ޚަބަރު

ކޮންގްރެސް ބާއްވާނީ އާންމުންނަށް ހުޅުވާލައިގެން: އެމްޑީޕީ


  • ކޮންގްރެސް ފަށާނީ އޮކްޓޫބަރު 1ގައި

  • އަސާސީ ގަވާއިދު ފާސްކުރުން ކުރިއަށްދާނެ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ކޮންގްރެސް ބާއްވަން ނިންމާފައިވަނީ އާންމުންނަށް ހުޅުވާލައިގެން ކަމަށް އެ ޕާޓީން ބުނެފިއެވެ. އެ ޕާޓީން މިކަން ހާމަކުރީ ކޮންގްރެސްއާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއަރޕަރސަންގެ ނައިބު، އިބްރާޙިމް ވަހީދު ވިދާޅުވީ ކޮންގްރެސް ބޭއްވުމަށް މާލެ ސިޓީ ހޯލު ލިބިފައިވާ ކަމަށެވެ. އެތަނުގައި ޓެންޓު ޖަހައިގެން އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 3 ދުވަހުގެ މުއްދަތަކަށް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއަރޕަރސަންގެ ނައިބު، މުޙައްމަދު ޝިފާޒު ވިދާޅުވީ ކޮންގްރެސްމަނުންގެ ގޮތުގައި ބައިވެރިވެވޭ 986 ބޭފުޅުން މިވަގުތު އެ ޕާޓީގައި އެބަތިބި ކަމަށެވެ. އަދި ރަޖިސްޓްރޭޝަނަށް މިހާރު ހުޅުވާލާފައިވާއިރު ގިނަ ބަޔަކު ރަޖިސްޓްރީ ކުރަމުންދާ ކަމަށާއި އެ މަރުހަލާ އެއްކޮށް ނިމޭއިރު ހުރިހާ ކޮންގްރެސްމަނުން ރަޖިސްޓްރީ ކުރާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ.

ޝިފާޒު ވިދާޅުވީ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތު އޮކްޓޫބަރު 1ވާ ބުރާސްފަތި ދުވަހު ބޭއްވުމަށްފަހު ހުކުރު ދުވަހުގެ މެންދުރުފަހު ސެޝަންތައް ބާއްވާނެ ކަމަށެވެ. އަދި ހޮނިހިރު ދުވަހު އިތުރު ސެޝަންތައް ބާއްވައި ޕާޓީގެ އަސާސީ ޤަވާއިދާ ގުޅުންހުރި ބަހުސްތަކާއި ހުށަހަޅާފައިވާ އިސްލާހުތަކާމެދު ގޮތެއް ނިންމާނެ ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ ކޮންގްރެސް ބަލަން ނުވަތަ އަޑުއަހަން ބޭނުންވާ ކޮންމެ މީހަކަށްވެސް އެފުރުސަތު ލިބޭނެ ގޮތަށް އާންމުންނަށް ހުޅުވާލާފައިވާނެ ކަމަށްވެސް ޝިފާޒް ވިދާޅުވިއެވެ.

"ސިޓީ ކައުންސިލްގެ ހޯލުގައި އަޅުގަނޑުމެން މި ކޮންގްރެސް ބޭއްވި ނަމަވެސް މި ކޮންގްރެސް ބެލުމަށާއި އަޑު އެހުމަށާއި އަދި ކޮންގްރެސްމަނުން ނޫނަސް އެމްޑީޕީގެ އާންމު މެންބަރުންނަށް އަދި ޝައުގުވެރިކަން ހުރި ހުރިހާ ފަރާތްތަކަށްވެސް ހަމަ ހުޅުވާލެވިފައި މިވަނީ. އެހެންވީމަ މި ކޮންގްރެސްއަކީ ބަންދުކޮށްގެން ބާއްވާ ކޮންގްރެސްއެއް ނޫން،" އެމްޑީޕީގެ ޗެއަރޕަރސަންގެ ނައިބު، މުޙައްމަދު ޝިފާޒު ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ މާލެ ސިޓީ ހޯލުގައި ކޮންގްރެސް ބޭއްވި ނަމަވެސް މިއަހަރު ބާއްވާ އެ ޕާޓީގެ ކޮންގްރެސް ވާނީ ޕާޓީގެ މެންބަރުން ފަޚުރުވެރިވާވަރުގެ ކޮންގްރެސްއަކަށް ކަމަށެވެ.

އެމްޑީޕީގެ ކޮންގްރެސްގައި ކުރީގެ ރައީސް ނަޝީދު އެމްޑީޕީގެ ޗެއަރޕަރސަންގެ މަޤާމާއި ރަސްމީކޮށް ހަވާލުވެވަޑައިގަތުންވެސް އޮންނާނެއެވެ. އެމަނިކުފާނު އެ މަޤާމަށް އިންތިޚާބުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 12ވަނަ ދުވަހުއެވެ. މިއާއެކު ޕާޓީގެ ކުރިއަށް އޮތް ކޮންގްރެސްގެ ތެރެއިން ޕާޓީގެ އަސާސީ ޤަވާއިދަށް ބަދަލުތަކެއް ގެންނަވާނެކަމަށް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ. މީގެއިތުރުން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީއާ ގުޅޭ ކަންކަން ނިންމާނެކަމަށް ބެލެވެއެވެ.