ޚަބަރު

އދ.އަށް ކަނޑައަޅާފައިވާ ސަފީރުންނާއި މިނިސްޓަރ ޝާހިދު ބައްދަލުކުރައްވަން ފައްޓަވައިފި


އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުވެވަޑައިގެންފައިވާ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، ނިއުޔޯކްގައި ތިއްބަވާ އެކި ޤައުމުތަކުގެ ސަފީރުންނާއި ބައްދަލުކުރައްވަން ފައްޓަވައިފިއެވެ.

ޢާންމު މަޖިލީހުގެ ރިޔާސަތާއި ހަވަލުވެވަޑައިގަތުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، އެމެރިކާގެ ނިއުޔޯކަށް ވަޑައިގަތީ މިމަހުގެ 29 ވަނަ ދުވަހުއެވެ.

އދ.ގެ ޢާންމު މަޖިލިސް ހުންނަ ނިއުޔޯކަށް ވަޑައިގެން، އެކި ޤައުމުތަކުގެ ސަފީރުންނާއި ސިލްސިލާކޮށް ކުރިއަށްގެންދަވާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އިއްޔެ ވަނީ އިޓަލީވިލާތުން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު މައުރީޒިއޯ މަސަރާއީ އާއި ބައްދަލުކުރައްވާފައެވެ.

އިޓަލީއަކީ މަލްޓިލޭޓަރަލް ނިޒާމަށް ޒަމާނުއްސުރެ ސަޕޯޓްކުރާ ގައުމެއްކަން ފާހަގަކުރައްވައި، އެމަނިކުފާނުގެ އުއްމީދުގެ ރިޔާސަތަށް އިޓަލީވިލާތުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ސަފީރު ވިދާޅުވިކަން މިނިސްޓަރ ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ. އިޓަލީވިލާތުގެ ސަފީރު ވަނީ ތިމާވެއްޓާއި، ސިއްހީ ދާއިރާއާއި، އިންސާނީ ހައްޤުތަކާ އަންހެނުންގެ ހައްޤުތަކުގެ ދާއިރާގެ އިތުރުން ޒުވާނުންގެ ކަންތަކުގައި ގުޅިގެން މަސައްކަތްކުރަން އިޓަލީވިލާތުން ތައްޔާރަށް އޮތްކަން ހާމަކުރައްވާފައެވެ.

ސްލޮވީނިއާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ބޮސްޖާން މަލްވޯ އާއި މިނިސްޓަރ ޝާހިދު އިއްޔެ ބައްދަލުކުރައްވައި، އދގެ ޢާއްމު މަޖިލީހުގެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

ސްލޮވީނިއާއަކީ މިނިސްޓަރ ޝާހިދުގެ ރިޔާސަތުގައި އާއްމު މަޖިލީހުގެ ނައިބު ރައީސްކަން ކުރާނެ އެއް ޤައުމެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ ރިޔާސަތުގައި އާއްމު މަޖިލީހުގައި އިސްކަން ދެއްވާނެ ކަންތައްތަކާ ބެހޭ ގޮތުންނާއި، ސްލޮވީނިއާއިން ވިލާތުގެ އިއްތިޙާދުގެ ރިޔާސަތުގައި އިސްކަން ދޭނެ ކަންތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ލިންޑާ ތޮމަސް-ގްރީންފިލްޑްއާ ވެސް އިއްޔެ މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ރިޔާސަތަށް އެމެރިކާގެ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ދެއްވީތީ އުފާކުރައްވާކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު އދގެ ސަލާމަތީ މަޖިލީހުގެ ރިޔާސަތާ ސެޕްޓެމްބަރުގައި ހަވާލުވާ އަޔަލެންޑްއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޖެރަލްޑީން ނޭސަން އާއިވެސް މިނިސްޓަރ ޝާހިދު އިއްޔެ ބައްދަލުކުރެއްވިއެވެ. އަދި އެކަމަނާ ވަނީ އދގެ ސަލާމަތީ މަޖިލީހުގައި އަޔަލެންޑުން އިސްކަން ދޭން ރާވާފައިވާ ކަންކަމާ ބެހޭ މައުލޫމާތު މިނިސްޓަރ ޝާހިދުއާ ހިއްސާކުރައްވާފައެވެ.

އދގެ ސެކްރެޓަރީ ޖެނެރަލްގެ ޔޫތު އެންވޯއީ ޖަޔަތުމާ ވިކްރަމަނަޔަކަ އާއި ޔޫތު އެޑްވައިޒަރީ ގްރޫޕް އޮން ކްލައިމެޓް ޗޭންޖް އާއިވެސް މިނިސްޓަރ ޝާހިދު ވަނީ އިއްޔެ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އދގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާ ބެހޭ ގޮތުން ގިނަ މަޝްވަރާތަކެއް ކުރެވިކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

އދގެ ސަލާމަތީ މަޖިލީހުގެ ޚާއްސަ ބައްދަލުވުމަކަށް މިވަގުތު ނިއުޔޯކަށް ވަޑައިގެން ހުންނެވި އެ ކައުންސިލްގެ މިމަހުގެ ރިޔާސަތު ބެލެހެއްޓި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާއާއިވެސް މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ. އަދި އިންޑިއާއިން ސަލާމަތީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓި ގޮތުގެ ފުރިހަމަކަމަށް މިނިސްޓަރ ޝާހިދު ވަނީ ތައުރީފުކުރައްވާފައެވެ.

އދ.ގެ ޢާންމު މަޖިލީހަކީ 193 މެމްބަރު ގައުމުގެ މައްޗަށް އެކުލެވޭ އާންމު މަޖިލީހެވެ. މި މަޖިލީހަކީ ދުނިޔޭގެ ހުރިހާ ގައުމަކުން ތަމްސީލުކުރާ ދަރުބާރަކަށް ވުމާއެކު، މިއީ ދުނިޔޭގެ ގައުމުތަކަށް ކުރިމަތިވާ ތަފާތު މައްސަލަތަކާމެދު ބަހުސްކުރެވޭ، އަދި އެވަގުތެއްގެ ދުނިޔޭގެ ސިޔާސީ، އިޤްތިސާދީ އަދި އިޖުތިމާއީ ހާލަތު ވަރަށްވެސް ރަނގަޅަށް ތަމްސީލުކޮށްދޭ މަޖިލީހެކެވެ.

އާންމު މަޖިލީހުން، އދ.ގައި އަދާކުރާ މައިގަނޑު މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ޔޫއެންގެ ސެކިއުރިޓީ ކައުންސިލްގެ ލަފާގެ މަތިން، ޖަމިއްޔާގެ ސެކެޓްރީ ޖެނެރަލް އައްޔަން ކުރުމާއި، ސެކިއުރިޓީ ކައުންސިލްގެ ދާއިމީ ނޫން މެމްބަރުން އައްޔަން ކުރުމާއި، ޔޫއެންގެ ބަޖެޓު ފާސްކުރުން ހިމެނއެވެ.

އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތު، ރާއްޖޭގެ ފޮރިންގ މިނިސްޓަރ އަބުދުﷲ ޝާހިދު ކާމިޔާބު ކުރެއްވުމަށްފަހު، ޢާންމު މަޖިލީހުގެ އިންތިޚާބީ ރައީސެއްގެ ހައިސިއްތުން މިނިސްޓަރ ޝާހިދު ވަނީ ދުނިޔޭގެ ބައެއް ގައުމުތަކަށް ދަތުރު ކުރައްވާފައެވެ.