ގަވާއިދާއި ޚިލާފަށް ހުޅުމާލެއިން ބިން ވިއްކަމުންދާކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއްކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.
އެޗްޑީސީން ބުނީ ހުޅުމާލެއިން ބިން ވިއްކުމުގެ ހުރިހާ މުޢާމަލާތެއް ކުރަމުންދަނީ ގަވާއިދެއްގެ ތެރެއިން ހެދިފައިވާ އުސޫލެއްގެ ދަށުންކަމަށެވެ.
އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ގަވާއިދާއި ޚިލާފަށް ބިން ވިއްކާ ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއްކަމަށާއި، އެކަން އެ ކުންފުނިން ކުއްވެރިކުރާކަމަށެވެ.
އެޗްޑީސީން ބުނީ މި ސަރުކާރު ވެރިކަމާއި ހަވާލުވި ފަހުން 2 ފަހަރެއްގެ މަތިން ހުޅުމާލެއިން ބިން ވިއްކުމުގެ މަސައްކަތް އެކޯޕަރޭޝަނުން ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދިޔައީ ބިން ގަތުމަށް ބީލަމަށް ހުޅުވާލައިގެން އަދި ބީލަން މަރުޙަލާގެ ކަންކަން ހިނގާނެގޮތުގެ ތަފްސީލު ޢިއުލާންކޮށްގެންކަމަށް އެޗްޑީސީން ބުނެއެވެ.
އެހެންކަމުން އެކޯޕަރޭޝަނުން ގަވާއިދާ ޚިލާފަށް ޢިއުލާންކުރުމެއް ނެތި ބިން ވިއްކަމުންދާކަމަށް ބުނެ ފަތުރަމުންދަނީ ދޮގު މަޢުލޫމާތެއްކަމަށާއި އެކަމާ މެދު ކަންބޮޑުވާކަމަށް އެކޯޕަރޭޝަނުން ބުނެއެވެ. އަދި ރައްޔިތުންގެ ހިތުގައި އެޗްޑީސީއާ މެދު އޮތް އިތުބާރު ކިލަނބުވާގޮތަށް ހަގީގަތަށް ބެލުމެއް ނެތި ޚަބަރު ފެތުރުން އެޗްޑީސީން ވަނީ ކުށްވެރިކޮށްފައެވެ.
އެޗްޑީސީން ފާހަގަކުރާ ގޮތުގައި ނިމިދިޔަ ސަރުކާރުން މާސްޓަރ ޕްލޭނާއި ޚިލާފަށް ހުޅުމާލެއިން ބިން ދޫކުރުމުގެ ސަބަބުން ގިނަ ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. އަދި ހުޅުމާލޭގައި މިވަގުތު ހުރި ބިންތައް ވިއްކުމާއި އަދި ޢާއްމު އިޖުތިމާޢީ ކަންކަމަށް ދޫކުރަމުން ދާނީ އޭގެ ސަބަބުން ހުޅުމާލޭގެ ހިތްފަސޭހަކަން ނުގެއްލޭނެގޮތަށް ބަލައިގެންކަމަށްވެސް އެޗްޑީސީން ބުނެއެވެ.