ޚަބަރު

ކާޑު މެޝިން ބޭނުންކުރާ ވިޔަފާރިތަކަށް ހެޔޮ ބަދަލުތަކެއް


  • 5 ދުވަސްތެރޭގައި ފައިނޭންސިންގ ލިބޭނެ ގޮތަށްވަނީ ބަދަލުކޮށްފައި

  • މުއާމަލާތްތަކަށް ބަލައި 2 މިލިޔަން ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭނެ

ބީއެމްއެލްގެ ކާޑު މެޝިން ބޭނުންކުރާ ވިޔަފާރިތަކަށް ދޫކުރާ ފައިނޭންސް 'އެޑްވާންސް މާޗަންޓް ސެޓްލްމަންޓް' ޚިދުމަތަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ. މި ޚިދުމަތަށް އެދި ބީއެމްއެލް އިންޓަރނެޓް ބޭންކިންގ ނުވަތަ މޮބައިލް އެޕްގެ މެދުވެރިކޮށް ހުށަހެޅޭނެއެވެ.

ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރާއްޖޭގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހަކަމާއެކު އަވަހަށް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 'އެޑްވާންސް މާޗަންޓް ސެޓްލްމަންޓް' ޚިދުމަތަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ.

އެގޮތުން އެ ޚިދުމަތަށް އެދި ހުށަހެޅުމުގެ މަރުހަލާ އިތުރަށް ފަސޭހަކޮށް، 5 ދުވަސްތެރޭގައި ފައިނޭންސިންގ ލިބޭނެ ގޮތަށްވަނީ ބަދަލުކޮށްފައެވެ. އަދި ވިޔަފާރިތަކުން ކާޑު މެޝިނުގައި ހިންގާފައިވާ މުއާމަލާތްތަކަށް ބަލައި 2 މިލިޔަން ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭނެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މިއީ ވިޔަފާރިތަކަށް ބޭނުންވާ މާލީ ޚިދުމަތްތައް ފުޅާކޮށް، ފައިނޭންސިންގ އަށް އެދި ހުށަހަޅާ ޕްރޮސެސް ފަސޭހަކޮށްދިނުމަށް ކުރާ މަސައްކަތަށް ގެނެވުނު ހެޔޮ ބަދަލެއް ކަމަށެވެ.

އަދި ބީއެމްއެލްއިން މަސައްކަތްކުރައްވަނީ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހަހަމާއެކު ހަމަޖައްސައިދީ، ވިޔަފާރިތައް އިތުރަށް ކުރިއެރުވުމަށްކަމަށެވެ.

"މިއީ ދިވެހި ވިޔަފާރިތަކަށް ބޭނުންވާ މާލީ ޚިދުމަތްތައް ފުޅާކޮށް، އިތުރަށް ވަރުގަދަކުރުމަށް އަޅުގަނޑުމެން މެދުކެނޑުމެއްނެތި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގެނެވުނު ހެޔޮ ބަދަލެއް. ފައިނޭންސިންގ އަށް އެދި ހުށަހަޅާ ޕްރޮސެސް ފަސޭހަކޮށްދީ، ފައިނޭންސިންގ ގެ ސްކޯޕް އިތުރަށް ފުޅާކޮށް، އަޅުގަނޑުމެންގެ މަގުސަދަކީ އަޅުގަނޑުމެންގެ މަރޗަންޓުންގެ ވިޔަފާރިއަށް ބޭނުންވާ މާލީ އެހީތައް ފަސޭހަހަމާއެކު ހަމަޖައްސައިދީ، ވިޔަފާރިތައް އިތުރަށް ކުރިއެރުވުން." ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްއިން ވިދާޅުވީ، އެ ފައިނޭންސަށް އެދި ހުށަހެޅޭނީ، ބީއެމްއެލް މަރޗަންޓް ޚިދުމަތް މެދުވެރިކޮށް މަދުވެގެން 6 މަސްދުވަހު ކާޑުގެ މުއާމަލާތްތައް ހިންގާފައިވާ ފަރާތްތަކަށްކަމަށެވެ. އަދި މަހަކު އެވްރެޖްކޮށް ބީއެމްއެލް ކާޑުން 20،000 ރުފިޔާގެ ވިޔަފާރިކޮށްފައިވުމާއެކު، އެއްވެސް މާލީ އިދާރާއަކަށް ފައިސާ ދައްކަންޖެހި ނުދައްކައި އޮވެގެން ނުވާނެކަމަށެވެ.

މި ފައިނޭންސިންގ އަނބުރާ ދެއްކުމުގައިވެސް ވިޔަފާރިވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން، ކޮންމެ ދުވަހަކު ލިބޭ ކާޑު ސޭލްސްގެ ތެރެއިން މި ފައިނޭންސިންގ އަށް އަނބުރާ ދައްކަންޖެހޭ އަދަދު އޮޓޮމެޓިކުން ކެނޑޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

ބީއެމްއެލްއިން ވިދާޅުވީ މި ބަދަލުތަކަކީ، ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސިން ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދީ، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތަކަށް އެހީތެރިވެ، ވިޔަފާރިތައް ދިގުމުއްދަތަކަށް ކުރިއެރުވުމަށް ބޭންކުން ކުރަމުންދާ މަސައްކަތަށް ގެނެވުނު ހެޔޮ ބަދަލެއްކަމަށެވެ.