ޚަބަރު

"ޤާނޫނަށް ގެންނަ އިސްލާހާއެކު ދިވެހިންނަށް ކުދި ވިޔަފާރިތަކުގެ ބާރުވެރިކަން ކަށަވަރުވާނެ"


އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙު ފާސްވުމުން ދިވެހިންގެ ނަމުގައި ބިދޭސީންކުރާ ވިޔަފާރިއަށް ނިމުމަކަށް އައިސް، ދިވެހިންނަށް ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަރީގައި ބާރުވެރިކަން ލިބިގެންދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނަށް ހުށަހެޅި އިސްލާހުގެ ބިލަށް ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، އަމިއްލަ ވިޔަފާރި އެހެން މީހަކާ ޙަވާލު ކުރެވޭނެގޮތް މި އިސްލާހުން ކަނޑައެޅިގެންދާނެ ކަމަށެވެ.

ސަރުކާރުގެ ފަރާތުން މިބިލު ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމެވެ. މިބިލު ހުށަހެޅުއްވި މައިގަނޑު މަޤްޞަދަކީ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް މިހާރު ދިމާވާ ދަތިތަކަށް ޙައްލު ހޯދުމާއި އެފަދަ ވިޔަފާރިތަކުގެ ޙާލަތު ދެނެގަތުމަށް ފަސޭހަވާނެ އިންތިޒާމެއް ހަމަޖެއްސުމެވެ.

މިބިލަށް ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ރާއްޖޭގައި މިހާރުވެސް 18،000އަށްވުރެ ގިނަ ކުންފުނި ރަޖިސްޓްރީ ކޮށްފައިވާއިރު، އޭގެ ތެރެއިން %60 ކުންފުންޏަކީ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތައް ކަމަށެވެ. ކޯވިޑް-19އާއެކު ދިމާވި އިޤްތިޞާދީ ޙާލަތުގައިވެސް ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވަނީ ކުދި ވިޔަފާރިތައް ނަގައި ކޮޅަށް ޖެހުމަށެވެ. އެގޮތުން އެންމެ ފުރަތަމަވެސް މިވިޔަފާރިތައް ސަލާމަތް ކުރުމަށް 169 މިލިޔަން ޑޮލަރު ކަނޑައެޅުއްވިއެވެ. މިއަދު ކުދި ވިޔަފާރިތައް މަޑުމަޑުން ރަނގަޅުވެ ކުރީގެ ހާލަތަށް އިޔާދަވަމުންދަނީ ސަރުކާރުން އެޅި ހަރުދަނާ ސިޔާސަތުގެ ސަބަބުންކަމަށް ސަލީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙުގެ ބިލުން ޔަޤީންވެގެންދާ އެންމެމުހިންމު ކަމަކީ ރާއްޖޭގައި ވިޔަފާރި ކުރަމުންދާ ބިދޭސީންގެ ނުފޫޒުން ކުދި ވިޔަފާރިތައް ސަލާމަތްވުންކަމަށެވެ. މިބިލަށް ހުށަހެޅިފައިވާ އިސްލާހު ފާސްވުމުން މިކަން ނިމުމަކަށް އަންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިބިލަށް ވާހަކަ ދެއްކެވި ގިނަ މެމްބަރުންވެސް ވަނީ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކުގައި ބިދޭސީންގެ ކޮންޓްރޯލް އޮތުމަކީ ކަންބޮޑުވާކަމެއްކަން ފާހަގަކުރައްވާފައެވެ. ކަންމަތީ ފިހާރަތަކާއި، ކެފޭ ރެސްޓޯރެންޓުތަކުގެ ކޮންޓްރޯލްވެސް ބިދޭސީންގެ އަތުގައި އޮތް އޮތުން މިޤާނޫނުގެ ތެރެއިން ނިމުމަކަށް ގެނެވި ދިވެހިންނަށް ބާރުވެރިކަން ލިބިގެންދާނެކަމަށް މެމްބަރުން ވަނީ ފާހަގަ ކުރައްވާފައެވެ.

މި އިސްލާހުގައި ދިވެހިންގެ ނަމުގައި ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށް، ހިންގާ ވިޔަފާރިތަކުގެ ސަބަބުން އެންމެ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށާއި، ދިވެހި ރައްޔިތުންނަށް ލިބޭ އިޤްތިޞާދީ ފުރުސަތުތައް ހަނިވިޔަ ނުދިނުމަށްޓަކައި ފިޔަވަޅު އެޅޭނެ އިންތިޒާމެއް ހަމަޖެހިގެންދާނެއެވެ. އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކުރެވޭ މުއްދަތު 5 އަހަރުން 10 އަހަރަށް ބަދަލުކުރުމަށް ވެސް އިސްލާހުގައިވަނީ ހުށަހަޅާފައެވެ. އަދި މި ބިލުގައި ވިޔަފާރި އެހެން ފަރާތަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް ވެސް ވަނީ ބަޔާންކޮށްފައެވެ.