ނިމުނު ހަފުތާގައިވަނީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމު، ވަނީ ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައެވެ. މިމަހުގެ 14 އިން 15 އަށް ކުރެއްވި މަ ދަތުރުފުޅުގައި ވަނީ މުހިއްމު މަޝްވަރާތަކެއް ކުރިއަށްގެންދަވާފައެވެ. (15 ސެޕްޓެންބަރު) މެލޭޝިއާގެ ބޮޑުވަޒީރަށް ރަސްމީކޮށް މަރުޙަބާ ދެންނެވުމުގެ ހަރަކާތްތައް ކުރިއަށްގެންގޮސްފައިވަނީ ޖުމްހޫރީ މައިދާނުގެ ސަރަހައްދުގައެވެ. ބޮޑުވަޒީރު މާލެ ވަޑައިގެންނެމުން ރަސްމީކޮށް މަރުޙަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ދަތުރުފުޅުގައިވަނީ ރާއްޖެއާއި މެލޭޝިއާއާ ދެމެދު ދިފާއީ، އަދި ދީނީ ދާއިރާއިން އެއްބާރުލުން ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ރާއްޖެއާއި މެލޭޝިއާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރަން ނިންމާފައިވާއިރު، މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފެށުމަށްވެސް ވަނީ ނިންމާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް، މީޑިއާއަށް ދެއްވި ބަޔާނުގައި ވަނީ ގިނަ ކަންތައްތަކެއް ހާމަކުރައްވާފައެވެ. މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއްގައި ސޮއިކުރުމަށް ނިންމާފައިވާ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމު ވަނީ ވިދާޅުވެފައެވެ. އަދި ރައީސް މުޢިއްޒަކީ ޙައްޤު ބަސްބުނުމުގައި ސާބިތުވެ ހުންނެވި ހަރުދަނާ ލީޑަރެއް ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު ވިދާޅުވިއެވެ.
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މެލޭޝިއާގެ ބޮޑުވަޒީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައިވެއެވެ. މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމު، ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި ފުރާވަޑައިގެންނެވީ އަންގާރަ ދުވަހު މެންދުރު ފަހުގެ ވަގުތެއްގައެވެ.
(12 ސެޕްޓެންބަރު) "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާ މި ކުންފުނި އުފައްދަވާފައިވަނީ ކުންފުނީގެ ޤާނޫނުގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން ރައީސްގެ ޚާއްސަ ޤަރާރަކުންނެވެ. މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށް އުފެއްދެވި ކުންފުންޏެކެވެ.
ނިމުނު ހަފުތާގައި ވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކޮށްފައެވެ. (12 ސެޕްޓެންބަރު) ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި މި ލޯގޯއާއި ޝިޢާރު އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ލޯގޯއަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން 1 އަހަރު ދުވަހަށް ބޭނުން ކުރުމަށް ހަމަޖެހިފައިވާ ލޯގޯއެކެވެ. ރާއްޖެ އިސްލާމްވިތާ 9 ޤަރުނު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭނުންކުރުމަށް ކަނޑައަޅާފައިވާ ޝިއާރަކީ "އިސްލާމީ ނޫރުގައި 9 ޤަރުނު - ދިވެހީންގެ ނަސީބާއި އުފާ" މި ޝިއާރެވެ.
