އިނގިރޭސިލީގު ކަޕުގައި ސެމީފައިނަލުގައި ލަންޑަންގެ ވާދަވެރި ދެ ކުލަބު ވާދަކުރަން ޖެހިއްޖެއެވެ. ރޭ މުބާރާތުގެ ކުއާޓާފައިނަލުގައި ރަށުންބޭރުގައި ޗެލްސީ ވަނީ 2-0 ބްރެންޓްފޯޑްގެ މައްޗަށް ކުރިހޯދައިފައެވެ.
ބްރެންޓްފޯޑް ކޮޅަށް ޗެލްސީން ދެ ގޯލު ޖެހީ ވެސް ފަހު ވަގުތުއެވެ. މެޗުގެ 80 ވަނަ މިނިޓްގައި ޗެލްސީ ލީޑުނެގީ ބްރެންޓްފޯޑްގެ ޕޮންޓަސް ޖެންސަން އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އަދި އޭގެ ފަސް މިނިޓް ފަހުން ޗެލްސީގެ ޖޯޖީނިއޯ ޕެނަލްޓީއެއް ކާމިޔާބުކޮށް އެ ޓީމަށް ސެމީ ކަށަވަރުކޮށްދިނެވެ.
މުބާރާތުގެ ކުއާޓާފައިނަލުގައި ޓޮޓްނަމް ވަނީ ރޭ ވެސްޓްހަމްގެ މައްޗަށް ކުރި ހޯދާފައެވެ. ޓޮޓްނަމް މޮޅުވީ ވެސްޓްހޭމް އަތުން 2-1 ލަނޑުންނެވެ. ޓޮޓްނަމް މޮޅުވި ގޯލުތައް ޖެހީ ސްޓީވަން ބާގްވައިން އާއި ލޫކަސް މޯރާއެވެ. ވެސްޓް ހޭމްގެ ގޯލު ޖެހީ ޖެރޮޑް ބޮވެންއެވެ. މި ނަތީޖާއެކު ސެމީ ފައިނަލުގައި ބައްދަލުކުރާނީ އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގައި ކުޅޭ ޓޮޓެނަމް ހޮޓްސްޕާސް އާއި ޗެލްސީއެވެ. ޗެލްސީ އަކީ ކުރިން ކޮންޓޭ ޕްރިމިއާ ލީގުގައި ކޯޗުކޮށްދިން ކްލަބެކެވެ.
ސެމީގެ ފުރަތަމަ ލެގު އޮންނާނީ ޖެނުއަރީ 3ގައެވެ. ދެ ވަނަ ލެގު ކުޅޭނީ 10 ވަނަ ދުވަހުއެވެ.