ޚަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހިން 16 ބިމެއް ވިއްކުމަށް ހުޅުވާލައިފި


  • ބީޗް ފްރަންޓުން ވިއްކަނީ 1،095.98 އަކަފޫޓާއި 3،252.00 އަކަފޫޓުގެ ބިން

  • ބީޗް ސައިޑުން ވިއްކަނީ 1،440.80 އަކަފޫޓާއި 3،380.00 އަކަފޫޓުގެ ބިން

ދިރިއުޅުމުގެ ބޭނުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން އިތުރު ބިން ވިއްކުމަށް ނިންމާ އެ ފުރުޞަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރެޝަން އެޗްޑީސީން ހުޅުވާލައިފިއެވެ.

އެޗްޑީސީން ހުޅުވާލާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓާއި، ބީޗް ސައިޑުން 16 ބިން ވިއްކުމަށެވެ. ބީޗް ފްރަންޓުން ވިއްކަނީ 1،095.98 އަކަފޫޓާއި 3،252.00 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ. އަދި ބީޗް ސައިޑުން ވިއްކަނީ 1،440.80 އަކަފޫޓާއި 3،380.00 އަކަފޫޓާ ދެމެދުގެ ބިންތަކެއްކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

މިބިންތައް ގަތުމަށް ހަމައެކަނި ހުޅުވާލާފައިވަނީ ދިވެހިންނަށެވެ. އެގޮތުން އުމުރުން ޢުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެރި ރައްޔިތަކަށް ވެސް ބީލަން ހުށަހެޅޭނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އަދި ބީލަން ހުށަހަޅަނީ ކުންފުންޏަކުންނަމަ، އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ %100 ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވާންޖެހެއެވެ.

ބިން ވިއްކުން ކުރިއަށް ގެންދަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާއަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމެވެ. ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައި ވާނަމަ، ބިޑް ކުރުމެވެ.

އެޗްޑީސީން ވިދާޅުވީ ބީޗް ފްރަންޓް ބިންތަކުގެ ބީލަން ފެށޭ އަގަކީ 4500 ރުފިޔާކަމަށެވެ. އަދި ބީޗް ސައިޑުން ވިއްކާ ބިންތަކުގެ ބީލަން ފެށޭ އަގަކީ 4،000 ރުފިޔާކަމަށް އެޗްޑީސީން ވިދާޅުވިއެވެ. ކޮންމެ ފަރާތަކަށްވެސް އެއް ބިމަށްވުރެ ގިނަ ބިން ގަތުމަށް އެދި އީއޯއައި ހުށަހެޅިދާނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

އެޗްޑީސީން ވިދާޅުވީ ވިއްކުމަށް ހުޅުވާލާފައިވާ ބިންތަކުގެ މައުލޫމާތު އެޗްޑީސީގެ އޮންލައިން ބިޑް ޕޯޓަލް މެދުވެރިކޮށް ލިބެންހުންނާނެކަމަށެވެ. މިދިޔަ އަހަރުވެސް ދެ ފަހަރެއްގެ މަތިން ހުޅުމާލެއިން ބިން ވިއްކަން ހުޅުވާލިއެވެ. އޭރު ފުރަތަމަފަހަރު 17 ބިމެއް އަދި ދެވަނަ ފަހަރު 13 ބިމެއް ވިއްކިއެވެ.