(13 ސެޕްޓެންބަރު) ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ބާއްވާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއަކީ، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމާއި ގުޅުވައިގެން ބާއްވާ ޚާއްސަ މަހާސިންތާއެކެވެ. އެއް ދުވަހަށް ކުރިއަށްގެންދިޔަ މި މަހާސިންތާގައި 300އަށް ވުރެ ގިނަ ޚާޠީބުން ބައިވެރިވެއެވެ. އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މި މަހާސިންތާއަކީ މުސްތަޤުބަލުގެ ޖީލުތަކަށް އިސްލާމީ ޝިޢާރު ފާޅުކުރުމަށް އިސްނަގައިގެން ތެދުވި ޒުވާން ޚަޠީބުންނަށް ހިތްވަރުދިނުމުގެ ގޮތުން ބާއްވާ މަހާސިންތާއެކެވެ. މި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދިވެހީން ޤައުމުގެ ދިފާޢުގައި ނިކުތް ކޮންމެ ފަހަރަކު އެކަން ފެށެނީ ދީން ސަލާމަތްކުރުމުގެ ރޫޙާނީ ވިންދުތަކެއްގެ ތެރޭންކަމަށާއި ދިވެހި ޤައުމަށް އޮތް އެންމެ ރައްކާތެރި އައްޑަނަކީ މާތްވެގެންވާ އިސްލާމްދީންކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިންނަށް ލިބުނު އިސްލާމީ ޙިދާޔަތަކީ ދެ ދުނިޔޭގެ ޙަޔާތަށް މާތްﷲ ދެއްވި ރަޙުމަތެއްކަމަށެވެ. ބާތިލު ޝިރުކުގެ ބޯ ޖަންގަލިން ނެރެ، އިންސާނީ ވަންތަކަމުގެ ޙުރުމަތް ދިނީ މި ދީންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
(13 ސެޕްޓެންބަރު) ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތް، ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ ގެ ބިންގާ އަޅާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިއަށްދާ ޚާއްސަ ރަސްމިއްޔާތެއްގައި މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކުރާ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" އަކީ ރާއްޖޭގައި މިހާތަނަށް ބިނާ ކުރެވޭ އެންމެ ބޮޑު މިސްކިތެވެ. މި މިސްކިތް ބިނާ ކުރުމަށް ހަވާލުކޮށްފައިވަނީ ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު އައްރާޖިޙީ ކުންފުންޏާ ހަވާލުކޮށްފައެވެ.
(17 ސެޕްޓެންބަރު) "ރައްޔިތުންގެ އަޑު"ގެ ޕްރޮގްރާމުގެ 5ވަނަ އެޕިސީޑު ގެނެސްދީފައިވަނީ ބުރާސްފަތި ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށްލައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް ވީހާވެސް ފުޅާދާއިރާއެއްގައި އެފުރުސަތު ދެއްވުމަށްޓަކައި ކުރިއަށްގެންދާ މި ސިލްސިލާ ޕްރޮގްރާމުގެ ހަތަރުވަނަ އެޕިސޯޑުގައިވެސް ގިނަ ބަޔަކު ވަނީ އެމީހުންގެ ހުރި ކަންބޮޑުވުންތައް އެމަނިކުފާނާ ހިއްސާކުރައްވާފައެވެ. މި އެޕިސޯޑުގައި ރައީސް ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަހި މާހައުލެއް ޤާއިމްކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި - ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ހުރިހާ މުވައްޒަފުންނަށް ލިބުންކަަމަށްވެސް ރައީސް ވިދާޅުވިއެވެ.
(14 ސެޕްޓެންބަރު) ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެ މަޤާމަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދެ ބޭފުޅަކު ޢައްޔަންކުރައްވާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މި ދެބޭފުޅުން އައްޔަން ކުރައްވާފައިވަނީ ވަޒީރުންގެ ފެންވަރުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޒީރުންގެ ފެންވަރުގައި އައްޔަން ކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓަރޝަރީ ހެލްތު ސަރވިސަސްގެ މަޤާމަށާއި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަޤާމަށެވެ. އެގޮތުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓަރޝަރީ ހެލްތު ސަރވިސަސްގެ މަޤާމަށް، އައްޔަންކުރެއްވީ ގ. ފިނިވިލު، މުޙައްމަދު ޠަލާލްއެވެ. އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަޤާމަށް، ގދ. ތިނަދޫ ޝިފާ، އަޙްމަދު ޙަބީބް އެވެ.
