މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޗައިނާއަށް މަސްވެރިކަމުގެ އުފެއްދުންތައް އެކްސްޕޯޓުކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައިވާ ނޫ ޢިޤްތިޞާދާއި ގުޅޭ ދެދުވަހުގެ ފަންނީ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކޮންގް ޝިންހުއާ ވަނީ ނޫއިޤްތިޞާދު ކުރިއަރަމުންދާއިރު ޗައިނާ-ރާއްޖޭގެ ގުޅުމުގެ ތެރެއިން މިދައިރާއިން ގުޅުން ބަދަހިކުމަކީ މުހިންމު ކަމެއް ކަމަށް ދެކޭ ކަމަށް ވިދާޅުވެފައެވެ. އަދި މިސިނާޢަތުގެ ތަރައްޤީއަށް މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެއެވެ.
މިވަގުތުވެސް ރާއްޖޭގެ ފަރާތުން ބައިވެރިންތަކެއް މިސިނާޢަތުގެ ސެމިނަރއެއްގައި ބައިވެރިވެ މަސްވެރިކަމުގެ އުފެއްދުންތަކާއި މަސް އާލާކުރުމާއި ނޫ އިޤްތިޞާދުގެ ތަރައްޤީގެ މަސައްކަތްތައް ދަސްކުރަމުންދާ ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި މިދިޔަ އަަހަރު ޗައިނާގެ ތަޖުރިބާކާރުން ހުއިފިލަނޑާ އާލާކުރުމާއި ގުޅޭ ތަމްރީނެއް ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވާކަންވެސް ސަފީރު ވަނީ ފާހަގަކުރެއްވިއެވެ.
ސަފީރުގެ މިވާހަކަތައް ގުޅުވާލެއްވީ ޗައިނާއާއި ރާއްޖެ ދެމެދު ޢަމަލުކުރަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއިއެވެ. ސަފީރު ވިދާޅުވީ ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް އިތުރުކޮށް ސިނާޢަތް ތަރައްޤީކުރުމުގެ މަސައްކަތް ޗައިނާއި ރާއްޖެ ގުޅިގެން ކުރިއަށްގެންދާއިރު، މިއެއްބަސްވުމުގެ ސަބަބުން ޗައިނާގެ ބާޒާރު ދިވެހިންނަށް ވަރަށް ފުޅާކޮށް ހުޅުވިގެން ގޮސްފައިވާ ކަމަށެވެ.
"މިކަމުގެ ސަބަބުން ޗައިނާގެ ބޮޑު ބާޒާރު ދިވެހި މަހުގެ އުފެއްދުންތަކަށް ހުޅުވިގެން ދިޔަ. މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓުކުރާ މިންވަރު އަހަރުން އަހަރަށް ބަލާނަމަ އިތުރުވެފައިވޭ. އެކަމަކު އަޅުގަނޑު ޤަބޫލުކުރަނީ މިއީ ހަމައެކަނި ފެށުމެއް ކަމަށް. ވަރަށް ކުޑަ ފެށުމެއް. އަދި ވަރަށް ބޮޑު ފުރުސަތެއް ގޮތުގައި އަޅުގަނޑު ޤަބޫލުކުރަނީ." ސަފީރު ކޮންގ ޝިންހުއާ ވިދާޅުވިއެވެ.
ސަފީރު ވަނީ މި އެއްބަސްވުމުގެ ދަށުން ދިވެހި ކަނޑުމަހުގެ ގިނަ އުފެއްދުންތަކެއް ޗައިނާގެ ބާޒާރަށް 0 އިންސައްތަ ޓެރިފެއްގައި ބޭރުކުރެވޭ ކަމަށެވެ. އަދި މިއީ މި ސިނާޢަތަށް ލިބޭ ކުރިއެރުމެއްގެއިތުރު މަހުގެ ބާޒާރު ފުޅާކުރުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ސަފީރު ސިފަކުރެއްވިއެވެ.
ސަފީރުގެ ވާހަކަފުޅުގައި ދިވެހި މަސްވެރިކަމަށް އާރޯކަން ގެނުވައި، މަސްވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކޮށް ކަނޑުގެ އެކި އުފެއްދުންތައް ބޭރުކުރެވޭ މިންވަރު އިތުރުވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި މިކަމުން ނޫއިޤްތިޞާދު ތަރައްޤީވެ، މަސްވެރިކަމުގެ ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރައި، މިހާރަށް ވުރެ ގިނަ ދިވެހި ޒުވާނުން މިދައިރާއާއި ގުޅޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.