ދުނިޔެ

އީރާނާއިއެކު ބާއްވާ ޑިޕްލޮމެޓިކް ގުޅުންތައް ސަޢުދީން ކަނޑާލައިފި


އީރާނާއެކު ބާއްވާ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލިކަން ސައޫދީ އަރަބިޔާއިން އިޢުލާންކޮށްފިއެވެ. މިކަން އިޢުލާން ކުރުމާއިއެކު ސައޫދީ ޚާރިޖީ ވުޒާރާއިން ވަނީ އެގައުމުގައި ތިއްބަވާ އީރާނުގެ ޑިޕްލޮމޭޓުން 48 ގަޑިއިރު ތެރޭ ސަޢުދީ އަރަބިޔާއިން ފުރުމަށްވެސް އަންގާފައިވެއެވެ. ސަޢުދީ އަރަބިއްޔާއިން އީރާނާއިއެކު ބާއްވާ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލިކަން އިޢްލާން ކުރައްވަމުން ސަޢުދީ ޚާރިޖީ ވަޒީރު އާދިލްއަލްޖުބައިރު ވިދާޅުވީ ތެޙެރާންގައި ހުންނަ ސަޢުދީ އެމްބަސީއަށް އީރާނުގެ ބަޔަކު ވަދެ، އެތަނުގައި ހުޅުޖަހައި އެންބަސީގެ އިމާރާތަށް ގެއްލުންތަކެއް ދީފައިވާކަމަށާއި، ޑިޕްލޮމެޓިކް ގުޅުންތަކަށް އިހްތިރާމް ނުކުރާ ޤައުމަކާއިއެކު އެގުޅުންތައް ނުބޭއްވޭނެ ކަމަށެވެ. އީރާނަކީ އެ ޤައުމުގައި ހުންނަ ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތަކަށް ހަމަލާދީ ގެއްލުން ދިނުމުގެ ތާރީޚެއް އޮތް ޤައުމެއްކަމަށްވެސް ސަޢުދީ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. އަދި ސަޢުދީ ޚާރިޖީ ވަޒީރު ވަނީ ހަތިޔާރާއި ޓެރަރިސްޓުންގެ އިތުރުން ގޮވާތަކެތި ސަޢުދީ އަރަބިޔާއަށާއި، ގަލްފުގެ ޤައުމުތަކަށް ސިއްރިޔާތުގައި ފޮނުވަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުވެސް އީރާނުގެ މައްޗަށް ސަޢުދީ އަރަބިއްޔާއިން ކުރެއެވެ.ސައޫދީ ޚާރިޖީ ވުޒާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ޤައުމުގެ ޚާރިޖީ ވަޒީރު އާދިލް އަލް-ޖުބައިރު ވިދާޅުވީ "އަހަރެމެން މިވަނީ އަހަރެމެންގެ އަމްނާއި ސަލާމަތްތެރިކަމަށް ގެއްލުން ދިނުމުގެ ފުރުޞަތު އީރާނަށް ނުދިނުމަށް ނިންމާފައި. އަހަރެމެން މިވަނީ އަހަރެމެންގެ ޤައުމާއި އަހަރެމެންގެ ބައިވެރިންގެ ޤައުމުތަކުގައި ޓެރަރިސްޓުންގެ ސެލްތައް އުފައްދައި ހަރަކާތް ކުރުވުމުގެ ފުރުޞަތުވެސް އީރާނަށް ނުދިނުމަށް ނިންމާފައި".ސަޢުދީ އަރަބިއްޔާއާއި އީރާނަކީ މެދުއިރުމައްޗަށާއި ގަލްފުގެ ސަރަހައްދަށް ބާރާއި ނުފޫޒު ހިންގުމުގައި ވަރަށް ވާދަވެރި ގޮތެއްގައި ހަރަކާތްތެރިވަމުންދާ ދެޤައުމެވެ. ސޫރިޔާއާއި އިރާޤާއި ޔަމަނުގައި ހިނގަމުންދާ ހަނގުރާމަތަކާއި ގުޅިގެން ސަޢުދީ އަރަބިއްޔާއާއި އީރާނާއިދެމެދު ގުޅުންތައް ގޯސްވެފައިވާތާ އަހަރުތަކެއް ވެއްޖެއެވެ. ސަޢުދީއާއި އީރާނަކީ އަވަށްޓެރި ސޫރިޔާއާއި އިރާޤާއި އަދި