(15 ސެޕްޓެންބަރު) ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ހިޒް އެކްސެލެންސީ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުންނާއި، ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން މެދުކެނޑުމެއްނެތި ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިޚްލާޞްތެރިކަމާއިއެކު ޝުކުރު އަދާކުރައްވާފައެވެ.
(16 ސެޕްޓެންބަރު) ރާއްޖެއަށް އެއްބާރުލުން ދިނުމަށް އަބަދުވެސް ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ވަރލްޑް ބޭންކުން ދެއްވީ މިދިޔަ ބުދަ ދުވަހު ވަރލްޑް ބޭންކުން ދެކުނު އޭޝިއާ ސަރަޙައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބު ރައީސް ޔޮހާނަސް ޒުޓް، ރައީސުލްޖުމްހޫރިއްޔާއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. ވަރލްޑް ބޭންކުން ދެކުނު އޭޝިއާ ސަރަޙައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބު ރައީސް ޔޮހާނަސް ޒުޓް، ރައީސުލްޖުމްހޫރިއްޔާއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރލްޑް ބޭންކުން ރާއްޖެއަށް މެދުކެނޑުމެއްނެތި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުން ފާހަގަކުރައްވައި، ޝުކުރު އަދާކުރައްވާފައެވެ. އަދި ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމާއި ހަކަތައިގެ ދާއިރާ ހަރުދަނާކުރުން ހިމެނޭހެން، ސަރުކާރުން އިސްކަންދެއްވާ ތަރައްޤީގެ މުހިންމު ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ދެފަރާތުގެ ދެމެހެއްޓެނިވި ގުޅުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
(16 ސެޕްޓެންބަރު) ޤައުމީ އިޞްލާޙީ ބަދަލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އަހައްމިއްޔަތުކަމާއި، އެމަނިކުފާނުގެ ޒަޢާމަތުގައި ޙާޞިލުކުރައްވާފައިވާ ކާމިޔާބީތަކަށް ޗައިނާގެ ކޮމިއުނިސްޓް ޕާޓީ، ސީޕީސީން ތަޢުރީފްކުރައްވާފައިވަނީ މިދިޔަ ބުދަ ދުވަހު ޗައިނާގެ ކޮމިއުނިސްޓް ޕާޓީ، ސީޕީސީގެ ސެންޓްރަލް ކޮމިޓީގެ އިންޓަރނޭޝަނަލް ޑިޕާޓްމަންޓްގެ ދެކުނު އަދި އިރުދެކުނު އޭޝިއާގެ ކަންކަމާބެހޭ ބިއުރޯގެ ޑިރެކްޓަރ ޖެނެރަލް ޕެންގް ޝިއުބިން އިސްވެވަޑައިގެން ހުންނެވި އެ ޕާޓީގެ ވަފުދެއް، ރައީސުލްޖުމްހޫރިއްޔާއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައެވެ.
(16 ސެޕްޓެންބަރު) ދިވެހިރާއްޖެ އާއި ތުރުކީވިލާތާ ދެމެދު އޮތް އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އާއި ތުރުކީވިލާތުގެ އަދާލަތު ވޭ ކަލްކިންމާ ޕާޓީ، އޭކޭ ޕާޓީން މަޝްވަރާކުރައްވާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އަދާލަތު ވޭ ކަލްކިންމާ ޕާޓީ، އޭކޭ ޕާޓީގެ ވަފުދެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ބައްދަލުކުރައްވާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މިބައްދަލުކުރެއްވުން އޮތީ، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލީއާގޭގައެވެ. މި ބައްދަލުކުރެއްވުމުގައި ހިމެނޭ ވަފުދުގެ އިސް ބޭފުޅަކީ އޭކޭ ޕާޓީގެ ޑެޕިއުޓީ ޗެއާމަން ޙުސައިން ޔައިމާނެވެ.
(15 ސެޕްޓެންބަރު) އެންމެ މެންބަރުން ގިނަ ޕާޓީއާއެކު ޒިންމާދާރު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީއެންސީ އިސްކުރާނީ ޤައުމީ މަސްލަހަތު ކަމަށް ޕީއެންސީގެ ރައީސް، އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިދިޔަ އަންގާރަ ދުވަހު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ މަތީ މަޖިލިސް ނުވަތަ ޕާޓީގެ ކޮންގްރެސްގެ އިފްތިތާޙީ ޖަލްސާ ފެއްޓެވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.
(16 ސެޕްޓެންބަރު) ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ނައިބު ރައީސް ކަމަށް 6 ބޭފުޅަކު އިންތިޚާބުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. ޕީއެންސީގެ ނައިބު ރައީސްކަމަށް އިންތިޚާބުވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއުއާއި، ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް އާއި، އިޤްތިޞާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދާއި، މަސްވެރިކަމާއި ދަނޑުވެރިކަމއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމާއި، ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާއާއި، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ. މިބޭފުޅުންގެ އިތުރުން ނައިބު ރައީސްކަމަށް ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯ މުހައްމަދު ނިމާލެވެ.
(17 ސެޕްޓެންބަރު) ރައީސް ޑރ. މުއިއްޒު ދެވަނަ ދައުރަކަށް ކުރިމަތިލުމަށް ދަންނަވަން ޕީއެންސީގެ މަތީ މަޖިލީހުން ނިންމާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ޕީއެންސީން މިގޮތަށް ފާސްކުރީ މިހާރު ކުރިއަށްދާ އެ ޕާޓީގެ މަތީ މަޖިލީހުގެ ތެރެއިން އެ މަޖިލީހުގެ މެންބަރުންގެ އެދުމުގެ މަތިން ބޭއްވި ޚާއްސަ ބައްދަލުވެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ރިޔާސީ ޓިކެޓް ދެއްވުމަށް ޤަރާރު ހުށަހެޅުއްވީ އެ ޕާޓީގެ އާންމު މެންބަރެކެވެ. މި ޤަރާރު ހުށަހެޅުއްވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ޤައުމަށް ކުރައްވަމުން ގެންދަވާ ޚިދުމަތްތައް ރައްޔިތުން ބަލައިގެންފައިވާތީ ކަމަށް ވަނީ ބުނެފައެވެ.
(17 ސެޕްޓެންބަރު) ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ކުރީ ސަރުކާރުން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް ފެސިލިޓީގެ އެންމެ ފަހު އިންސްޓޯލްމަންޓް އެއްކޮށް ދައްކައި ޚަލާސްކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މިއީ ކުރީ ސަރުކާރުން 2019 ވަނަ އަހަރު ތިން ފަހަރުމަތިން ނެގި 150 މިލިޔަން ޑޮލަރުގެ ޓްރެޝަރީ ބިލެކެވެ. ދައުލަތުގެ ބަޖެޓު ހަމަޖެއްސުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ، އެސްބީއައި މެދުވެރިކޮށް 2019 ވަނަ އަހަރު މި ލޯނު ނަގާފައިވަނީ 3 ބަޔަކަށް ބަހާލައިގެން 50 މިލިޔަން ޑޮލަރުގެ ޓްރެޝަރީ ބިލްގެ ގޮތުގައިއެވެ. އޭރު މި ދަރަނިތައް ނަގާފައިވަނީ 2019 ވަނަ އަހަރު މާރިޗު މަހު 17 ވަނަ ދުވަހު 50 މިލިޔަން ޑޮލަރު، އެއަހަރު ޖޫން މަހުގެ 26 ވަނަ ދުވަހު 50 މިލިޔަން ޑޮލަރު އަދި އޮކްޓޫބަރު 1 ވަނަ ދުވަހު 50 މިލިޔަން ޑޮލަރެވެ. މި ދަރަނި އަނބުރާ ދެއްކުމުގެ މުއްދަތު 2020 ވަނަ އަހަރުން ފެށިގެން 2023 އާއި ހަމައަށް އޭރުގެ ސަރުކާރުން އައީ ފަސްކުރަމުން ކަމަށް މިއަހަރު މޭއި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ.
(16 ސެޕްޓެންބަރު) ދިވެހި ރުފިޔާގެ ނިޝާން ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ބޭނުންކުރެވޭ ގޮތަށް ޔުނިކޯޑް ސްޓޭންޑާޑުގައި ހިމަނާފައިވަނީ ނިމުނު ހަފުތާގެތެރޭގައެވެ. ދިވެހި ރުފިޔާގެ ނިޝާން ޔުނިކޯޑް ސްޓޭންޑާޑްގައި ހިމަނާފައިވަނީ ސެޕްޓެމްބަރ 16 ވަނަ ދުވަހު ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން ވިދާޅުވިއެވެ.
(14 ސެޕްޓެންބަރު) ދުބާއީ އޭޓީއެމް ފެއާގައި ރާއްޖޭގެ 74 ކުންފުންޏަކާއި 165 މަންދޫބުން ބައިވެރިވެފައިވަނީ ނިމުނު ހަފުތާގައެވެ. މި ފެއާ ކުރިއަށްދިޔައީ މިމަހުގެ 14 އިން 17 އަށެވެ.
(15 ސެޕްޓެންބަރު) ނަހަމަ ގޮތުގައި ބިޒްނަސް ވިސާ ބޭނުންކޮށްގެން ރާއްޖެ އެތެރެވެފައިވާ ފަރާތްތަކަށް 'އެކްސްޕެޓް ސިސްޓަމް' މެދުވެރިކޮށް ވަރކް ޕަރމިޓަށް އެދި ހުށަނޭޅޭނެކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ވިދާޅުވީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ ވުޒާރާއިން ވިދާޅުވީ ބިޒްނަސް ވިސާއަކީ ވިޔަފާރީގެ ކަންކަމާ ގުޅިގެން ކުރު މުއްދަތަކަށް ރާއްޖެއިން ބޭރުން ޕްރޮފެޝަނަލް ފަރާތެއް ގެންނަންޖެހޭ ޙާލަތްތަކުގައި ދޫކުރެވޭ ވިޒާއެއްކަމަށެވެ. ނަމަވެސް ބައެއް ވިޔަފާރިތަކުން ވަރކް ޕަރމިޓް ހޯދުމުގެ މަސައްކަތް އަވަސްކުރުމުގެ ބޭނުމުގައި، ނަހަމަ ގޮތުގައި ބިޒްނަސް ވިޒާ ބޭނުންކޮށްގެން ރާއްޖެއަށް މީހުން އެތެރެކުރުމަށްފަހު ވަރކް ވިޒާއަށް ބަދަލުކުރަމުންދާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
(12 ސެޕްޓެންބަރު) މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި ފަންނީ މަސައްކަތް ކުރައްވާ ފަރާތްތަކުގެ މެދުގައި ދިރާސާކުރުމުގެ ސަޤާފަތެއް ޤާޢިމުކުރުމަށް ބާއްވާ 8 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ބާއްވާފައިވަނީ ނިމުނު ހަފުތާގައެވެ. މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަޠީފެވެ. އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސްއަކީ، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ކުރިއަށްގެންދާ ކޮންފަރެންސްއެކެވެ. 2012 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރަކުން އެއްއަހަރު ބާއްވަމުން އަންނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ކުރިއަށްދާނީ، މާދަމާގެ ނިޔަލަށް ޝަހީދު ޢަލީ ސްކޫލުގައެވެ.
(14 ސެޕްޓެންބަރު) އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގައި ބައިވެރިވާ މީޑިއާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަކަށް ހިންގާ ޤައުމީ ކެމްޕޭނެކެވެ. މި މަޝްރޫޢުގައި އިސްކޮށް ހަރަކާތްތެރިވާނީ ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއާއި ޕަބްލިކް ސަރވިސް މީޑީއާ، ޕީއެސްއެމްއެވެ. މި ރަސްމިއްޔާތުގައި ވަނީ ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއާއި ޕީއެސްއެމްއާ ދެމެދު މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު ހީނާ ވަލީދެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބެވެ.
(17 ސެޕްޓެންބަރު) ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ 3086 ފަރާތަކަށް ރަޖިސްޓްރީ ދޫކޮށްފައިވާކަމަށް ބިނާރާއި އުމްރާނީ ތަރައްޤީއާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ވުޒާރާއިން ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ހަވާލުކުރެވުނު ގޯތިތަކާއި ރަޖިސްޓަރީތަކުގެ ތަފާސްހިސާބުތައް ހިއްސާކޮށްފައެވެ. ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ޖުމްލަ 3548 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެއެވެ. ގުޅިފަޅުން ދޫކޮށްފައިވާ ބިންތަކުގެ ރަޖިސްޓްރީ އާއި ލިޔެކިޔުންތައް ވެރިފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އަންނަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 3548 ގޯތީގެ ތެރެއިން 3086 ގޯޗަށް ރަޖިސްޓްރީ އަދި އެއްބަސްވުން ހަވާލުކޮށްފައިވާކަމަށެވެ. އެގޮތުން ރަޖިސްޓްރީ ހަވާލުކުރުމުގެ 87% ނިމިފައިވާކަމަށް ވިދާޅުވިއެވެ. އަދި މިހާތަނަށް 1393 ގޯތީގެ ބިން ހަވާލުކޮށްފައިވާއިރު މިއީ 39.3% ކަމަށް ވިދާޅުވިއެވެ.
(17 ސެޕްޓެންބަރު) ތ. ގުރައިދޫގައި ބިދޭސީއަކު މަރާލިކަމުގެ ކުށް ސާބިތުވެ، އޭނާ މަރާލި ބިދޭސީ މީހާ އުމުރަށް ޖަލަށް ލުމާއެކު 1 މިލިޔަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މިދިޔަ ބުރާސްފަތިދުވަހުއެވެ. މިއީ 2020 ވަނަ އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހުރޭ ދަންވަރު ތ. ގުރައިދޫގައި ޝާހް އަލަމް ނަމަކަށް ކިޔާ ބަންގްލަދޭޝްގެ ރައްޔިތެއް މަރާލިކަމަށް ތުހުމަތުވާ މައްސަލައިގައި ބަބުލް މިއަހްގެ މައްޗަށް ދައުވަތުން އުފުލާފައިވާ ދައުވާއާ ގުޅިގެން އެ ކޯޓުން ކުރި ހުކުމެކެވެ. ޝާހް އަލަމް މަރާލާފައިވަނީ ތޫނު އެއްޗަކުން އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާ ދީގެންނެވެ.
(13 ސެޕްޓެންބަރު) ނިމުނު ހަފުތާގައިވަނީ ހިތާމަވެރި ޚަބަރެއްވެސް ލިބިގެންގޮސްފައެވެ. ދިވެހި ދައުލަތަށް ގިނަ އަހަރުތަކެއްވަންދެން ޚިދުމަތްކުރެއްވި އަޙްމަދު މަނިކު ނިޔާވި ޚަބަރު ލިބުނު މިދިޔަ އާދީއްތަ ދުވަހުއެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސިފައިންގޭގަ ގިނަ ދުވަހު ޚިދުމަތްކުރައްވައިފައިވާ، އަދި ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ މ.މާކަރީ، އަޙްމަދު މަނިކު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން މަރްޙޫމްގެ ޢާއިލާއަށް އިޚްލާސްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާކަމަށެވެ. އަދި މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި މަރްޙޫމު ލަހައްޓަވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދިވަނީ ދުޢާ ދަންނަވާފައެވެ. ދިވެހި ދައުލަތަށް ދިގުމުއްދަތަކަށް ޚިދުމަތްކުރެއްވި އަޙްމަދު މަނިކަށްވަނީ ދައުލަތަށް ޚިދުމަތްކުރެވުމުގެ އިނާމު 2023 ވަނަ އަހަރު ލިބިވަޑައިގަންނަވާފައެވެ.