ޚަބަރު

ރަންބީރާއި ޝްރަދާ އެކުގައި ފެންނަ ފުރަތަމަ ފިލްމުގެ އަންނަ މާރިޗުގައި


2019 ވަނަ އަހަރު އިއުލާނުކޮށްފައިވާ ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ރަންބީރް ކަޕޫރާއި ޝްރަދާ ކަޕޫރް އެކުގައި ސްކްރީނުން ފެންނަ ފުރަތަމަ ފިލްމުގެ ޓީޒާއެއް ދައްކާލައިފިއެވެ.

ޓީޒާ ދައްކާލާފައިވާއިރު، މި ފިލްމުގެ ނަންވެސް ވަނީ ފުރަތަމަ ފަހަރަށް އާންމުކޮށްފައެވެ. 2018 ވަނަ އަހަރު ދެއްކި ހިޓް ފިލްމު "ސޯނޫ ކީ ޓިޓޫ ކީ ސްވީޓީ" ގެ ޑައިރެކްޓަރު ލަވް ރަންޖަންގެ އާ ފިލްމުގެ ނަމަކީ "ތޫ ޖޫޓީ މޭ މައްކާރް" އެވެ.

ޓީޒާ އިން ފެންނަ ގޮތުގައި މިއީ ރޮމޭންޓިކް ކޮމެޑީއެކެވެ. އަދި މީގައި އެންމެ ބޮޑަށް ފާހަގަކޮށްލެވޭނީ ރަންބީރާއި ޝްރަދާގެ ކެމިސްޓްރީއެވެ. ލަވްގެ ފިލްމުތަކަކީ އަބަދު ވެސް ވަރަށް ކުލަގަދަ، ހިތްގައިމު ފިލްމުތަކަށްވާތީ "ތޫ ޖޫޓީ މޭ މައްކާރް" ވާނީ ލޯބީގެ ފިލްމުތަކަށް ލޯބިކުރާ މީހުންނަށް ވަރަށް ކަމުދާނެ އެއްޗަކަށް ކަމަށް ބެލެވެއެވެ.


ބެލުންތެރިންނަށް މި ފިލްމު ހާއްސަވާނެ އިތުރު ސަބަބެއް ވެސް އެބައޮތެވެ. އެއީ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރްގެ ބޭބެ އަދި ކުރީގެ ބަތަލާ ސްރީދޭވީގެ ފިރިމީހާ ބޯނީ ކަޕޫރް އަލަށް ފިލްމަކުން ފެނުމެވެ. ބޯނީ އަކީ އަރުޖުން ކަޕޫރާއި ޖާންވީ ކަޕޫރްގެ ބައްޕައެވެ. "ތޫ ޖޫޓީ މޭ މައްކާރް" ގެ ކާސްޓްގައި ޑިމްޕަލް ކަޕާޑިއާ ވެސް ހިމެނެއެވެ.

މި ފިލްމު ސިނަމާތަކަށް ގެންނަ ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މާރިޗުމަހުގެ 8 ވަނަ ދުވަހުއެވެ. "ތޫ ޖޫޓީ މޭ މައްކާރް" އާއި ބެހޭ ގޮތުން ރަންބީރު ދާދި ފަހުން ބުނެފައި ވަނީ މިއީ އޭނަގެ އެންމެ ފަހު ރޮމޭންޓިކް ކޮމެޑީ އަށް ވެދާނެ ކަމަށެވެ.

ރަންބީރު ކުރިން ކުޅުނު މި ޖޯންރާގެ ފިލްމުތަކުގެ ތެރޭގައި 2008 ވަނަ އަހަރު ދެއްކި "ބަޗްނާ އޭ ހަސީނޯ" އާއި 2010 ވަނަ އަހަރު ދެއްކި "އަންޖާނީ އަންޖާނީ" ގެ އިތުރުން 2013 ވަނަ އަހަރު ދެއްކި "ޔޭ ޖަވާނީ ހޭ ދީވާނީ" ހިމެނެއެވެ.

މިއަހަރު ރިލީޒްވި ރަންބީރުގެ "ބްރަމަސްތްރާ" ގައި އޭނާ ދެއްކި މޮޅު އެކްޓިންއަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، "ތޫ ޖޫޓީ މޭ މައްކާރް" އަކީ އަންނަ އަހަރު ރިލީޒްވާން އޮތް ރަންބީރުގެ ދެ ފިލްމުގެ ތެރެއިން ފުރަތަމަ ފިލްމެވެ. އަނެއް ފިލްމަކީ އަންނަ އަހަރުގެ އޮގަސްޓް 11 އަށް ތާވަލުކޮށްފައި އޮތް ޑާކް ތުރިލާ "އެނިމަލް" އެވެ. މި އަހަރު ރިލީޒްވި ރަންބީރުގެ ދެވަނަ ފިލްމަކީ "ސަމްޝޭރާ" އެވެ.