ޚަބަރު

ވިޔަފާރިއާއި އުފެއްދުންތެރިކަމަށް ޚާއްސަ މަޢުރަޒެއް ބާއްވަން ނިންމަވައިފި


  • މިމަޢުރަޒު 2025 ވަނަ އަހަރު މޭ މަހު ބޭއްވެވުމަށް ވަނީ ނިންމަވާފައި

  • އަހަރުން އަހަރަށް މަޢުރަޒު ހަރުދަނާ ކުރުމަށް މުހިންމު ނިންމެވުންތަކެއް ނިންމެވި

ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަޤްޞަދުގައި، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް މަޢުރަޒެއް ބޭއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

އެމަނިކުފާނު މިގޮތަށް ނިންމެވީ އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހުއެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށްފަހު ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަޤްޞަދުގައި، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް ބާއްވާ މަޢުރަޒު، "ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު"ގެ ނަމުގައި ބޭއްވުމަށާއި އަދި މި މަޢުރަޒު 2025 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ބޭއްވެވުމަށް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން މި މަޢުރަޒަކީ ވާދަވެރި މާހައުލެއްގައި ބާއްވާ މަޢުރަޒަކަށް ހެދުމަށްޓަކައި، އެކި ދާއިރާތަކުން ވާދަކުރެވޭގޮތަށް މި މަޢުރަޒު ކުރިއަށް ގެންދެވުމަށާއި، ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓާއި، ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓާއި، އެންޓަރޓެއިންމަންޓް ޑިސްޓްރިކްޓް އަދި މާރކެޓް ޕްލޭސް ޑިސްޓްރިކްޓް ހިމަނައިގެން މި މަޢުރަޒު ބޭއްވުމަށްވެސް ނިންމަވާފައިވެއެވެ. ހަމަ އެއާއެކު މި މަޢުރަޒު އިންތިޒާމްކޮށް ހިންގުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެން ކުރިއަށް ގެންދެވުމަށް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުންވެސް އަހަރުން އަހަރަށް މި މަޢުރަޒު ހަރުދަނާ ގޮތެއްގައި ކުރިއަށްގެންދިއުމަށް މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.