ޚަބަރު

ކެމްޕޭންގެ ވަގުތު ހަމަވުމަށްފަހު އެއްވެސް ބްރޯޑްކާސްޓަރަކު އެފަދަކަމެއް ނުކުރުމަށް އިލްތިމާސްކުރައްވައިފި


  • އެއީ ޤާނޫނީގޮތުން މަނާކަމެއް، އެހެންކަމުން ފިޔަވަޅު އަޅާނެ

  • އިންތިޚާބުގެ ފުރަތަަމަ ބުރުގައިވެސް ބްރޯޑްކާސްޓަރުންގެ ފަރާތުން ފާހަގަވީކަމެއް

  • ކެމްޕޭން ކުރުން މަނާ ވަގުތުތަކެއް ޤާނޫނުގައި ބަޔާންކޮށްފައިވޭ

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ކުރުމުގެ ވަގުތު ހަމަވުމަށްފަހު އެއްވެސް ފަރާތަކުން އިންތިޚާބުގައި އެއްވެސް ކެންޑިޑޭޓަކަށް ތާޢީދުކުރުމުގެ ގޮތުން ނުވަތަ އެންޓި ކެމްޕޭންކުރުމުގެ އެއްވެސް ކަމެއް ނުކުރުމަށް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މަރްޔަމް ވަޙީދާ އިލްތިމާސްކުރައްވައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މަރްޔަމް ވަޙީދާ ވިދާޅުވީ، ފުރަތަމަ ބުރުގެ މަސައްކަތެކޭ އެއްގޮތަށް ދެވަނަ ބުރުގައިވެސް ރާއްޖޭގައި ޙަރަކާތްތެރިވަމުންދާ ބްރޯޑްކާސްޓަރުންގެ މަސައްކަތް ވަރަށް ގާތުން ބަލަމުންދާކަމަށެވެ. އެގޮތުން ރާއްޖޭގައި އެންމެ މެއިންސްޓްރީމްކޮށް ހިންގަމުން އަންނަ ޗެނަލްތަކުން ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުޞަތު ދެމުންދޭތޯ ބަލާފައިވާނެކަމަށް މަރްޔަމް ވަޙީދާ ވިދާޅުވިއެވެ.

ފުރަތަމަ ބުރުގައިވެސް ކޮންމެވެސް ވަރަކަށް ކުރިމަތިވި މައްސަލައެއްކަން ފާހަގަކުރައްވާ މަރްޔަމް ވަޙީދާ ވިދާޅުވީ، އިންތިޚާބުގެ ކެމްޕޭން ކުރުމަށް ކަނޑައަޅާފައިވާ ވަގުތު ހަމަވުމަށްފަހު ކެމްޕޭންކުރުމާއި ނުވަތަ އެންޓި ކެމްޕޭން ކުރުމުގެ އެއްވެސް ޙަރަކާތެއް އެއްވެސް ބްރޯޑްކާސްޓަރަކު ނުކުރެއްވުމަށް އިލްތިމާސްކުރައްވާކަމަށެވެ.

"ވަކި ގަޑިއެއްގެ ކުރިން އެބައޮވޭ ކެމްޕޭން ޙަރަކާތްތައް ހުއްޓާލަން. މިފަހަރުވެސް ކޮންމެވެސް ވަރަކަށް މައްސަލަ ދިމާވިކަމެއް ވީމަ އަޅުގަނޑުމެންގެ އެންމެ ބޮޑު އިލްތިމާސަކީ، މިފަދަ މެއިން ކަންކަމަށް ހުރިހާ ބްރޯޑްކާސްޓަރުންވެސް ސަމާލުވުން." މަރްޔަމް ވަޙީދާ ވިދާޅުވިއެވެ.


މަރްޔަމް ވަޙީދާ ވިދާޅުވީ ރިޔާސީ އިންތިޙާބާއި ގުޅިގެން ބްރޯޑްކާސްޓަރުންގެ ކަންކަން ދެވަނަ ބުރުގައިވެސް ވަރަށް ގާތުން ބަލަމުންދާކަމަށެވެ. އަދި އިންތިޚާބުގެ ހުރިހާކަމެއް އަމާންކަމާއެކު ކުރިއަށްގެންދިޔުމަށް ހުރިހާ ބްރޯޑްކާސްޓަރުންވެސް ހެދިފައި ހުންނަ އުޞޫލުތަކަށް ބޯލެނބުމަށްވަނީ އިލްތިމާސްކުރައްވާފައެވެ. މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް ބައެއް ފަރާތްތަކުން އިންތިޚާބާއި ދިމާކޮށް ބައެއް ބްރޯޑްކާސްޓަރުންނާއި ގުޅޭގޮތުން ޝަކުވާތަކެއް ލިބި އެމައްސަލަތައް ބަލާއިފައިވާކަން ބްރޯޑްކޮމްއިން ފާހަގަކުރައްވައެވެ.

ރިޔާސީ އިންތިޚާބުގައި ބްރޯޑްކާސްޓްކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތަކުން ރިޔާސީ އިންތިޚާބާއި ގުޅިގެން ކުރިއަށްގެންދާ ޙަރަކާތްތައް ބަލާ މޮނީޓަރކޮށް މިނިވަން ހަމަހަމަ ކެމްޕޭނެއް ކުރުމުގެ ފުރުޞަތު ހުރިހާ ކެންޑިޑޭޓުންނަށް ލިބިދޭކަން ކަށަވަރުކުރުމަކީ ބްރޯޑްކޮމްގެ މައްޗަށް ޤާނޫނީގޮތުން ބާރުއަޅާކަމެކެވެ. އަދި ހެދިފައިވާ އުޞޫލުތަކާއި އެއްވެސް ފަރާތުން ޚިލާފުވާނަމަ އެކަމަށް ފިޔަވަޅުވެސް އަޅަންޖެހެއެވެ.

އިންތިޚާބުގެ ކަންކަން ކުރިއަށްދާގޮތް ބަލާ މޮނީޓަރ ކުރުމަށް ބްރޯޑްކޮމްގައި ޚާއްސަ ތަމްރީނުތަކާއެކު މުވައްޒަފުންދަނީ ޙަރަކާތްތެރިވަމުންނެވެ. އަދި މިގޮތުން މޮނީޓަރިންއަށް ފާހަގަކުރެވޭ ކަންކަން އިންތިޚާބަށްފަހު 48 ގަޑިއިރުގެ ތެރޭގައި ރިޕޯޓެއްގެ ގޮތުގައި ޢާއްމުކުރުމަށްވެސް ބްރޯޑްކޮމްގެ މައްޗަށް ލާޒިމުކުރާކަމެކެވެ.