ޚަބަރު

މަނަދޫ ބަނދަރު މަގުގައި ގާ އެތުރުމުގެ މަސައްކަތް ފަށައިފި


މަނަދޫ ބަނދަރު މަގުގައި ގާ އެތުރުމުގރ މަސައްކަތް ފަށައިފިއެވެ.

ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރައްވައިގެން ކުރިއަށްގެންދަވާ މަނަދޫ ބަނދަރު މަގު ތަރައްގީކުރުމުގެ ޕްރޮޖެކްޓުގެ މަސައްކަތް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފަށާފައިވާއިރު، ޕްރޮޖެކްޓުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށް މި ޕްރޮޖެކްޓުގެ ސަބް ކޮންޓްރެކްޓަރ ޑީއެންސީ އިން މައުލޫމާތުދެއެވެ.

އެގޮތުން މައިގަނޑު ތިން ކަމެއް ނިންމުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓުގެ ތެރެއިން މިހާތަނަށް ބަނދަރު މަގުގައި ބައްތި ޖެހުމާއި ޕޭވްމަންޓު ހެދުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ބަނދަރު މަގުގައި ގާ ޖެހުމުގެ މަސައްކަތް ކަމުގައި ވެސް މި ޕްރޮޖެކްޓުގެ ސަބް ކޮންޓްރެކްޓަރ ޑީ އެން ސީ އިން މައުލޫމާތުދެއެވެ.

މަނަދޫ ބަނދަރު މަގު ހަދައި، މަގުގައި ގާ އެތުރުމަށް ދިވެހި ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއެވެ. އެ ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ހައުސިންގ މިނިސްޓްރީ އިން އެމްޓީސީސީ އާއި އެކު ސޮއި ކޮށްފައިވަނީ 29 އޭޕްރީލް 2015 ގައެވެ.

ޖުމްލަ 12 މިލިޔަން ދިވެހި ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓްގެ ދަށުން މަނަދޫ ބަނދަރު ސަރަހައްދު ގައި 530 މީޓަރު ދިގު އަދި 15 މީޓަރު ފުޅާ މަގެއް ގާ އަތުރައިގެން ހަދަން ހަމަޖެހިފައިވެއެވެ. އަދި އެއްގަމު ތޮއްޓާ އިންވެގެން 5 މީޓަރު ފުޅާ ޕޭވްމަންޓެއް ހެދުމުގެ އިތުރުން ބަނދަރު ބައްތިތައް ޖެހުންވެސް ހިމެނެއެވެ.

އެމްޓީސީސީ އިން ހައުސިންގ މިނިސްޓްރ އާއި އެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން މަޝްރޫޢު ފަށާތާ 190 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހެއެވެ.

މި ޕްރޮޖެކްޓުގެ މަސައްކަތް ޑީއެންސީ އިން ސަބް ކޮންޓްރެކްޓަށް ކުރާގޮތަށް ހަމަޖެހިފައިވަނީ އެމްޓީސީސީގެ ޓެކްނިކަލް ޓީމުގެ ބެލުމުގެ ދަށުން ކަމަށް މަނަދޫ ކައުންސިލުން ހާމަކުރެއެވެ.