ދިވެހިރާއްޖެއަކީ ފުރާ ފުރިހަމަވެފައިވާ ޑިމޮކްރަސީއެއް ހިނގާ ޤައުމަކަށް ބަދަލުކުރައްވާނެ ކަމުގައި ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
މިރޭ ޖެނީވާގައި ކުރިއަށްދިޔަ އ.ދގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކައުންސިލްގެ އެއްތިރީސްވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވުމުން ޚާރިޖީ ވަޒީރު ވިދާޅުވީ ދިވެހިރާއްޖެއަކީ ފަރުދުންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، އިންސާނީ ތަރައްޤީ ދަމަހައްޓާ، ފާގަތިކަން އިތުރުކުރުމަށް މަގުފަހިކޮށްދޭ ދިމިޤުރާތީ ނިޒާމެއް އޮތްޤައުމަކަށް ހައްދަވާނެކަމަށެވެ.
މިކަންތައްތަކަކީ މަދުދުވަސްކޮޅެއްގެ ތެރޭގައި ނުވަތަ ހަފްތާތަކެއްގެ ތެރޭގައި ނުވަތަ އަހަރުތަކެއްގެ ތެރޭގައިވެސް ޙާޞިލްކުރެވޭނެކަމެއް ނޫންކަމަށާއި މިފަދަ ބޮޑު ކަމެއް ޙާޞިލު ކުރުމަށް ކުރެވޭ މަސައްކަތް އެންމެ މަދުވެގެންވެސް ޖީލު ތަކަކަށް ދެމިގެންދާނެކަން ތާރީޚު ދައްކުވައިދީފައިވާކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި މިކަން ޙާޞިލުކުރުމަށްޓަކައި އެހީތެރިކަމާއި އެއްބާރުލުމާއި މިކަމުގައި ކުރިއަށްދާނެމަގު ދައްކުވައިދިނުމަށް ދިވެހިރާއްޖެއިން ބޭނުންވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ނަމަވެސް މި އުދަނގޫ ދަތުރުގައި ނުފޫޒާއި ގަދަބާރުން ކަންކުރުވުމަށް އެހެން ޤައުމުތަކުން މަސައްކަތްކުރުމަކީ ދިވެހިރާއްޖެއިން ބޭނުންވާނެކަމެއް ނޫންކަމަށް ދުންޔާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއިން އެދޭ އެދުމަކީ ދިވެހިންނަށް އަމިއްލައަށް މިމަސައްކަތްކުރުމުގެ ފުރުޞަތާއި ވަގުތު ދީ، މިކަމުގައި ދިމާވާ ގޮންޖެހުންތަކާއި އަމިއްލަޔަށް ކުރިމަތިލާ އެކަމުން އެކަމުން ފިލާވަޅުލިބިގަނެގެން ކުރިއަށްދިޔުމުގެ ފުރުޞަތު ދިނުންކަމަށްވެސް މިނިސްޓަރ ދުންޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ސިޔާސީ ގޮތުން ފުރާފުރިހަމަވެފައިވާ ފުދުންތެރި ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ޅަފަތުގައި އޮތް ޑިމޮކްރަސީ ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތްކުރުންކަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ސަރުކާރުން ޤަބޫލުކުރައްވާކަމުގައިވެސް މިނިސްޓަރ ދުންޔާގެ ތަޤުރީރުގައި ފާހަގަކުރެއްވިއެވެ.