ރަށްތަކުގައި ތަރައްގީގެ މަޝްރޫއުތައް މި ސަރުކާރުން ހިންގަނީ އާބާދީ ބޮޑުވެގެން، ނޫނީ އެ ރަށް ސިޓީއަކަށްވުމުން ނޫންކަމަށް ވިދާޅުވެ، އާބާދީ ބޮޑެތި ރަށްރަށް އެކަނި ތަރައްޤީކުރުމަށް ބައެއް ކެންޑިޑޭޓުން ގެންގުޅުއްވާ ސިޔާސަތުތަކަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް ފާޑުވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ މަނަދޫގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ ކޮންމެ އިންތިހާބަކަށް ވެސް ނިކުންނަވަނީ، ސިޔާސަތުތަކަކާ އެކު މެނިފެސްޓޯއެއް ހިފައިގެން ކަމަށާއި، އެ މަނިކުފާނު މި ދައުރަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވަމުން ގެންދަވާ ކަމަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ މަނިކުފާނާ ވާދަކުރައްވާ ވާދަވެރިންގެ ސިޔާސަތުތައް ހާމަކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ވާދަވެރިންގެ ގިނަ ވައުދުތަކަކީ މިހާރު ވެސް އެ މަނިކުފާނުގެ ސަރުކާރުން ކޮށްދީފައިވާ އަދި ކޮށްދެމުން އަންނަ ކަންތައްތަކެއްކަމަށެވެ.
މި ޖަލްސާގައި ރައީސް ވަނީ އިދިކޮޅު ކެންޑިޑޭޓުންގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެފައެވެ. މިގޮތުން ރައީސް ވިދާޅުވީ އެއްބަޔަކު އާބާދީ ބޮޑެތި ރަށްތައް ތަރައްޤީ ކުރުމަށް މަސައްކަތްކުރިނަމަވެސް އެމްޑީޕީގެ ސިޔާސަތަކީ ދިވެހި ކޮންމެ ރައްޔިތަކަށް ހައްޤުވާ ކަންތަތައްތައް ކޮށްދިނުމަށްކަމަށެވެ.
"ތިމަންނަގެ އަމާޒަކީ އާބާދީ ބޮޑެތި ރަށްތަކަށް ،މީހުން ގިނަ ރަށްރަށަށް ކަންތައްތައް ކޮށްދިނުމޭ. އެއީ ތަފާތަކީ. އަޅުގަނޑުމެން އެންމެ އިސްކަންދޭނީ ދިވެހި ފަރުދުންނަށް. ކޮންމެތާކު ކޮންމެ ރަށެއްގައި ހުރިނަމަވެސް ދިވެހިންނަށް ޙައްޤުވާ ކަންތައްތަކެއް ހުރޭ" އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވަކި ބަޔަކަށް ކަންކަން ކޮށްދިނުމުން ހިނގާނީ އަނިޔާވެރިކަންކަމަށާއި، މީގެ ކުރިން އެފަދަ ވެރިކަމެއް ފެނިފައިވާކަމަށެވެ. އަދި ދެން އެފަދަ ހާލަތަކަށް ރާއްޖެ ދިއުމަށް ދޫކޮށްނުލައްވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސް ވަނީ 2 ވަނަ ދައުރެއްގައި މަނަދުއަށް ކޮށްދެއްވާނެކަންތައްތައް ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. މިގޮތުން މަަނަދޫގެ ރައްޔިތުން އެދޭގޮތަށް އިތުރު މަގުތައް ޒަމާނީ ފެންވަރަށް ތާރުއަޅައިގެން ތަރައްޤީކޮށްދެއްވާނެކަމަށް ރައީސް ވަޢުދުވެވަޑައިގެންނެވިއެވެ. އަދި އެރަށުގައި މިހާރު އޮތް މައްސަލަ ބޮޑުވެފައިވާ ނަރުދަމާއަށް ހައްލެއް ގެނެސްދެއްވާނެކަމަށާއި، މަސްވެރިންނަށް ޚާއްސަކޮށްގެން ފަސޭހައިން އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި މަނަދޫގައި އައިސްޕްލާންޓެއް އަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ދެވަނަ ދައުރުގައި މަނަދޫގައި ލޯކަލް މާރުކޭޓަކާއި ސްކޭޓެއްގެ އިތުރަށް ރައްޔިތުން ދަތުރުދާނެ ރަށެއްވެސް ތަރައްޤީކޮށްދެއްވާނެކަމަށެވެ. އަދި ރަށްގިރުމުގެ މައްސަލަ ހައްލުކޮށް ރައްޔިތުން ބޭނުންވާގޮތަސް ބަނދަރުގައި ޖެޓީއެއް ތަރައްޤީކޮށްދެއްވުމަށްވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ވަޢުދުވެވަޑައިގެންނެވިއެވެ.