު މާކެޓެއް ކަމަށް ޤަބޫލްކުރައްވާ ކަމަށެވެ.

"މިހާރުވެސް ގްރީކްގެ ބޯޓު އޮޕަރޭޓްކުރާ ފަރާތަކުން އެބައޮތް ފެން ހޯދަން އެދިފައި. ލަސްތަކެއްނުވެ އެގޮތަށް އެ މަސައްކަތް ފަށާނެ. މި ދާއިރާގެ ތަޖުރިބާކާރުންވެސް ވިދާޅުވަނީ މިއީ ވަރަށް ބޮޑު މާކެޓެއް ހުޅުވިގެންދާނެ ކަމެއް ކަމަށް. އެގޮތަށް ލަފާކުރެވެނީވެސް،" އެމްޕީއެލްގެ ސީއީއޯ ވަޖީހް ވިދާޅުވިއެވެ.

ތުރާކުނު ކައުންސިލްގެ ރައީސް ޢަލީ އަބްދުއްލަތީފް ވިދާޅުވީ ފެނުގެ ބަންކަރިން އަކީ އުތުރުގައި ފޯރުކޮށްދޭ މެރިޓައިމްގެ ޚިދުމަތުގެ މުހިންމު ބައެއް ކަމަށެވެ. އަދި އުތުރުގައި މެރިޓައިމްގެ ޚިދުމަތް ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ކައުންސިލް ރައީސް ތައުރީފްކުރެއްވިއެވެ.

"މިއީ އުތުރުގައި ފޯރުކޮށްދޭ މެރިޓައިމް ޚިދުމަތްތަކުގެ ތެރެއިން ކުޑަ ކޮމްޕޯނަންޓަކަށްވިޔަސް، މުހިންމު ބައެއް. އުތުރުގައި މިމެރިޓައިމްގެ ޚިދުމަތްތައް ދިނުމަށް ސަރުކާރުން އަދި އެމްޕީއެލް އިން ކުރަމުންދާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދޭނަން،" ތުރާކުނު ކައުންސިލްގެ ރައީސް ޢަލީ އަބްދުއްލަތީފް ވިދާޅުވިއެވެ.

އެމްޕީއެލްއިން އުތުރުގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ މެރިޓައިމް ޚިދުމަތާ ގުޅޭގޮތުން މޮޅަދޫ ކައުންސިލާއި އެމްޕީއެލްގެ ސީއީއޯ ވަނީ ބައްދަލު ކުރައްވާފައެވެ. އަދި މި ބައްދަލުވުމުގައި އުތުރުގައި ފޯރުކޮށްދޭ މެރިޓައިމްގެ ޚިދުމަތްތަކުގެ ތެރެއިން މޮޅަދޫގައި ކުރިއަށް ގެންދެވިދާނެ ޚިދުމަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.