ކުޅިވަރު

ޝާކުވާކުރަން ބޭނުމެއް ނޫން، މޮޅުވާން ބޭނުމީ: މޮރިއޭރޯ


މިހާރު ލަންކާގައި ކުރިޔަށްދާ ފޯނޭޝަންސް ކަޕުގައި ރާއްޖޭގެ ޓީމުން އެއްވެސް ޝަކުވާއެއް ކުރަން ބޭނުންނުވާކަމަށާއި ބޭނުންވަނީ މޮޅަށް ކުޅެ މޮޅުވާން ކަމަށް ރާއްޖޭގެ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފިއެވެ.

ރާއްޖޭގެ ކޯޗު މިމޭރުމުން ވާހަކަދައްކާފައި މިވަނީ ލަންކާގައި މުބާރާތް ކުރިޔަށްދާ ރޭސްކޯސް ދަނޑުގެ ޕިޗާ ގުޅޭގޮތުން އަވަށްޓެރި ޤައުމުތަކުގެ މީޑިޔާތަކުން މާގިނައިން ސުވާލުކުރަން ފެށުމުންނެވެ. ނޫސްވެރިންނަށް މައުލޫމާތު ދެމުން ކޯޗު ބުނީ އެއްވެސް ޝަކުވާއެއް ކުރަން ބޭނުންނުވާކަމަށެވެ.

މެޗު ކުޅޭދަނޑުގައި މިވަގުތު މައްސަލަހުރި ނަމަވެސް ބަހަނާދައްކަން ބޭނުންނުވާ ކަމަށާއި ބޭނުންވަނީ ނަތީޖާ ނެރެންކަމަށް ކޯޗުވަނީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެމުން ބުނެފައެވެ. އޭނާ ބުނީ އެންމެ ބޮޑު އަމާޒަކީ އެންމެ ފުރަތަމަ އިދިކޮޅަށް ނުކުންނަ ޓީމުކަމަށާއި އެއަށްފަހު އިތުރުކަންތައްތަކަށް ފޯކަސް ކުރާނެކަމަށެވެ. ގައުމީ ޓީމުގެ ކޯޗު މޮރިއޭރޯ ބުނީ ބޭނުންވަނީ ޝަކުވާ މަދުކޮށް ނަތީޖާއިން ސާބުތުކޮށްދޭންކަމަށެވެ.

"އަހަރެމެން އެންމެނަށް އެނގޭ ދަނޑުގެ ހާލަތު، އެއީ ދުވެގެން ކުޅެވޭވަރަށް ވުރެ ހާލުގައި އޮތް ދަނޑެއް، އަހަރެންގެ ނަޒަރުގައި އެދަނޑުގައި ކުޅެވޭނީ އުނދުހިފަ، ދަނޑުގެ ޝަކުވާނުކޮށް އަހަރަމެން މަސައްކަތް ކުރާނީ މޮޅުވާން." އިޓަލީގެ ގައުމީޓީމަށް ވެސް ކުރިން ކުޅުނު މޮރިއޭރޯ ބުންޏެވެ.

ކޯޗު ދަނޑުގެ ހާލަތާ ގުޅޭގޮތުން އިތުރަށް ބުނީ ހާލަތަށް ބަލައި ތަމްރީންތަކުގައި އަވަސް ހަލުވިމިނެއްގައި ޓީމުން މަސައްކަތްކުރަމުން އަންނަކަމަށެވެ. އޭނާ ބުނީ ނަތީޖާ ނުހޯދި މައްސަލަތައް ފާހަގަކުރާނަމަ އެކަން ކުރަންވީކަމަށާއި އެހެންނަމަވެސް މިއީ ބަހަނާ ދައްކަންވީ ވަގުތެއް ނޫންކަމަށެވެ. އިޓަލީގެ އިންޓަމިލާނަށް ކުރިން ކުޅުނު މޮރިއޭރޯ ބުނީ މިހާރު ޓީމުން މޮޅުވުމުގެ ރޫހު ފެންނަމުން ދާތީވެ އޭނާ އެކަން ދެކެނީ ވަރަށް ޕޮޒެޓިވްކަމެއްގެ ގޮތުގައި ކަމަށެވެ.

ކޯޗު މޮރިއޭރޯ ބުނީ ބަންގްލަދޭޝަކީ މުބާރާތުގައި ވާދަކުރާ އެންމެ އޯގަނައިޒް އެއްޓީމުކަމަށެވެ. އެންމެ ފަހުން ކުޅުނު މެޗަށް ބަލާއިރު އާކޯޗާއެކު ބަންގަލަދޭޝްއިން ބައެއް ބަދަލުތައް އޭނާއަށް ފާހަގަވާކަމަށް މޮރިއޭރޯ ބުންޏެވެ. މެޗުން ނަތީޖާ ހޯދޭނެކަމުގެ ފުރިހަމަ ޔަގީންކަން ބޮޑުކަން ކޯޗު ވަނީ ނޫސްވެރިންގެ ބައްދަލުވުން ނިންމަމުން ވެސް ފާހަގަކޮށްފައެވެ.

އެންމެ ފަހުން ބަންގަލަދޭޝްއާ ދެކޮޅަށް ކުޅުނު ހަތަރު މެޗުވެސް ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ.