ކޯވިޑްގެ "ޕީކް" ނުވަތަ ކުއްލިއަކަށް ބަލީގެ ޙާލަތު ގޯސްވެގެންދިޔަ 3 ދުވަސްވަރެއް ނިމުނު ދެ އަހަރުދުވަހުގެ ތެރޭގައި އަޅުގަނޑުމެންނާ ކުރިމަތިވިއެވެ.
މިހާތަނަށް ބަލީގެ އެންމެ ބޮޑު ޕީކެއް ރާއްޖެއަށް އައީ މިދިޔަ އަހަރުގެ މޭމަހުއެވެ. ދެ ހާހެއްހައި މީހުންވެސް އެއް ދުވަހެއްގެތެރޭގައި ޕޮޒިޓިވްވި ދުވަސްދުވަސް ދިޔައެވެ. 80އަށްވުރެ ގިނަ މީހުން، ހަމައެކަނި އެމަހު ބަލީގައި މި ދުނިޔެއާ ވަކިވެގެން ދިޔައެވެ. އެއީ ޑެލްޓާ ވޭރިއަންޓާއެކު ކުރިމަތިވި ޕީކެވެ. އޭރު ބަލީގެ ޙާލަތު ގޯހީ މާލެ ސަރަޙައްދުގައެވެ.
4ވަނަ ޕީކާ ކުރިމަތިވިއިރު މަންޒަރު މިވަނީ މުޅިން ބަދަލުކޮށްލާފައެވެ. މާލެއެކޭ އެއްގޮތަށް އަތޮޅުތަކުން ފެންނަ ކޭސްތައް މިވަނީ އިންތިހާއަށް އިތުރުވެފައެވެ. ރަށުތެރެއިން ކޭސްތައް ފެނި 13 ރަށެއް މިވަގުތުވެސް އޮތީ މޮނިޓަރިންގެ ޙާލަތުގައެވެ.
މިފަހަރުގެ ޕީކްގެ ނުރައްކާ ބޮޑުވެފައިވަނީ ހަލުވިކަމާއެކު ފެތުރެން ފަށާފައިވާ އޮމިކްރޯން ވޭރިއަންޓްގެ ސަބަބުންނެވެ. މިވޭރިއަންޓްގެ އަސަރު އެހެނިހެން ވޭރިއަންޓް ތަކަށްވުރެ ކުޑަ ނަމަވެސް، ވައިރަސް ފެތުރޭ މިންވަރު އެތަށް ގުނައެއް ބާރެވެ. މި ވޭރިއަންޓް މާލޭގެ އިތުރުން އަތޮޅުތަކުގެ ރަށްތަކުންވެސްވަނީ ފެނިފައެވެ.
ކޮންމެ 3 ދުވަހަކުން ރާއްޖޭގައި ކޭސްތަކުގެ އަދަދު މިދަނީ ދެގުނަވަމުންނެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ އެޕިޑިއޮމޮލޮޖިސްޓް ޑރ.އަފްޒަލް ވިދާޅުވީ ކޯވިޑްގެ މިވަގުތުގެ ޙާލަތު ވަރަށް ގޯސްކަމަށެވެ. ޑރ.އަފްޒަލް ވިދާޅުވީ، މި މަސް ނިމިގެންދާއިރު ކޭސްތައް ވަރަށް ބޮޑަށް މަތިވެގެންދާނެކަމަށް ބެލެވޭކަމުގައެވެ.
"3ޕީކަކާ ކުރިމަތިލައިފި. މިހާރު 4ވަނަ ވޭވްއެއް މި އައީ. ކުރިއަށް ލަފާކުރާގޮތުން ދައްކަނީ، މިއީ ކުރީ ފަހަރުތަކަށްވުރެ މާ ބޮޑު ނުރައްކާ ވޭވަކަށް ވާނެކަމަށް." ޑރ.އަފްޒަލް ވިދާޅުވިއެވެ.
ޑރ.އަފްޒަލް ވިދާޅުވީ އޮމިކްރޯން ވޭރިއަންޓްގައި، ބަލީގައި ބޮޑުވަރުވެ އެޑްމިޓްކުރަންޖެހޭ ޙާލަތަށް ދާ މީހުން މަދުކަމަށެވެ. ނަމަވެސް ނިސްބަތުން އެހާ ގިނަ ބަޔަކު އެއްފަހަރާ ބައްޔަށް ޕޮޒިޓިވްވެއްޖެނަމަ، ހޮސްޕިޓަލްތަކަށްވެސް ބާރު ބޮޑުވެގެން ހިނގައިދާނެކަމަށެވެ.
ކޯވިޑްގެ އާ ޕީކާއެކު އެޗްޕީއޭވެސްވަނީ ކުއްލި ޙާލަތަށް އައިސްފައެވެ. އެގޮތުން އެމަޖެންސީ ސެންޓަރު އިތުރަށް ވަރުގަދަކުރުމާއި ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅު އެޅުމަށް އުސޫލުތައް އަންނަނީ ނެރެމުންނެވެ.
"އެންމެ ފަހުގެ ޕީކްގައި 1މަހަށް ދެމިގެންދިޔަ. ނަމަވެސް މިފަހަރު ކުރިއަށްވުރެ ބަލި ޖެހޭ މީހުން އިތުރުވާނެކަމަށް ލަފާކުރެވޭތީ މި ވޭވް މަހަކަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދާނެކަމަށް ލަފާކުރެވެނީ." ޑރ.އަފްޒަލް ވިދާޅުވިއެވެ.
ކޯވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، އަތޮޅުތަކަށް ދަތުރުކާ މީހުން ކޯވިޑް ޓެސްޓުކުރުންވަނީ މަޖުބޫރުކޮށްފައެވެ. އަދި މާލޭ ސަރަޙައްދުގައި އެންމެ ގިނައިން އެއްވެ އުޅެވޭނެ މީހުންގެ އަދަދު 50އަށް ކަނޑައެޅުމާއި މަގުމަތީ ބާޒާރާއި މީހުންނަށް ކުޅިބަލަން ވަދެވޭގޮތަށް ކުޅިވަރު ހަރަކާތްތައް ބޭއްވުންވަނީ މަނާކޮށްފައެވެ.