ޚަބަރު

ރާއްޖެއާއި ޓުވާލޫގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި


  • ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ނާޒުކު ހާލަތާއި ގުޅޭގޮތުން މަޝްވަރާކުރެއްވި

ރާއްޖެއާއި ޓުވާލޫއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ، ޓުވާލޫގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ފައިނޭންސް އެންޑް އިކޮނޮމިކް ޑިވެލޮޕްމެންޓް، ޕަނަޕާސީ ނެލެސޯނޭ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައިވަނީ، ދިވެހިރާއްޖޭގައި މިހާރު ކުރިއަށްދާ "ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026" އަދި "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް"ގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާފައިވަނީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ނުވަތަ ސިޑްސްގެ މެންބަރު ޤައުމުތަކަށް ކުރިމަތިވެފައިވާ އިޤުތިސާދީ އަދި ތިމާވެށީގެ ނާޒުކު ހާލަތްތަކާ ގުޅޭގޮތުންނެވެ. އެގޮތުން ކްލައިމެޓް ފައިނޭންސިންގއާއި، ދެމެހެއްޓެނިވި އިންވެސްޓްމަންޓުތަކުގެ އިތުރުން ކުދި ޖަޒީރާ ޤައުމުތަކުގެ ހަގީގީ ހާލަތަށް ރިއާޔަތްކުރާ ބައިނަލްއަޤުވާމީ މާލީ ނިޒާމެއްގެ މުހިންމުކަމުގެ މައްޗަށް މި ބައްދަލުކުރެއްވުމުގައި އަލިއަޅުއްވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއާއި ޓުވާލޫއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަރުހަބާ ވިދާޅުވެ، ދޭދޭ މަސްލަހަތު އެކުލެވޭ ގޮންޖެހުންތަކުން އަރައިގަތުމުގައި ސިޑްސް ޤައުމުތަކުގެ މެދުގައި ބަދަހި ގުޅުމެއް އޮތުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އޯގަސްޓް 23 އިން 25 އަށް ކުރިއަށްދާ ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމަކީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީގެ މަސައްކަތްތަކުގައި ތަފާތު ދާއިރާތައް، ޚާއްޞަކޮށް އެޤައުމުތަކުގެ ވިޔަފާރިތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި، އެހީ ދޭ ޤައުމުތަކާއި، ދިރާސާވެރިންނާއި، އެހެނިހެން ދާއިރާތަކުގެ ކަމާގުޅޭ ފަރާތްތަކުގެ ޙިއްސާ އިތުރުކުރުމަށް ބާއްވާ ފޯރަމެކެވެ.