ޚަބަރު

އެންމެ އިސްކަމެއް ދެއްވާނީ މަސްތުވާތަކެތިން ޤައުމު ސަލާމަތް ކުރެއްވުމަށް: އުމަރު


  • މަސްތުވާތަކެއްޗަށް އިސްކަންދިނީ ސީދާ ރައްޔިތުންނާއި ގުޅުންހުރި މައްސަލައަކަށްވާތީ

  • 7000 އަށްވުރެ ގިނަ އާއިލާގެ ތެރެއަށް މަސްތުވާތަކެތި ވަދެފައިވޭ

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އުމަރު ނަސީރުގެ މެނިފެސްޓޯގެ އެންމެ ކުރީގައި އޮތީ މަސްތުވާތަކެތިން ޤައުމު ސަލާމަތްކުރުން ކަމަށް އުމަރު ވިދާޅުވެއްޖެއެވެ. އުމަރު މިހެން ވިދާޅުވީ، ރޭ ބޭއްވި ނެއިބަރހުޑް ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އުމަރު ނަސީރު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައަކީ މުޅި ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައެއްކަމަށެވެ. މިކަމުގެ ސަބަބުން މުޅި މުޖްތަމައު ހަލާކުވަމުންދާކަމަށެވެ.

ކޮންމެ ސަރުކާތެއް އޮތް ނަމަވެސް މަގު ހެދުމާއި ބަނދަރު ހެދުމާއި، މިކަހަލަ ކަންކަން ކުރާނެކަމަށާއި، ނަމަވެސް މަސްތުވާތަކެތީގެ މައްސަލައަކީ އާއިލާތަކާއި ގުޅިފައިވާ މުހިންމު މައްސަލައަކަށް ވުމުގެ ސަބަބުން މިކަން ހައްލުކުރުމަށް ޖެހިލުންކުޑަ ލީޑަރެއް ބޭނުންވާކަމަށެވެ. އެހެންކަމުން އުމަރު ނަސީރުގެ މެނިފެސްޓޯގައި 1 ވަނަ 2 ވަނަ އަދި 3 ވަނައިގައިވެސް އޮތީ ރާއްޖެ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރުންކަމަށް އޭނާ ވިދާޅުވިއެވެ.

"އެއްވެސް ބޭފުޅަކު ހީފުޅުނުކުރައްވާތި ތިމަންނައާއި ހިސާބަށް މަސްތުވާ އެއްޗިއްސެއް ނާންނާނެއޭ. އަންނާނެ ކޮންމެ ގެއަކާއި ހިސާބަށްވެސް އަންނާނެ. ކޮންމެވެސް ސިފައެއްގައި އަންނާނެ. އެހެންވީމަ އަޅުގަނޑުގެ މެނިފެސްޓޯގައި 1 ގައިވެސް 2ގައިވެސް އަދި 3 ގައިވެސް އޮތީ މަސްތުވާއެއްޗެތިން މި ޤައުމު ސަލާމަތްކުރުން." އުމަރު ނަސީރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، ރާއްޖޭގެ 7000 އަށްވުރެ ގިނަ އާއިލާގެ ތެރެއަށް މަސްތުވާތަކެތި ވަދެފައިވާކަމަށެވެ. ނަމަވެސް މިއީ ސިޔާސީ ބޭފުޅުން ނުދައްކާ ވާހަކައެއްކަމަށެވެ. އުމަރުގެ މެނިފެސްޓޯގައި މަސްތުވާތަކެތީގެ މައްސަލައަށް އެހާބޮޑު އިސްކަމެއް ދީފައިވަނީ މިއީ ސީދާ އާންމު ރައްޔިތުންނާއި ގުޅުންހުރި މައްސަލައަކަށްވާތީކަން އޭނާ ވިދާޅުވިއެވެ.