ޚަބަރު

ޑިޕްލޮމަސީގެ ރީތި އުސޫލުގެ ތެރެއިން ރާއްޖޭގައި ތިބި ބޭރު ސިފައިން ފޮނުވާލާނަން: ޑރ.މުއިއްޒު


  • އޮންނަ އުސޫލުގެ ދަށުން ރާއްޖޭގައި ތިބި ބޭރު ސިފައިން ފޮނުވާލާނެ ކަމަށް ވިދާޅުވި

  • ޑރ.މުޢިއްޒު ވިދާޅުވީ، ޚިޔާރުކުރައްވާނީ ޕްރޯ މޯލްޑިވްސް ޚާރިޖީ ސިޔާސަތުކަމަށް

  • ރާއްޖެއާއި ގާތްގުޅުމެއް ބޭއްވޭނީ ރާއްޖޭގެ މަސްލަޙަތު އިސްކުރުމަށް ޖާގަދޭ ޤައުމުތަކާއެކު

ޑިޕްލޮމަސީގެ ރީތި އުސޫލުގެ ތެރެއިން ރާއްޖޭގައި ތިބި އެހެން ޤައުމުތަކުގެ ސިފައިން ރާއްޖެއިން ފޮނުވާލައްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އިންތިޚާބު ކާމިޔާބުކުރައްވާ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި އިސްކުރާނީ ދިވެހި ޤައުމުކަމަށެވެ. އަދި ދިވެހި ޤައުމުގެ ސިޔާސަތުތަކަށް ޤައުމުތަކުން ބޯލަނބާނަމަ އެޤައުމުތަކާއެކު ގާތްގުޅުމެއް ބާއްވަވާނެ ކަމަށް ވިދާޅުވަމުން ޑރ.މުޢިއްޒު ވިދާޅުވީ، އޮންނަ ހަމަތަކުގެ ތެރެއިން ރާއްޖޭގައި ތިބި އެހެން ޤައުމުތަކުގެ ސިފައިން ފޮނުވާލައްވާނެކަމަށެވެ.

"އަޅުގަނޑު އިސްކުރާނީ، ދިވެހި ޤައުމުގެ މަސްލަޙަތު ޙިމާޔަތްކުރެވޭ ސިޔާސަތު. އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތަކީ ޕްރޯ މޯލްޑިވްސް ސިޔާސަތު. ޕްރޯ މޯލްޑިވްސް ސިޔާސަތަށް ތަބާވާ ހުރިހާ ޤައުމަކީ އަޅުގަނޑުމެންނާ ގާތްރަޙުމަތްތެރިކަން އޮންނާނެ ޤައުމުތަކެއްކަމަށް އަޅުގަނޑު ދަންނަވަން. މިޤައުމުގަ ތިބި ބޭރު ސިފައިން އިރާދަކުރެއްވިއްޔާ މިޤައުމުން އޮންނަ ހަމަތަކުގެ ތެރެއިން ފޮނުވާލާނަން." ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ޑރ.މުޢިއްޒު ވިދާޅުވީ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުން ރައްޔިތުން ގޮތް ނިންމައިފިކަމަށެވެ. އެނިންމުމުގައިވެސް ރާއްޖޭގައި އެއްވެސް ޤައުމެއްގެ ސިފައިން ތިބެން ދިވެހިން ނޭދޭކަން ހާމަވާ ކަމަށެވެ. މުއިއްޒު ވިދާޅުވީ ބަވަނަ ވެފައިވާ ދުނިޔެއެއްގައި އެއްވެސް ޤައުމެއްގައި އެހެން ޤައުމެއްގެ ސިފައިން ތިބެން އެޤައުމަކުން ނޭދޭނަމަ އެނިންމުމަށް އެޤައުމަކުން އިހުތިރާމު ކުރާނެ ކަމަށެވެ. އެގޮތުގެ މަތިން ބޭރުގެ ސިފައިން ތިބެން ދިވެހީން ބޭނުންނުވާ ނަމަ، އެ ސިފައިން ވެސް ރާއްޖޭގައި ގާއިމުވެ ތިބެން ބޭނުން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކަމަށް އިޙްތިރާމްކުރާ ޤައުމުތަކާއެކު ވަރަށް ގާތްގުޅުމެއް އޮންނާނެކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ޑރ.މުޢިއްޒުގެ ވާހަކަފުޅުފައި ޓްރާންސިޝަން މުއްދަތުގައިވެސް ގިނަ ޤައުމުތަކުގެ ސަފީރުން ބައްދަލުކުރެއްވުމަށް އެދިވަޑައިގަންނަވަމުން ގެންދަވާ ކަމަށާއި އޮންނަ ހަމަތަކުގެ ތެރެއިން އެބޭފުޅުންނާއި ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.