ކުޅިވަރު

އުސައިން ބޯލްޓްގެ ރެކޯޑް މުގުރާލީ ޗައިނާގެ ރޮބޮޓެއް


ޗައިނާއިން އުފެއްދި ރޮބަޓެއް ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ ޖަމައިކާގެ އުސައިން ބޯލްޓްގެ 100 މީޓަރު ދުވުމުގެ ރެކޯޑް މުގުރާލައިފި އެވެ.

ޗައިނާ ސަރުކާރުގެ ރަސްމީ މީޑިއާތަކުން ބުނާ ގޮތުގައި މި ރޮބޮޓު ވަނީ 100 މީޓަރު 9.32 ސިކުންތުން ނިންމާލައިފަ އެވެ. ޖަރުމަނުގެ ބާލިންގައި 2009 ވަނަ އަހަރު ބޯލްޓް އެންމެ ފަހުން މި ރޭސް ނިންމީ 9.58 ސިކުންތުންނެވެ. މިއީ ދުނިޔޭގެ ހިއުމަނޮއިޑް ރޮބޮޓް ގޭމްސް އަށް ތައްޔާރުވުމަށް ބޭއްވި ޓެސްޓް ދުވުމެކެވެ.

ލައިޓްނިންގެ ނަން ދީފައިވާ މި ރޮބޮޓް އުފެއްދީ ޗައިނާގެ ސްމާޓްފޯނު އުފައްދާ ކުންފުންޏެއް ކަމަށްވާ އޮނަރުންނެވެ. ލައިޓްނިންގެ ނަން ދީފައިވާ މި ރޮބަޓްގެ ކާމިޔާބީއާއެކު ރޮބޮޓިކްސްގެ ދާއިރާއިން ޗައިނާއިން ހާސިލްކުރަމުންދާ ކާމިޔާބީ އިތުރު ހަރުފަތަކަށް ގެންދެވިދާނެ ކަމަށް ވެސް ޗައިނާގެ ސްޓޭޓް މީޑިއާއިން ބުނެ އެވެ.

މި ރޮބަޓް ޓެސްޓް އިވެންޓްގައި ދުވިއިރު އުސްމިނުގައި 169 ސެންޓި މީޓަރު އަދި ފައިގެ ދިގު މިނުގައި 95 ސެންޓި މީޓަރު ހުއްޓެވެ. އަދި ރޭހުގައި ދުވިއިރު ރޮބޮޓްގެ އެންމެބާރު މިނުގައި ދުވެފައިވަނީ ސިކުންތަކު 14.5 މީޓަރު ނުވަތަ 47.6 ފޫޓަށް ކަމަށް ވެސް ޗައިނާގެ މީޑިޔާތަކުން ބުނެ އެވެ.