ޚަބަރު

"ޖަޒީރާ ޤައުމުތަކަކީ އީޖާދާއި ވިޔަފާރީގެ ވަސީލަތްތަކެއް"


  • ރާއްޖޭގައި ސުމޭކު ފަންނިއްޔާތު ބޭނުންކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވި

  • ކުދި ޖަޒީރާ ޤައުމުތަކުގެ ހިންމަތްތެރިކަން އެންމެ ބޮޑަށް ފެންނަނީ ޕްރައިވެޓް ސެކްޓަރުންކަންވެސް ފާހަގަކުރެއްވި

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަކީ، ހަމައެކަނި މޫސުމީ ނާޒުކުކަން ބޮޑު ޤައުމުތަކެއްގެ ގޮތުގައި ދުށުމުގެ ބަދަލުގައި، އެއީ އީޖާދާއި ވިޔަފާރީގެ ވަސީލަތްތަކެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިގޮތަށް ވިދާޅުވީ މިމަހުގެ 25 އާ ހަމައަށް ރާއްޖޭގައި ކުރިއަށްގެންދާ، ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވަރކް ފޯރަމްގެ އިފުތިތާހީ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުދި ޖަޒީރާ ޤައުމުތަކުގެ ވާހަކަ ދެކެވޭއިރު އަބަދުވެސް ދެކެވެނީ އެ ޤައުމުތަކުގެ ވެށީގެ ނާޒުކު ވާހަކަތައް ކަމަށެވެ. ނަމަވެސް އެއީ އެ ޤައުމުތަކުގެ އެއް ބާބު ކަމަށާއި ކުދި ޖަޒީރާ ޤައުމުތަކަކީ އެ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތައް އުފެއްދުންތެރިކަމަށް ބަދަލުކުރާ، ހުރަސްތައް އީޖާދީ ޚިޔާލުތަކަށް ބަދަލުކުރާ، އަދި ޖަޒީރާތަކުގެ ދެމެދުގައިވާ ދުރުމިން ގާތްކަމަށް ބަދަލުކުރާ ޤައުމުތަކެއް ކަމަށް ވިދާޅުވިއެވެ.

ކުދި ޖަޒީރާ ޤައުމުތަކުގެ ހިންމަތްތެރިކަން އެންމެ ބޮޑަށް ފެންނަނީ ޕްރައިވެޓް ސެކްޓަރުންކަމުގައި ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކުދި ޖަޒީރާ ޤައުމުތަކުގެ ކުޑަކަމަކީވެސް، އެއިން ފައިދާ ހޯދޭނޭ ކަމަކަށް ހެދިދާނޭކަންކަން ކަމަށެވެ. އެގޮތުން، އެފަދަ ޤައުމުތައް، ފަންނިއްޔާތާއި، ޙައްލުތަކާއި، ޚިޔާލުތަކާއި، އީޖާދުތައް ތަޙުލީލުކުރާ ލެބޯޓަރީތަކަކަށް ހެދިދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު ސުމޭކު ގުޅުންތައް ވެފައިވަނީ، ވިޔަފާރި އާއި މާލީ ޚިދުމަތްތަކާއި، ފަތުރުވެރިކަމާއި އުފެއްދުންތެރިކަމުގެ ސިނާޢަތަށް ބާރުދޭ އިޤުތިޞާދީ ބިނާރަކަށް ކަމުގައިވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި މޯލްޑިވްސް 2.0 ގެ އެޖެންޑާ މެދުވެރިކޮށް، ޤައުމުގެ ޖޯގުރަފީ އާއި ބޮޑުމިނުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ރާއްޖޭގައި ސުމޭކު ފަންނިއްޔާތު ބޭނުންކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޒުވާން ވިޔަފާރިވެރިންނާއި ސްޓާޓް-އަޕްތަކަށް އަމާޒުކޮށްގެން، ޚާއްޞަކޮށް އަންހެނުން އިސްވެ ކުރާ ވިޔަފާރިތަކަށް ސަމާލުކަންދީގެން، މާލީ އެހީތެރިކަން ފޯރުކޮށްދެއްވާކަންވެސް ފާހަގަކުރައްވާފައެވެ. އަދި މިހާރު ޒަމާނާ އަދާހަމަކުރެވިފައިވާ ފޮރިން އިންވެސްޓްމަންޓް ޤާނޫށާއި، 2027 ގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ޓްރޭޑް އެކްސެލެރޭޝަން ޒޯނަށް އިޝާރާތްކުރައްވައި، ލޮޖިސްޓިކްސް އަދި ފްލޯޓިންގ ސޯލާގެ ދާއިރާއިން ވުނަކުރުމަށް ކުރަމުންދާ އިސްތިރާޖީ މަސައްކަތްތަކަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ޖަޒީރާތަކުގެ އުންމީދީ ޚިޔާލުތައް، ވިޔަފާރިތަކާއި، މާލީ އެހީތެރިކަމާއި، ފަންނިއްޔާތާއި، ބައިވެރިންނާއި ބާޒާރުތަކާ ގުޅުވައިދޭ މަރުކަޒީ މަންސައެއްގެ ގޮތުގައި ގްލޯބަލް ބިޒްނަސް ނެޓްވަރކް ތަރައްޤީކުރުމަށް، އދ. ގެ ކުދި ޖަޒީރާ ޤައުމުތަކާބެހޭ އޮފީހަށްވެސް ގޮވާލެއްވިއެވެ.