ޔަމަންގައި ހިނގަމުންދާ ހަނގުރާމަތަކުގައި ސީދާގޮތުންނާއި ނުސީދާ ގޮތުން ބައިވެރިވާ ދެ ޤައުމެވެ. ނަމަވެސް ދެ ޤައުމުގެ ގުޅުންތައް އާދަޔާއި ޚިލާފަށް ގޯސްވީ ސަޢުދީ އަރަބިއްޔާގެ ޝީޢީ ޢިމްލުވެރިއެއް ކަމަށްވާ ޝައިޚް ނިމްރު އަލް ނިމްރުގެ މައްޗަށް މިދިޔަ ހޮނިހިރު ދުވަހު ސަޢުދީ ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރުމާއި ގުޅިގެންނެވެ.ޝައިޚް ނިމްރު އަލް ނިމްރުގެ މައްޗަށް މަރުގެ ހުކުމްކޮށް އަދި އެހުކުމް މިދިޔަ ހޮނިހިރު ދުވަހު ތަންފީޒުކޮށްފައިވަނީ ޓެރަރިޒަމާއި، ހަމަނުޖެހުން އުފެއްދުމުގެ އިތުރުން، ޤައުމު ބައިބައިކުރުމަށް މަސައްކަތް ކުރިކަމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވެގެންކަމަށް ސަޢުދީ އަރަބިއްޔާގެ ދާޚިލީ ވުޒާރާއިން ބުނެފައިވެއެވެ. ޝައިޚް ނިމްރާއެކު ޖުމްލަ 47 މީހުންގެ މައްޗަށް މިދިޔަ ހޮނިހިރު ދުވަހު މަރުގެ ހުކުމް ތަންފީޒުކުރިކަން ސަޢުދީ ދާޚިލީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.ޝައިޚް ނިމްރަށް މަރުގެ އަދަބު ދިން މައްސަލާގައި އީރާނުގެ ލީޑަރުން ވަރަށް ބޮޑަށް ރުޅިވެރިކަން ފާޅުކުރައްވައި، ސަޢުދީ އަރަބިއްޔާގެ އިސް މަސްއޫލުވެރިންނަށް ބަހުގެ ހަމަލާތަކެއްވެސް ދެއްވާފައިވެއެވެ. ޝައިޚް ނިމްރަކީ ޝަހީދެއް ކަމަށާއި އޭނާއަށް މަރުގެ އަދަބު ދީފައިވަނީ ނުހައްޤުން ކަމަށް އީރާނުގެ އެންމެ އިސްވެރިޔާ އަދި އެ ޤައުމުގެ ދީނީ މުރްޝިދު އާޔަތުﷲ ޢަލީ ޚާމަނާއީ ސިފަކުރައްވާފައިވެއެވެ. އަދި އެއީ ޖަރީމާއެއް ކަމަށް ސިފަކުރައްވައި، އެކަމުގެ ސަބަބުން ސަޢުދީ އަރަބިއްޔާގެ އިސްވެރިންނަށް ބަދަލުހިފުމެއް އަންނާނެކަމުގެ އިންޒާރުވެސް ޚާމަނާއީ ދެއްވާފައިވެއެވެ. ޝައިޚް ނިމްރަށް މަރުގެ އަދަބު ދިނުމާއި ގުޅިގެން އިރާޤާއި ސޫރިޔާއިންވެސް ރުޅިވެރިކަން ފާޅުކޮށްފައިވެއެވެ. މި މައްސަލައިގައި ރުޅިގަދަވެފައިވާ އީރާނުގެ ބަޔަކު، ތެޙެރާނުގައި ހުންނަ ސަޢުދީ އެމްބަސީގެ އިމާރާތުގައި މިދިޔަ އާދީއްތަ ދުވަހު ހުޅުޖަހައި، އެ އިމާރާތަށް ބޮޑުތި ގެއްލުންތަކެއް ދީފައިވެއެވެ. ނަމަވެސް އީރާނުގެ ސަލާމަތީ ބާރުތަކުންވަނީ ސަޢުދީ އެމްބަސީއަށް ވެދެގަތް އީރާނުގެ އާންމުން އެތަނުން ބޭރުކޮށް، އެކަމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި 40 މީހުން ހައްޔަރުކޮށްފައިވެއެވެ. އަދި އެ 40 މީހުންގެ މައްސަލަ ތަޙުޤީގުކުރުމަށްފަހު ޤާނޫނީ ގޮތުން އަޅަންވާ ފިޔަވަޅުތައް އަޅަމުން ގެންދާނެކަން ވެސް އީރާނުގެ ސަރުކާރުން ހާމަކޮށްފައިވެއެވެ.