އެންޓި ކޮރަޕްޝަން ކޮމިޝަން އެސީސީން 1681 މައްސަލަ ބަލަންޖެހޭ ކަމަށާއި، މިހާތަނަށް އައު ކޮމިޝަނުން 10 މައްސަލައެއް ނިންމާފައިވާކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އޭސީސީން މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތާއި ކޮމިޝަންގައި މިހާރު ހުރި މައްސަލަތުގެ ތަފްސީލް ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮމިޝަންގެ މެމްބަރު އަލްއުސްތާޛް ޠާހާ މުހައްމަދު ވިދާޅުވީ މިހާރު އޮތް ކޮމިޝަންގެ މެމްބަރު އޭސީސީއާއި ހަވާލުވިއިރު، 1673 މައްސަލަ އޮތްކަމަށެވެ. އާކޮމިޝަންގެ ދައުރު ފެށުނު ފަހުން 25 މައްސަލަ ހުށަހެޅިފައިވާއިރު، އޭގެ ތެރެއިން 18 މައްސަލަ ރަޖިސްޓްރީކޮށްފައިވާއިރު އޭގެ ތެރެއިން 7 މައްސަލައެއް ދޫކޮށްލާފައިވާކަމަށްވެސް ތާހާ ވިދާޅުވިއެވެ. އަދި މީގެ ތެރެއިން 10 މައްސަލަ ކޮމިޝަނުން ނިންމާފައިވާކަމަށްވެސް ޠާހާ ވިދާޅުވިއެވެ.
ޠާހާ ވިދާޅުވީ އޭސީސީއަށް މައްސަލަތައް ހުށަހަޅާ ގޮތަށް ބަދަލުތަކެއް ގެނައުމަށް ކޮމިޝަނުން ނިންމާފައިވާކަމަށެވެ. މީގެ ކުރިން ކޮމިޝަންގެ އިޚްތިޞާސް ނުހިމެނޭ މައްސަލަތަކާއި، އަދި ކޮމިޝަންގެ ގަވާއިދަށް ނުފެތޭ މައްސަލަވެސް ހުށަހެޅޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިފަދަ މައްސަލަތަކުގައި މިހާތަނަށް ގޮތް ނިންމާފައިވަނީ ކޮމެޓީގެ މެމްބަރުންގެ ބައްދަލުވުމަކުންކަމަށާއި ނަމަވެސް މިހާރު ހުށަހަޅާ މައްސަލަތައް ރަޖިސްޓްރީކުރުމުގެ ބާރު އޭސީސީގެ ރަޖިސްޓްރާއަށް ދޭ ގޮތަށް ކޮމިޝަނުން ނިންމާފައިވާކަމަށް ތާހާ ވިދާޅުވިއެވެ. މީގެއިތުރުން ކޮމިޝަނަށް މައްސަލަތައް ހުށަހަޅާ ފޯމާއި، ހުށަހަޅަންޖެހޭ ގޮތަށްވެސް ބަދަލު ގެނައުމަށް ނިންމާފައިވާކަމަށް ތާހާ ވިދާޅުވިއެވެ.
އޭސީސީގެ ތަހުގީގް މަރުހަލާގައި ހުރި މައްސަލަތަކާއި ގުޅިގެން ކޮމިޝަންގެ ނައިބް ރައީސް އަލްއުސްތާޛް އަބްދުއްސަލާމް ވިދާޅުވީ ތަހުގީގް މަރުހަލާގައި 1124 މައްސަލަ އެބައޮތްކަމަށެވެ. އަދި އަހަރުގެ ފުރަތަމަ ކުއާޓާގައި ނިންމުމަށް މީގެ ތެރެއިން 136 މައްސަލައޮތް އޮތްއިރު، 162 މައްސަލައެއް އިވެލުއޭޝަން ނިންމައި، ކޮމިޝަންގެ މެމްބަރުންނާއި ހަމައަށް ލިބިފައިވާކަމަށާއި، މީގެ ތެރެއިން 12 މައްސަލަ ކޮމިޝަނުން ނިންމާފައިވަކަމަށް ސަލާމް ވިދާޅުވިއެވެ.
އޭސީސީން ވަނީ އެކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްލޭންވެސް ހިއްސާ ކުރައްވާފައެވެ. އެގޮތުން ދައުލަތުގެ ތެރޭގައި ފާހަގަ ކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ވީހާވެސް އަވަހަށް ނިންމުމަށްޓަކައި، "އާބާބު" ގެ ނަމުގައި، ކޮމިޝަނުން ވަނީ މަސައްކަތް ކުރާނެ އުސޫލެއްވެސް ހިއްސާ ކޮށްފައެވެ.