ޚަބަރު

ޑްރަގުގެ ނުފޫޒު ނައްތާލައި ފުލުހުންގެ މުއައްސަސާ ހަރުދަނާކުރެވިއްޖެ


  • ފުލުހުންގެ ދައުރު އަދާކުރުމުގެ ޤާބިލުކަން އިތުރުވެފައިވާ ކަމަށް ވިދާޅުވި

  • ޑްރަގް އެންފޯސްމަންޓުގައި ހުރި ނޭދެވޭ ނުފޫޒުތައް ނައްތާލާފައިވާ ކަމަށް ވިދާޅުވި

ފުލުހުންގެ މުއައްސަސާގެ ތެރޭގައި ކުރިން އޮތް މަސްތުވާތަކެތީގެ ނޭދެވޭ ނުފޫޒުތައް ނައްތާލައި، އެ ޚިދުމަތް އިތުރަށް ހަރުދަނާ ކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، 'ޕަލްސް' ޕޮޑްކާސްޓް ސީރީޒްގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތް ކުރުމަށްޓަކައި ފުލުހުންގެ ދައުރު އަދާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. މި މަސައްކަތްތަކުގެ މައިގަނޑު ބޭނުމަކީ، ފުލުހުންގެ އިދާރާތަކުގެ ތެރެއިންވެސް މަސްތުވާތަކެތީގެ މައްސަލަތަކަށް ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުކޮށް، ފުލުހުން ބާރުވެރިކުރުވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ސަރުކާރާ ޙަވާލުވެވަޑައިގެން ފުރަތަމަ ބެއްލެވިއިރު، ފުލުހުންގެ ޑްރަގް އެންފޯސްމަންޓުގެ ތެރޭގައި ނޭދެވޭ ނުފޫޒުތަކެއް ހުރިކަން ފާހަގަކުރެވުނު ކަމަށް ވިދާޅުވިއެވެ. ނަމަވެސް މިހާރު އެފަދަ ނުބައި އަމަލުތަކަށް އޮތް ފުރުސަތުތައް ނައްތާލާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މީގެ ކުރީގައި އަޅުގަނޑު ފުރަތަމަ އައިސް ބަލާލީއިރުގައި ފުލުހުންގެ ތެރޭގައި ނޭދެވޭ ނުފޫޒުތައް ހުރި ޑްރަގު އެންފޯސްމެންޓުގެ ތެރޭގައި. މިސާލަކަށް ރެއިޑު ކޮށްގެން ހޯދާ ތަކެތި އަނެއްކާވެސް އަނބުރާ މުޖުތަމަޢަށް ދިއުމާއި، ނުބައި ނުފޫޒުތައްވެސް ހުރި. އެކަންކަންވެސް ނައްތާލާ އިރާދަކުރެއްވިއްޔާ ފުލުހުންގެ އިދާރާގެ ތެރޭގައި މިހާރު ވަރަށް ނީވޭނެ މިދެންނެވި ނުބައި އަމަލުތަކަށް ފުރުސަތު ލިބޭ ވާހަކަ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ގޭންގު ކުށްތަކާއި މަސްތުވާތަކެތީގެ މައްސަލަތައް ޙައްލުކުރުމަށް އިދާރާތައް ހަރުދަނާ ކުރުމަށް ކުރި މަސައްކަތުން އެދެވޭ ނަތީޖާތަކެއް ފެންނަމުންދާ ކަމަށެވެ. އެގޮތުން ގޭންގު ކުށްތަކުގައި ބައިވެރިވާ މީހުންގެ އަދަދު މަދުކުރެވި، ގޭންގު މަރުތައްވެސް ވަރަށް ބޮޑުތަނުން ދަށްކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ޙައްލު ކުރުމަށް އެކި އިދާރާތަކުން ގުޅިގެން މަސައްކަތްކޮށް، ކަމާގުޅޭ މުއައްސަސާތައް ހަރުދަނާ ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށެވެ. އަދި އެންމެން ގުޅިގެން ކުރާ މި މަސައްކަތުން މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ އަދި އެދެވޭ ޙައްލެއް ލިބޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.