ޚަބަރު

އައު ވައުދުތަކެއް ނޫން؛ ހާމަކުރައްވަނީ މެނިފެސްޓޯގައި ހުރި ވަޢުދުތަކުގެ ތަފްސީލް: ރައީސް


  • ރައީސް ވިދާޅުވީ ކޮންމެކަމަކީ މެނިފެސްޓޯގައި ހުރި ކަންކަން

  • މިހާރު ހާމަކުރައްވަނީ އެކަންކަމުގެ ތަފްސީލް

  • ރައީސް ވިދާޅުވީ އެކި ދާއިރާތަކުގެ މީހުންނާ ބައްދަލުކުރައްވަމުންގެންދަވާ ކަމަށް

އެމްޑީޕީން މިހާރު އިޢުލާންކުރަމުންދާ ކަންކަމަކީ އައު ކަންތައްތަކެއް ނޫން ކަމަށާއި، އެކަންކަމަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމަނުއްވާފައި ހުރި ކަންތައްތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ސޯސަން ޖަގަހައިގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ރައީސް މިހެން ވިދާޅުވީ، އިންތިޚާބާއި ދިމާކޮށް އެމްޑީޕީން ގިނަ ވަޢުދުތަކެއް ވަމުން އަންނަކަމަށް ދެކެވޭ ވާހަކައާއި ގުޅިގެންނެވެ. ރައީސް ވިދާޅުވީ މިއީ އައު ވަޢުދުތަކެއް ނޫންކަމަށާއި، މިހާރު ހިއްސާކުރައްވަމުން ގެންދަވަނީ މެނިފެސްޓޯގައި ހުރި ވަޢުދުތަކުގެ ތަފްސީލްކަމަށެވެ. އެގޮތުން މަސްވެރިން އަތުން މަސް ގަންނަ އަގު ބޮޑުކޮށްދެއްވުމަކީވެސް މެނިފެސްޓޯގައި ހިމަނުއްވާފައިވާ ކަމެއްކަމަށެވެ. އަދި އިނާޔަތްތައް ބޮޑުކުރެއްވުމާއި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތަކީވެސް މެނިފެސްޓޯގައި ހިމަނުއްވައިގެން ކުރައްވަމުގެންދަވާ މަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ.

"ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް ގެނެސްފިން. އެބަ ކިޔާ އައު ވައުދުތައް އެބަވެޔޭ. ނަމަވެސް މިއިން ކޮންމެ ކަމަކީ މެނިފެސްޓޯގައި ހިމެނޭ ކަންކަން. އޭގެ ތަފްސީލް މި ދެނީ މިހާރު." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކި ދާއިރާތަކުން ބޭނުންވާ ކަންކަން އޮޅުންފިލުއްވުމަށް ވަރަށް ގިނަ އިތުރު މަސައްކަތްތަކެއް މި ދެ ހަފްތާގައިވެސް ކުރެވިއްޖެކަމަށެވެ. އެގޮތުން ތަޢުލީމީ ދާއިރާއާއި، ސިއްޙީ ދާއިރާއާއި، މަސްވެރިން، ރިސޯޓްތައް، ވިޔަފާރި، ޒުވާނުން ކުޅިވަރު އަދި ތިމާވެށި ފަދަ ދާއިރާތަކުގައި މަސައްކަތް ކުރާ މީހުންނާ ބައްދަލުކުރައްވައި އެމީހުންގެ ޝަކުވާތައް އަޑުއައްސަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަންކަމަށް މިހާރުން މިހާރަށް ހޯއްދަވައިދެއްވެން ހުރި ޙައްލު ހޯއްދަވައިދެއްވަމުން ގެންދަވާކަމަށްވެސް ވިދާޅުވިއެވެ.