ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، އދ.ގެ ޢާންމު މަޖިލީހުގެ ރައީސްކަމުގެ ހުވާކުރައްވައި އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތާއި ހަވާލުވެވަޑައިގެންފިއެވެ.
އެމެރިކާގެ ނިއުޔޯކުގައި ހުންނަ އެކުވެރިދައުލަތްތައް(އދ)ގެ މައި ޢިދާރާގައި އާންމު މަޖިލީހުގެ 75ވަނަ ސެޝަން ނިމުމާއެކު 76ވަނަ ސެޝަންފެށިގެންދިޔައީ އަބްދުﷲ ޝާހިދު މަޤާމުގެ ހުވާކުރެއްވުމާއެކުގައެވެ.
އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ދެއްވި ތަޤުރީރުގައި ދިވެހި ބަހުން މުޚާތަބުކުރައްވަމުން އަބްދުﷲ ޝާހިދުވަނީ ދިވެހި ރާއްޖެއަށް ޤައުމުތަކުން ދެއްވި ޢިއްޒަތާއި ޝަރަފަށްޓަކައި އިޚްލާސްތެރި ކަމާއެކު ޝުކުރުދަންވާފައެވެ.
ރާއްޖެއަށް މި ލިބިގެންދިޔަ ފަޚުރުވެރި ކާމިޔާބީ ފާހަގަކުރައްވަމުން ރާއްޖޭގެ ޚާރިޖީވަޒީރުކަންވެސް ކުރައްވަމުންގެންދަވާ އަބްދުﷲ ޝާހިދު ވިދާޅުވީ، މިއަދު ދިވެހިރާއްޖޭގެ ފެއްސާއި ރަތާއި ހުދުގެ ފަޚްރުވެރި ދިދަ ވިހުރުވެމުން ދަނީ ބައިނަލްއަޤްވާމީ އެންމެ އުސް ކުރިބޯށީގައިކަމަށެވެ.
"ދިވެހި ޤައުމުގެ ފަޚްރުވެރި އަބްޠާލުންގެ މަތިވެރި ޖިހާދާއި، ދިވެހި ރައްޔިތުންގެ ހިތްވަރުގަދަ ޤުރުބާނީގެ ސަބަބުން މިއަދު ދިވެހި ދައުލަތުގެ ނަން ވިދަމުން ދަނީ ބައިނަލްއަޤްވާމީ އުދަރެހުގެ އެންމެ އުހުގައި. މި ހިނދު އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބެއްކަމުގައި ދެކެނީ ދިވެހި ރާއްޖެއަށް މިފަދަ މަތިވެރި ޝަރަފްވެރި ފަޚުރެއް މިންވަރު ކުރެއްވި ކަމަށްޓަކައި އަރަހުށި ހުސްޠާހިރުވަންތަ މާތްاالله ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރުކުރުން" އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.
ރާއްޖެއަށް މިއަދު ލިބިގެން މިދާ ކުރިއެރުންތަކަކީ ރައީސް ޞާލިޙުގެ ޚާރިޖީ ސިޔާސަތު ދުނިޔެ ބަލައިގެންފައިވާ ކަމުގެ ހެއްކެއްކަމަށާއި، މިއީ ދިވެހި ރާއްޖެއާއި ބޭރުދުނިޔެއާ މިއަދު އޮތް ބަދަހި ގާތް ގުޅުމުގެ ދަލީލެއްކަމަށެވެ.
"މިއަދު މި ފެންނަމުން މދަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ޒަޢާމަތުގެ ދަށުން ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖެ ހޯދަމުންދާ މަތިވެރި މަޤާމް"ޝާހިދު ވިދާޅުވިއެވެ.
މި ތަޤްރީރުގައި އެމަނިކުފާނުގެ ރިޔާސަތުގެ ދަށުން އެންމެ އިސްކަންދެއްވާނެ ކަންކަމާއި ކުރިއަރުވާނެ އެކިއެކި ދާއިރާތަކަށް ވަނީ އަލި އަޅުއްވާލައްވާފައެވެ.
މިގޮތުން ކޯވިޑުން އަރައިގަތުމަށް ޤައުމުތައް އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމުގެ މުހިއްމުކަމާއި، މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށް އެމަނިކުފާނު ޚާއްސަ އިސްކަމެއް ދެއްވާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.
އދ.ގެ 76ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އިންތިޚާބުވެވަޑައިގެންނެވީ ޖޫންމަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އދ.ގެ މެންބަރު 191 ޤައުމުގެ ތެރެއިން 143 ޤައުމުގެ ވޯޓު ކާމިޔާބުކޮށްގެންނެވެ.