ރާއްޖޭގެ ޚާރިޖީ ސިޔާސަތު ކުރިއަށް އޮތްތާގައި ގެންގުޅުއްވާނީ ދިވެހިގައުމުގެ މިނިވަންކަމާއި ސިޔާސަތު ދަމަހައްޓައި ދިވެހިންގެ މަސްލަޙަތު ޙިމާޔަތްކުރާނެ ސިޔާސަތެއްކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު އުފާފާޅުކުރުމަށް ރޭ މާލޭގެ ސޯޝަލް ސެންޓަރުގައި ބޭއްވި އެއްވުމުގައި ޑރ.މުޢިއްޒު ވިދާޅުވީ ދިވެހިން އެމަނިކުފާނަށް ވޯޓު ދިނީ ދިވެހިންގެ މިނިވަންކަމުގެ ދިފާޢުގައިކަމަށާއި، ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެންން ރައްޔިތުންގެ ގާތު ވެވަޑައިގެންނެވި ވައުދު ފުއްދެވުމުގެ މަސައްކަތް ފަށްޓަވައިގަންނަވާނެ ކަމަށެވެ. އެމަނިކުފާނުގެ ސަރުކާރެއްގައި ބޭރުގެ ގައުމުތަކާއި ގުޅުން ބަދަހިކުރައްވާއިރު ކުރިއަށް ނެރުއްވާނީ ދިވެހި ގައުމުގެ މަސްލަހަތު އިސްކުރާ ސިޔާސަތެއް ކަމުގައިވެސް ވިދާޅުވިއެވެ.
ދިވެހި ގައުމުގެ މިނިވަންކަމާއި މަސްލަހަތަށް އިޙްތިރާމްކުރާ ޤައުމުތަކާއެކު އެމަނިކުފާނުގެ ސަރުކާރެއްގައި ވަރަށް ގާތް ރަޙުމަތްތެރި ގުޅުމެއް ބާއްވަމުންދާނެކަމަށް ޑރ.މުޢިއްޒުވަނީ ވިދާޅުވެފައެވެ. އަދި ވިދާޅުވީ އުއްމީދު ކުރައްވަނީ އެހެންގައުމުތަކަކީވެސް ރާއްޖޭގެ އަމިއްލަވަންތަކަމަށް އިހްތިރާމްކުރާ، އެހެން ގައުމުތަކެކޭ އެއްގޮތަށް ގައުމުގެ މިނިވަންކަން ހިމާޔަތްކުރަން ދިވެހިންނަށްވެސް ފުރުސަތު އޮންނަޖެހޭނެކަމަށް ގަބޫލުކުރާ ގައުމުތަކަކަށް ވުމެވެ.
ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސްކަމަށް ރާއްޖޭގެ ރައްޔިތުންގެ ވޯޓުން ޑޮކްޓަރ މުއިއްޒު ހޮވުމުން ބޭރުގެ ވަރަށް ގިނަ މީޑިއާތަކުން އެމަނިކުފާނު ސިފަކުރަނީ ޗައިނާއާއި ގާތް އިންޑިއާއާއި ދެކޮޅު ރައީސެއްގެ ގޮތުގައެވެ. އެކަމަށް ރައްދުދެއްވައި ޑޮކްޓަރ މުއިއްޒު ވިދާޅުވީ އެމަނިކުފާނު ހުންނަވާނީ ޕްރޯ މޯލްޑިވްސް ސިޔާސަތުގެ މަތީގައި ކަމަށެވެ.
"އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތަކީ ޕްރޯ މޯލްޑިވްސް ސިޔާސަތު. ޕްރޯ މޯލްޑިވްސް ސިޔާސަތަށް ތަބާވާ ހުރިހާ ޤައުމަކާއެކު އަޅުގަނޑުމެންނާ ވަރަށް ގާތް ރަޙުމަތްތެރި ގުޅުމެއް ބާއްވާނަން." ޑރ.މުޢިއްޒު ވިދާޅުވިއެވެ.
ރޭ ދެއްކެވި ވާހަކަފުޅުގައި ޑރ.މުޢިއްޒުވަނީ ރާއްޖޭގައި ތިބި އެހެން ޤައުމުތަކުގެ ސިފައިން ފޮނުވާލައްވާނެ ކަމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދު ތަކުރާރު ކުރައްވާފައެވެ. ވިދާޅުވީ ބޭރުގެ ސިފައިން ރާއްޖޭގައި ތިބެން ބޭނުން ނުވާކަން ދިވެހި ރައްޔިތުން ރިޔާސީ އިންތިޚާބުގެ ވޯޓުން ދައްކާފައިވާ ކަމަށެވެ. ނަތީޖާ އެއޮތީ ސާފުކޮށް ފެންނަން ކަމަށާއި އެހެންވީމާ ދިވެހިން ބޭނުންނުވާއިރު ބޭރުގެ ސިފައިން ބައިތިއްބާނެ ޖާގައެއް ނެތްކަމަށެވެ. އެކަމަކު އެމަނިކުފާނު އެކަން ކުރައްވާނީ ޑިޕްލޮމަސީގެ ރީތި އުސޫލުގެ މަތިންކަމަށް ވިދާޅުވިއެވެ.
މިހާރު ކުރިއަށްދާ އިންތިގާލީ މަރްހަލާގެ ތެރޭގައި ބޭރުގެ އެކިއެކި ގައުމުތަކުގެ ސަފީރުން ބައްދަލުކުރައްވަން އެދިވަޑައިގަންނަވަމުންދާ ކަމަށާއި އެބޭފުޅުންނާއި ބައްދަލުކުރައްވާއިރުވެސް އެމަނިކުފާނު ނަގަހައްޓަވާނީ ދިވެހި ގައުމުގެ މަސްލަހަތަށް އިސްކަންދޭ ގައުމުތަކާއެކު ގާތްކަން ބޭއްވުމުގެ ވިސްނުންފުޅުކަމަށް ވިދާޅުވިއެވެ.