ތަޢުލީމު

ޒަމާނީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަކީ އަމާޒެއް- އެމްއެންޔޫ


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ފަހުގެ ޓެކްނޮލޮޖީ އާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޒަމާނީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދޭ މުއައްސަސާއަކަށް ހެދުމަކީ އަމާޒެއްކަމުގައި ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ޗާންސެލަރ މިހެން ވިދާޅުވީ ޤައުމީ ޔުނިވަރސިޓީއަށް ރަޖިސްޓްރަރ، ޑީން އަދި ވެރިޔަކު އައްޔަންކޮށް ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ޑީން އަކަށް ޢައްޔަންކުރައްވާފައިވަނީ އައްޝައިޚް އަލީ ޒާހިރު، ރަޖިސްޓްރަރގެ މަޤާމަށް ސައުދުﷲ އަލީ ޢައްޔަންކުރައްވާފައިވާއިރު، ސެންޓަރ ފޯރ އޯޕަން ލާރނިންގގެ ވެރިޔަކަށް ޢައްޔަންކުރެއްވީ ރާމިޒް އަލީއެވެ. މިތިން ބޭފުޅުންނަށް ލިޔުން ހަވާލުކޮށްދެއްވީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ އަލީ ފަވާޒުއެވެ.

ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ލަތީފް ގެ ވާހަކަފުޅުގައި، ރާއްޖެއަށް ބޭނުންވާ ތަރައްޤީ ގެނައުމުގެ ނާރެހެއްގެ ގޮތުގައި ކަނޑައަޅުއްވާ އުފައްދާފައިވާ ޤައުމީ ޔުނިވަރސިޓީއިން އެބަދަލުތައް ގެނައުމަށް މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އެގޮތުން ކޮންމެ ޔުނިވަރސިޓިއަކުންވެސް މަސައްކަތްކުރަންވީ ޤަޢުމުގެ މަސްލަޙަތާއި ކުރިއެރުމަށްކަމަށް ވިދާޅުވިއެވެ.

ޔުނިވަރސިޓީގެ ކޮންމެ ފެކަލްޓީއަކުންވެސް، ޤައުމަށް ބޭނުންވެފައިވާ ދާއިރާތަކުން އަހަރަކު މަދުވެގެން 2 ދިރާސާ ކުރެއްވުމަށް ޗާންސެލަރ އެދިވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި މަޤާމްތަކަށް ޢައްޔަންކުރެއްވި ބޭފުޅުންވަނީ ޔުނިވަރސިޓީއަށް އެންމެ ފައިދާހުރި ގޮތަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

ދެހާސްއެގާރަވަނަ އަހަރު އުފެދުނު ޤައުމީ ޔުނިވަރސިޓީ އިން ސެޓްފިކެޓް ލެވެލްގެ އެކިއެކި ކޯސްތަކުން  ފެށިގެން ޕީއެޗްޑީ ފެންވަރުގެ ކޯސްތައް ދަނީ ހިންގަމުންނެވެ.