އަންނަ އަހަރު ރިލީޒްކުރުމަށް ތާވަލުކޮށްފައިވާ ޕީރިއަޑް އެކްޝަން ޑްރާމާ ފިލްމުގައި ރަންބީރު ކަޕޫރު ފެންނާނެގޮތް ދައްކާލާއިފިއެވެ.
ޔާޝްރާޖް ފިލްމްސްއިން އުފައްދާ މި ފިލްމުގައި ރަންބީރުގެ ލުކް މި ދައްކާލީ ރަންބީރުގެ 39 ވަނަ އުފަންދުވަހާއި ދިމާކޮށެވެ. ރަންބީރުގެ މި ލުކާއިއެކު އޭނާގެ ފޭނުން ވަނީ މި ފިލްމަށް ވަރަށް ބޮޑަށް އިންތިޒާރުކުރާކަންވެސް ހާމަކޮށްފައެވެ. ފިލްމުގެ ޕޯސްޓަރުގައި ފެންނަނީ ރަންބީރުގެ ވަރަށް އިންޓެންސް ލުކް އެކެވެ.
ރަންބީރުގެ ލުކްގެ އިތުރުން ފިލްމު ރިލީޒްކުރާނެ ތާރީޚްވެސް ޕްރޮޑަކްޝަން ޓީމުން މިހާރުވަނީ ހާމަކޮށްފައެވެ. "ޝަމްޝޭރާ" ދައްކަން އަދި ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް 18 ވަނަ ދުވަހުއެވެ.
ޔާޝް ރާޖް ފިލްމްސް، ވައިއާރްއެފްގެ "ޝަމްޝޭރާ"، "އަގްނީޕަތު" ގެ ރީމޭކިންގްވެސް އުފެއްދި ކަރަން މަލޯތްރާ ޑައިރެކްޓް ކުރާ ފިލްމެކެވެ. "ޝަމްޝޭރާ" ގެ ފަސްޓްލުކް ވެސް މީގެކުރިން ވަނީ ދައްކާލާފައެވެ.
މި ފިލްމާ ބެހޭ ގޮތުން ރަންބީރު މީގެކުރިން ބުނީ މިއީ ކުޅެލަން ވަރަށް ބޭނުންވާ ޒާތުގެ ފިލްމެއް ކަމަށެވެ. މި ފިލްމުގައި އޭނާގެ ވަރުގަދަ އެކްޝަން ސީންތަކެއްވެސް ހިމެނޭނެކަމަށް ރަންބީރުވަނީ ބުނެފައެވެ. "ޝަމްޝޭރާ" ގައި ރަންބީރުގެ އިތުރުން ފިލްމު "ވޯ" އަދި "ބެލްބޮޓަމް" ގެ ތަރި ވާނީ ކަޕޫރު އަދި ސަންޖޭދަތްވެސް ލީޑްރޯލުން ފެންނާނެއެވެ.
ރަންބީރު އެންމެ ފަހުން ޔާޝްރާޖުގެ ފިލްމަކުން ފެނުނީ މީގެ 9 އަހަރު ކުރިންނެވެ. އެއީ 2009 ގައި ރިލީޒް ކުރި "ރޮކެޓް ސިންގް" އެވެ.
"ޝަމްޝޭރާ" އަކީ 2015 ގައި ރިލީޒް ކުރި ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަންގެ "ބްރަދާޒް" އަށް ފަހު ކަރަން ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމެވެ. އަދި މިއީ އޭނާ ޔާޝްރާޖުގެ ކުޑަ ދަށުން އުފައްދާ ފުރަތަމަ ފިލްމް ވެސް މެ އެވެ.
ރަންބީރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ލޯބިވެރިޔާ ޢާލިއާ ބަޓް އާއިއެކު ފެންނަ "ބްރަމްސްތްރާ" ހިމެނެއެވެ. މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ އަޔާން މުކަރްޖީއެވެ. އާލިއާ އާއި ރަންބީރްގެ އިތުރުން ވާނީ ކަޕޫރު އަދި އަމީތާބް ބައްޗަންވެސް މި ފިލްމުން ފެންނާނެއެވެ.
މީގެއިތުރުން ރެޑީ ވަންގާރް ޑައިރެކްޓްކުރާ ފިލްމު "އެނިމަލް" އަކީވެސް ރަންބީރުގެ ކުރިއަށް އޮތް ފިލްމެކެވެ. އަންނަ އަހަރުގެ ދަސޭރާއާއި ދިމާކޮށް ރިލީޒުކުރަން ތާވަލުކޮށްފައިވާ މި ފިލްމުގައި ރަންބީރާއި ޕަރިނީތީ ޗޯޕްރާ އަދި އަނިލް ކަޕޫރުވެސް ލީޑްރޯލުން ފެންނާނެއެވެ.