ރާއްޖޭގެ ކޯޓުތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި އެކި ގޮތްގޮތުން މުހިންމު ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. މަތީ ކޯޓުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، އެ ކޯޓުތަކުން ދޭ ޚިދުމަތްތައް އިތުރަށް ހަލުއި ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ރާއްޖޭގެ ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ހިންގުން ހަރުދަނާ ކުރުމަކީވެސް މުޅި ޝަރުޢީ ދާއިރާއަށް ކުރިއެރުން ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ފެހި ޤާނޫނުއަސާސީއާއެކު މިނިސްޓްރީ އޮފް ޖަސްޓިސް އުވިގެންދިޔައެވެ. އެއާއެކު އޭރު އަމަލުކުރަމުންދިޔަ މެޖިސްޓްރޭޓް ކޯޓުތަކުގެ ގަވާއިދު އުވި، އެ ގަވާއިދުގައި ބަޔާންކުރާ ޒިންމާތައް ދެ ބަޔަކަށް ބަހާލެވުނެވެ. އެގޮތުން، މި ޤަވާއިދުގެ ބައެއް ޒިންމާތައް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ދަށަށް ބަދަލުވެގެންދިޔައިރު އަނެއްބައި ޒިންމާތައް އަދާކުރަމުން އަންނަނީ ކޯޓުތަކުންނެވެ.
ނަމަވެސް މެޖިސްޓްރޭޓް ކޯޓުތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ކުރިން އަމަލުކުރަމުން އައިފަދަ ގަވާއިދެއްގެ މުހިންމުކަން މެޖިސްޓްރޭޓުންނަށް އަމިއްލަފުޅަށްވެސް އިހުސާސްކުރެވެއެވެ. އެހެންވެ، އެފަދަ ގަވާއިދެއް އެކުލަވައިލުމަށްފަހު މިހާރު ވަނީ އަމަލުކުރަން ތައްޔާރުވެފައެވެ.
އަންނަ އޮކްޓޫބަރު މަހުން ފެށިގެން އަމަލުކުރަން ފަށާ މި ޤަވާއިދު ވެގެންދާނީ ފެހި ޤާނޫނުއަސާސީއާއެކު އައި 18 އަހަރުގެ ހުސްކަމަކަށް ނިމުން އަންނާނެ ކަމަކަށްކަން އުއްތަަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުލްޣަނީ މުޙައްމަދު ގަބޫލުފުޅުކުރައްވައެވެ.
"ސީދާ މެޖިސްޓްރޭޓުންނަށް އިޙުސާސް ކުރެވިގެން، މިފަދަ ޤަވާޢިދެއްގެ ފުރަތަމަ ޑްރާފްޓް ފަރުމާ ކުރައްވައި ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ. އެ ހުށަހެޅުއްވުމާ ގުޅިގެން ކުރެވުނު ގިނަ މަސައްކަތްތަކަށްފަހު އެޤަވާއިދަށް ޢަމަލުކުރަން މިދަނީ ތައްޔާރުވަމުން. މާތް الله ގެ ވާގިފުޅާއެކު 1 އޮކްޓޫބަރު 2026 ގައި އެ ޤަވާޢިދަށް ޢަމަލު ކުރަންފެށޭނެ. އެހެންކަމުން 18 އަހަރުވީ ދިގު ހުސްކަމަށް އެހާތަނުން ފެށިގެން ނިމުން އަންނާނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
މެޖިސްޓްރޭޓް ކޯޓުތަކަށް ޚާއްސަ ގަވާއިދުގެ ދަށުން އެ ކޯޓުތަކަށް ރަޖިސްޓްރާއިން އައްޔަން ކުރެވޭނެއެވެ. މިހާރު އޮންނަ ގޮތުން ރަޖިސްޓްރަރގެ މަސްއޫލިއްޔަތު އަދާ ކުރައްވަނީ ކޯޓުގެ އެޑްމިނިސްޓްރޭޓަރު ނުވަތަ ފަނޑިޔާރު ނުވަތަ ލީގަލްއެވެ. މީގެ ސަބަބުން އެ ފަރާތްތަކުގެ މަޤާމުގެ އަސްލު މަސްއޫލިއްޔަތު އަދާކުރުމުގައި ދަތިތަކާ ދިމާވެއެވެ. ނަމަވެސް އައު ޤަވާއިދާއެކު އައްޔަން ކުރެވޭ ރަޖިސްޓްރާއިންނާއެކު އެ ފަރާތްތަކަށް މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ވަގުތު ލިބި، މައްސަލަތައް ރަނގަޅަށް ސްކްރީން ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ޤަވާއިދާއެކު ޝަރުޢީ ދާއިރާގެ އާންމު މަޖިލިހާއި އަހަރީ ބައްދަލުވުންވެސް ބާއްވަން ފަށާނެއެވެ. މީގެ ސަބަބުން ކޯޓުތަކުގެ ކަންކަން އެއްގޮތް ކުރެވި، ދާއިރާގެ މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ފުރުސަތުތައް ހުޅުވިގެންދާނެއެވެ. މި ބަދަލުގެ ފައިދާ ސީދާގޮތުން ކުރާނީ ކޯޓުތަކުން ޚިދުމަތް ހޯދާ ފަރާތްތަކަށެވެ. މި ބަދަލާއެކު ރާއްޖޭގެ ކޮންމެ ރަށެއްގެ ކޯޓަކުން ޚިދުމަތް ހޯދި ކަމުގައި ވިޔަސް، އެ ރައްޔިތު މީހާއަށް ލިބޭނީ އެއް ފެންވަރެއްގެ، ހަމަހަމަ އިންސާފުވެރި ޚިދުމަތްތަކެެވެ.
އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިންގުމުގެ ނިޒާމު މިހާރަށްވުރެ އެތައް ގުނައެއް ހަރުދަނާ ކުރެވިގެންދާނެއެވެ. އެގޮތުން، ކޯޓުތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ދުވެލި އަވަސްވެ، އަދުލު އިންސާފުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ކުރިއަށްވުރެ ބޮޑުވެގެންދާނެ ކަމަށް އުއްތަމަ ފަނޑިޔާރު ގަބޫލުކުރައްވައެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދު ފުރިހަމައަށް ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދޭންވާނީ އެ ޤަވާއިދު ތަންފީޒުކުރަންތިބި މުވައްޒަފުން ޤަވާއިދަށް އަހުލުވެރިކުރުވުން ކަމަށެވެ. އަދި މި ޤަވާއިދު ހިންގޭފަދަ ވެއްޓެއް ކޯޓުތަކުގައި ޤާއިމްވެފައިވާކަން ކަށަވަރުކުރަންޖެހޭ ކަމަށާއި އެކަން ކުރެވޭނީ އެކަށީގެންވާ ޢަދަދެއްގެ މުވައްޒަފުންނާއި އެކަށީގެންވާ ވަސީލަތްތައް ހަމަޖެހިފައި ހުރުމުގެ އިތުރުން އެކަށީގެންވާ ޖާގަ ތަނަވެސްގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަންނަ އޮކްޓޫބަރު މަހުގެ 1ވަނަ ދުވަހު އަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ މި ގަވާއިދު ވެގެންދާނީ އެ ކޯޓުތަކުގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތައް ގެންނާނެ ގަވާއިދަކަށެވެ. މި ގަވާއިދާއެކު މަތީ ކޯޓުތަކާއެއްގޮތަށް މެޖިސްޓްރޭޓް ކޯޓުތަކުގެ ހިންގުން ކުރިއަށްވުރެ ހަރުދަނާކުރެވި، ޝަރުޢީ ދާއިރާގައި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަވެގެންދާނެއެވެ.