ކޮވިޑްގެ ހާލަތުން ދިވެހިރާއްޖެ އަރައިގަނެ އިގްތިސާދު އަލުން ނެގެހެއްޓުމަށްޓަކައި ޒުވާނުންނަށް ޚާއްސަކޮށްގެން ހިންގަމުންދާ "ސްކިލްސް ފޮރ އަ ރެޒެލިއެންޓް ވޯކްފޯސް" ޕްރޮގްރާމްގެ ދަށުން 350 ދަރިވަރުން ތަމްރީންކުރުމަށް އަމިއްލަ 3 ފަރާތަކާއި ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންއިން ހިންގަމުންދާ "ސްކިލްސް ފޮރ އަ ރެޒެލިއެންޓް ވޯރކްފޯސް ޕްރޮގްރާމް"ގެ ދަށުން ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާއިން 11 ކޯހަކުން 350 ދަރިވަރުން ތަމްރީނުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ދަރިވަރުން ތަމްރީންކުރަން ހަވާލުކޮށްފައިވަނީ ޒިކުރާ އިންޓަނޭޝަނަލް ކޮލެޖް، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އަދި މޯލްޑިވްސް މެރިޓައިމް އެކަޑެމީއާއެވެ.
ސްކިލްސް ފޮރ އަ ރެޒެލިއެންޓް ވޯރކްފޯސްގެ ކޯސްތައް ހިންގަން ތިން ފަރާތަކާއި ހަވާލުކުރުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޑރ.އިބްރާހިމް ހަސަން ވިދާޅުވީ މީހުން ބިނާ ކުރުމުގެ މަސައްކަތަކީ މި ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ މަސައްކަތެއްކަމަށެވެ. އަދި އެކި ފަރާތްތަކުން މިނިސްޓްރީއާއި އެކުގައި މީހުން ބިނާކުރުމަށް ދެއްވާ އެއްބާރުލުމާއި ބަހައްޓާ ގާތްކަމަށް ވަރަށް އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
" އަޅުގަނޑުމެން މި ޕްރޮގްރާމްގެ ދަށުން އިތުރު 35 ކޯހަށް ހުށަހަޅައިދިނުމަށްޓަކައި އެކަމަށް ކުރިމަތިލާ ފަރާތްތަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން. ކުރީގެ ފަރާތްތަކާ ހިލާފަށް މިހާރު އަޅުގަނޑުމެން މި ހުޅުވާލާ ކޯސްތަކުގެ ދަރިވަރުން ބައިވެރިކުރެވޭނެ އެ ދަރިވަރުންނަކީ ކޮންމެސް ތަނެއްގަ ވަޒީފާ އަދާކުރާ ދަރިވަރުންނަށް ވިޔަސް" މިނިސްޓަރ ވިދާޅުވިއެވެ.
Today,3 training providers were awarded 11 courses to train 350 students under the “Skills For a Resilient Workforce (SFRW)” program which is an initiative by @MOHEmv to build the nation with skilled & resilient youth. Congratulations! @mitmaldives @AcademyMaldives @Zikura pic.twitter.com/bCFcOLrJbR
— Ministry of Higher Education (@MoHEmv) February 24, 2022
މި ޕްރޮގްރާމުގެ ކޯސްތައް ހިންގަން ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރޭގައި ދަނޑުވެރިކަން، އައި.ސީ.ޓީ، ފަތުރުވެރިކަން އަދި އިމާރާތްކުރުމުގެ ދާއިރާއިން ގައުމީ ސަނަދު ލެވެލް 3 ގެ ކޯސްތައް ހިމެނެއެވެ. މި ޕްރޮގްރާމަކީ ވާދަވެރި ވަޒީފާގެ ބާޒާރެއް އުފައްދައި ރާއްޖެއިން ބޭރުގެ މަސައްކަތްތެރިންނަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ދަށުން އިތުރު 35 ކޯހެއް ހިންގުމަށް މިނިސްޓްރީން ވަނީ އިއުލާން ކޮށްފައެވެ. މި ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ މާޗް މަހުގެ 10 ވަނަ ދުވަހުއެވެ.
2021 ވަނަ އަހަރު 14 ކޯހެއް ހިންގަން އަމިއްލަ 4 ފަރާތަކާއި ހަވާލުކޮށް 565 ދަރިވަރުން ތަމްރީނު ކުރުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ. އޭގެތެރެއިން މިހާތަނަށް 83 ދަރިވަރުން ވަނީ ދަސްވެނިވެ، ޤައުމީ ސަނަދުވެސް ހާސިލުކޮށްފައެވެ.